ފައިސާ ޗާޕުކުރާ މައްސަލަ ހޫނުވެފައި އޮއްވައި ޑެޕިއުޓީ ގަވަރުނަރު ވަކިކުރަނީ

ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު: އޭނާ ވަކިކުރަން މާލިއްޔަތު ކޮމިޓީއަށް ވަނީ ހުށަހަޅާފައި --

މަރުކަޒީ ބޭންކް، އެމްއެމްއޭ މެދުވެރިކޮށް ފައިސާ ޗާޕުކުރާ މައްސަލަ ހޫނުވެފައި އޮއްވައި، ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ހުށަހަޅައިފިއެވެ.

އެމްއެމްއޭއަށް ހުޅުމާލެއިން ބިމެއް ވިއްކައި ދިވެހި ސަރުކާރަށް 15 ބިލިއަނެއްހައި ރުފިޔާ ނަގަން އުޅޭކަން 'ސަން'އަށް ވަނީ ކަށަވަރުވެފައެވެ. އެނގިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަނީ އެމްއެމްއޭއަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ދަށުގައި އޮތް ހުޅުމާލެއިން ބޮޑު ބިމެއް 15 ބިލަނާއި 14 ބިލިއަނެއްހާ ރުފިޔާއަށް ވިއްކާށެވެ.

އެ ކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މިއަދު ވަނީ ޑެޕިއުޓީ ގަވަރުނަރުކަމުން އަހުމަދު އިމާދު ވަކިކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭން ހުށަހަޅާފައެވެ. އެ ގޮތަށް ހުށަހެޅުއްވީ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނެވެ. ދެ މެންބަރުންނަކީ ވެސް މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް ޕީއެންސީއަށް ނިސްބަތްވާ ދެ މެންބަރުންނެވެ.

https://sun.mv/203513

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ދެ މެންބަރަކު ފިޔަވާ ދެން ތިއްބެވި ހުރިހާ މެންބަރުންގެ ވޯޓާ އެކު ޑެޕިއުޓީ ގަވަރުނަރު ވަކިކުރާ މައްސަލަ ތަޅުމަށް ހުށަހަޅަން ވަނީ ފާސްކޮށްފައެވެ.

އެހެންވެ، ޑެޕިއުޓީ ގަވަރުނަރު ވަކިކުރަން ލަފާދޭ މައްސަލަ ތަޅުމަށް ހުށަހަޅާނެއެވެ. އެ މައްސަލަ ކޮމިޓީއަށް ކުރިއަށް ގެންދެވޭނީ ތަޅުމުން ފާސްކުރުމުންނެވެ. އެއަށް ފަހު، އަދި ކޮމިޓީން ނިންމާ ގޮތެއް ތަޅުމުން ފާސްކުރަން ޖެހޭނެއެވެ.

ޑެޕިއުޓީ ގަވަރުނަރުކަމަށް އިމާދު އައްޔަންކުރީ މިދިޔަ ސަރުކާރުގައި 2020 ވަނަ އަހަރެވެ. އޭނާ ގެންދަވަނީ 2000 ވަނަ އަހަރުން ފެށިގެން އެމްއެމްއޭގައި މަސައްކަތްކުރައްވަމުންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފައިސާ ޗާޕުނުކުރާނެކަމަށް ވައުދުވެވަޑައިގެންފައެވެ. އެ މަނިކުފާނު ވެރިކަމަށް ވަޑައިގެން ވެސް ތަކުރާރުކޮށް އެތައް ތަނެއްގައި ވަނީ ފައިސާ ޗާޕުނުކުރާނެ ކަމަށް ވިދާޅުވެފައެވެ. މި ވެރިކަމުގެ އެންމެ ބޮޑެތި ކާމިޔާބީތަކުގެ ތެރޭގައި ވެސް ފައިސާ ޗާޕުނުކުރުން އެ މަނިކުފާނު ހިމަނުއްވައެވެ.

