އައިއެމްއެފުން ތަކުރާރުކޮށް އެއް ވާހަކައެއް، ޚަރަދު ކުޑަކުރޭ!

ކެބިނެޓް ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

މާލީ ހާލަތު ގޯސްވާތީ ޚަރަދުކުޑަކުރަން އަނެއްކާ ވެސް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން އަނެއްކާ ވެސް މިއަދު ގޮވާލައިފިއެވެ.

މާލީ ދަތިތައް ކުރިމަތިވެ، ސަރުކާރުން ވަނީ މި އަހަރުގެ ބަޖެޓުގައި ވެސް 7.7 ބިލިއަން ރުފިޔާގެ މާލީ އިސްލާހީ ފިޔަވަޅުތައް ހިމަނާފައެވެ. އެކަމަކު، އެ އިސްލާހުތައް ތަންފީޒުވުން ލަސްވާކަމުގެ ކަންބޮޑުވުން މި ފަހުން ވަނީ ބޮޑުވެފައެވެ.

މާލީ ހާލަތާ ގުޅޭ އަހަރީ ރިޕޯޓު ތައްޔާރުކުރަން މި މަހު ތިންވަނަ ދުވަހުން ފެށިގެން 16 އާ ހަމައަށް އައިއެމްއެފްގެ ވަފުދެއް ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެ ދަތުރަށް ފަހު އެކުލަވައިލި ރިޕޯޓު މިއަދު ވަނީ އާންމުކޮށްފައެވެ.

ދަތުރަށް ފަހު އެ ވަފުދުގައި އިސްކޮށް ހުންނެވި ޕިޔާޕޯން ސޮދްސްރިވިބޫން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސަބަބުން އިގުތިސާދު ކުރިއަރާ ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލް ހުޅުވުމުން ފަތުރުވެރިކަން ކުރިއަރާނެކަން ވަނީ ފާހަގަކޮށްފައެވެ.

މި އަހަރު އިންފްލޭޝަން ވެސް 2.3 އިންސައްތައަށް އަރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބާޒާރުގައި ދޮންކޭލާއި އަނބު: ތަކެތީގެ އަގުތައް އުފުލޭނެ ކަމަށް ވަނީ އަންދާޒާކޮށްފައި -- ސަން ފޮޓޯ/ މޫސާ ނަދީމް

މީގެ އިތުރުން، އެ ރިޕޯޓުގައި ވަނީ ރާއްޖޭގެ ދަރަނި ބޮޑުވެ ބޭރު ފައިސާގެ ރިޒާވަށް ބާރުބޮޑުވާކަން ފާހަގަކޮށްފައެވެ. އައިއެމްއެފުން ބުނީ، ދަރަނި ކުޑަވާން ނެތް ކަމަށާއި އެހެންވެ، ވީހާ ވެސް އަވަހަށް ނިޒާމީ ބަދަލުތައް ގެންނަންޖެހޭކަން ވަނީ ފާހަގަކޮށްފައެވެ.

"ވަރަށް އަވަހަށް މެކްރޯއިކޮނަމިކް ހަމަޖެހުމާއި ދަރަނި ހަމަޖައްސަން ރާއްޖެއިން ދަތުރުކުރަމުން އަންނަނީ ނާޒުކު ފައްތަރެއްގައި،" އެ ބަޔާނުގައިވެއެވެ.

އައިއެމްއެފުން ވަނީ ފައިސާ ޗާޕުކުރުން ހުއްޓާލިކަން ފާހަގަކޮށްފައެވެ. އެ ކަމާ ގުޅޭ ގާނޫނުތަކަށް ގެނައި ބަދަލުތަކަށް ވެސް އެ ބަޔާނުގައި މަރުޙަބާ ކިޔާފައިވެއެވެ.

