ދެހާސް އަށާވީހުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީއަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ކުރިމަތިލެއްވީ، އެ މަނިކުފާނުގެ ތާއިދާއެކީގައިކަން ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު މިރޭ ހާމަކުރައްވައިފިއެވެ.
ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ފައިސަލާއެކު ރަނިންމޭޓަކަށް ނެރުއްވަނީ، މާލޭގެ މޭޔަރު އާދަމް އާޒިމެވެ. އެ ދެބޭފުޅުންގެ މިރޭގެ ކެމްޕެއިން ޖަލްސާ ޝަރަފުވެރިކޮށްދެއްވީ، ޞާލިހެވެ.
އެ ޖަލްސާ ނިންމާލި ފަހުން ސަންގު ޓީވީން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޞާލިހު ވަނީ، ފައިސަލާއި އާޒިމް ވާދަކުރައްވަނީ އެ މަނިކުފާނުގެ ތާއިދާއެކީ ކަމަށް ވިދާޅުވެފައެވެ. އަދި، ކުރިމަތިލެއްވުމުގެ ކުރިން އެ މަނިކުފާނާ މަޝްވަރާކުރެއްވިކަން ޞާލިހު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑާ މަޝްވަރާކޮށްފައި ކުރިމަތިލައިގެން އެ ތިބީ. އަޅުގަނޑު ތާއިދުކޮށްގެން ކުރިމަތިލީ" ޞާލިހު ވަރަށް ކުރުކޮށް ވިދާޅުވިއެވެ.
ފާހަގަކުރެވޭ ގޮތުގައި، ފައިސަލާއި އާޒިމް މިދިޔަ މަހު 17ގައި ވަނީ ޞާލިހާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު ފައިސަލް ވިދާޅުވި ގޮތުގައި، ޕްރައިމަރީއަށް ތައްޔާރުވުމުގެ މަސައްކަތްތައް ކުރިއަށް ދަނީ ރައީސް ސޯލިހުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކުއެވެ.
އެންމެ ފުރަތަމަ އެމްޑީޕީން ކަނޑައަޅާ ރިޔާސީ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް ހާމަކުރެއްވީ މި މަހުގެ އަށްވަނަ ދުވަހެވެ. އެ ދުވަހު އެމަނިކުފާނު ވަނީ ޕްރައިމަރީން ނާކާމިޔާބުވީ ނަމަވެސް، ޕްރައިމަރީ ކާމިޔާބުކުރައްވާ ބޭފުޅަކާއެކު، "އެ ބޭފުޅަކަށްވުރެ ބޮޑަށް އެމްޑީޕީއަށް ވެރިކަން ހޯދައިދޭން" އޭނާ މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ފައިސަލް ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނު ކުރެއްވުމާއެކު، އެމަނިކުފާނު ވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރެއްވި ހަތަރުވަނަ ބޭފުޅާއަށެވެ. މީގެކުރިން ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް، ޕާޓީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވެސް ވަނީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައެވެ.
އެމްޑީޕީގެ ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަން ބޮޑުވެފައިވާއިރު، އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައްޔާޒަށް ތާއީދުކުރައްވައިފައެވެ.