އިގުތިސާދީ ގޮތުން ބަލާއިރު މަރުކަޒީ ބޭންކްގައި ސާކިއުލޭޝަނަށް ނުނެރެ ހުންނަ ފައިސާ އެގޮތަށް އިންޖެކްޓްކުރުމަކީ ހަމަ ފައިސާ ޗާޕުކުރުމެވެ. އިގުތިސާދީ ގޮތުން ފައިސާ ޗާޕުކުރުން ކިޔަނީ 'ޕްރިންޓަރަކުން' ޕްރިންޓްކުރުމަށް އެކަންޏެއް ނޫނެވެ.

https://sun.mv/203525

ފާހަގަކޮށްލެވޭ ގޮތުގައި މި މައްސަލަ ބޮޑުވެފައި އޮއްވައި އެމްއެމްއޭގެ ބޯޑުގައި ފިނޭންސް މިނިސްޓްރީ ތަމުސީލުކުރައްވާ އަހުމަދު ޒަޔާން މުހައްމަދު އިއްޔެ ވަނީ އިސްތިއުފާދެއްވައިފައެވެ. އެ ބޯޑުގައި އިކޮނަމިކް މިނިސްޓްރީ ތަމުސީލުކުރާ ޝުހާދު އިބްރާހިމް ވެސް ވަނީ އެ ބޯޑުން މިއަދު އިސްތިއުފާދެއްވައިފައެވެ.

އެކަމަކު، ފައިސާ ޗާޕުކުރަން ނިންމި ނިންމުމާ ގުޅޭ ގޮތުން ސަރުކާރުން މިހާތަނަށް ބަހެއް ނުބުނެއެވެ.

'ސަން'އާ ވާހަކަދެއްކި ބައެއް އިގުތިސާދީ ދާއިރާގެ ބޭފުޅުން ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރަނީ މި އަހަރު ރާއްޖެއިން ދައްކަން ހުރި ދަރަނިތައް ދައްކަން ބޭނުންވާ ފައިސާ ހޯދާށެވެ.

ރާއްޖެއިން މި އަހަރު ބޮޑު އަދަދެއް ދަރަންޏަށް ދައްކަން ޖެހެއެވެ.

https://sun.mv/203521

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިއްސާކުރެއްވި މައުލޫމާތެއްގައި ވާގޮތުން މި މަހުގެ ނިޔަލަށް ވެސް ރާއްޖެއިން 150 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. އަންނަ މަހު ވެސް 25 މިލިއަން ޑޮލަރު ދައްކަން ޖެހެއެވެ. ރާއްޖެއިން މި އަހަރު ޖުމުލަ 800 މިލިއަނެއްހައި ޑޮލަރު ދަރަންޏަށް ދައްކަންޖެހެއެވެ. އެއީ، ގާތްގަނޑަކަށް 12 ނުވަތަ 13 ބިލިއަނެއްހާ ދިވެހި ރުފިޔާއެވެ.

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ ގޮތުން، ނަޝީދު ވެސް ވަނީ ފައިސާ ޗާޕުކޮށްފި ނަމަ ޑޮލަރު ރޭޓު 24 ރުފިޔާއަށް އަރާނެ ކަމަށް އަންދާޒާކުރައްވާފައެވެ. އެމްޑީޕީން ވެސް ވަނީ އެ ކަމުގެ ބުރަ އުފުލަން ޖެހޭނީ ރައްޔިތުން ކަމަށް ބުނެފައެވެ.

މިދިޔަ ސަރުކާރުގައި ވެސް އިގުތިސާދީ ހާލަތު ގޯސްވެ، ފައިސާ ޗާޕުކުރަން ނިންމިއެވެ.

އެ ސަރުކާރުން އަށް ބިލިއަނެއްހާ ރުފިޔާ ޗާޕުކުރީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން އެއްކޮށް ހުއްޓި އިތުރު ގޮތެއް ނެތިގެން ކަމަށް އޭރު ސަރުކާރުގައި ތިއްބެވި ފަރާތްތަކުން ބުނެއެވެ. މި ސަރުކާރުން ވެރިކަމަށް އައީ އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

comment ކޮމެންޓް