އެކަމަކު، އިގުތިސާދީ ހަމަޖެހުން ގެންނަން ބަޖެޓުގައި ހިމަނާފައި ހުރި އިގުތިސާދީ ރިފޯމް އެޖެންޑާގެ ކަންކަން ވީހާ ވެސް އަވަހަށް ފަށަންޖެހޭކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އައިއެމްއެފުން ބުނީ، އާމްދަނީ އިތުރުކުރަން ސަރުކާރުން ގިނަ ފިޔަވަޅުތަކެއް އެޅި ނަމަވެސް ވީހާ ވެސް އަވަހަށް ޚަރަދުކުޑަކުރަން ބޮޑެތި ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށެވެ.

އައިއެމްއެފް: އައިއެމްއެފުން ވަނީ ޚަރަދުކުޑަކުރަން އަނެއްކާ ވެސް ގޮވާލާފައި --

އެ އިދާރާއިން ވަނީ ސަބްސިޑީތައް ޓާގެޓުކުރުމާއި ސީދާ ގޭބިސީތަކަށް ލިބޭ ގޮތަށް ބަދަލުކުރުން އަވަސްކުރަން ވެސް ގޮވާލައިފައެވެ. އޭގެ ތެރޭގައި ކުންފުނިތައް ރިފޯމްކުރުމާއި އާސަންދަ ރިފޯމްކުރުން ވެސް އަވަސްކުރަން އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

"ވިޔަފާރީގެ މާހައުލާއި ހިންގުން ރަނގަޅުކުރުމާއި، ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމާއި، ހުނަރު ތަރައްގީކުރުމުގެ މަގުސަދުގައި ނިޒާމީ ރިފޯމްތައް ކުރިއަށް ގެންދިއުމަކީ، ކުރިއެރުން ދަމަހައްޓަން މުހިންމު އިސްލާހެއް،" ބަޔާނުގައިވެއެވެ.

މާލީ ހާލަތު ގޯސްވެ، ބޭރުގެ މާލީ އިދާރާތަކުން ޚަރަދު ކުޑަކުރަން ގޮވާލައިތާ އެތައް ދުވަހެއް ވަނީ ވެފައެވެ.

ޚަރަދު ކުޑަކުރާތަން އަދިވެސް ނުފެނި، އިގުތިސާދީ ހާލަތު ދަށްވާކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވެސް މި ފަހުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، އިގުތިސާދީ އިސްލާހީ އެޖެންޑާގެ ތެރެއިން ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ބަޖެޓުގައި ހިމެނި 7.7 ބިލިއަން ރުފިޔާ ސަޕްލިމެންޓްކުރަން ޖެހޭނެ ކަމަށް ކުރީގެ މާލީ ވަޒީރު އިބްރާހިމް އަމީރު ވެސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

https://www.sun.mv/202609

މާލީ އިސްލާހެއް ފިޔަވަޅެއްގެ ގޮތުން ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި މަޖިލީސް މެންބަރުންގެ މުސާރައިން އިންސައްތައެއް ކުޑަކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވިއެވެ.

އެކަމަކު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްޔެ ވަނީ އެއީ މިހާރު އޮތް ގާނޫނު ބަދަލުނުކޮށް ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސަށް ލަފާދޭން ނިންމައިފައެވެ.

މާލީ ހާލަތު ދަށްވެ، ބޭރުގެ އިދާރާތަކުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް ދައުލަތަށް ލިބުނު އާމްދަނީ ވެސް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެ ކަމާ ގުޅިގެން ސުވާލުކުރުމުން އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު ސީދާ ސަބަބެއް ވިދާޅެއް ނުވެއެވެ. ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ޖެހޭނީ ބައްލަވާލައްވަން ކަމަށް އޭނާ ވިދާޅުވިއެވެ.

އިގުތިސާދީ ހާލަތާ ގުޅިގެން ކަންބޮޑުވުން ބޮޑުވެފައި އޮތް ނަމަވެސް އިސްލާހީ ފިޔަވަޅުތަކާ އެކު ހާލަތު ރަނގަޅުވާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއެވެ.

comment ކޮމެންޓް