އަޒާނަށް ކުރިން ވެސް ކެމްޕޭން ކޮށްދިނިން، ދެން މާ ގަދައަށް ކުރާނަން: ޔާމީން

މެންބަރު އަޒާނާއި ރައީސް މުހައްމަދު މުއިއްޒު: ޔާމީން ވިދާޅުވީ، ދެން މާ ގަދައަށް އަޒާނަށް ކެމްޕޭންކުރައްވާނެ ކަމަށް -- ފޮޓޯ/ އަޒާން، ފޭސްބުކް

ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާނަށް ކެމްޕޭން ކޮށްދިނިން ކަމަށާއި ގޮނޑި ގެއްލުވާލައިފި ނަމަ ދެން އަދި މާ ގަދައަށް ކެމްޕޭން ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރޭ ވިދާޅުވެއްޖެއެވެ.

ސަރުކާރު ހިންގައި ޕީއެންސީގެ އެންގުމާ އެއްގޮތަށް ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ވޯޓު ނުދިން މައްސަލައިގައި މެންބަރު އަޒާން، ޕީއެންސީން ބޭރުކުރަން އުޅޭކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

މަޖިލީސް މެންބަރަކު އިންތިޚާބުވާ ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ ވަނީ އިސްލާހުކޮށްފައެވެ. އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށް ބުނެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދަނިކޮށް ޕީއެންސީން ވަނީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ހުށަހަޅާފައެވެ.

އެ ބިލަށް ވޯޓު ނުދޭ މެންބަރުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޕީއެންސީން އޮތީ ބުނެފައެވެ.

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، އަޒާނަށް ކެމްޕޭން ކޮށްދެއްވާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

އަޒާންގެ ގޮނޑި ގެއްލިދާނެކަމުގެ ބިރު ހީވެފައި އޮއްވައި ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރޭ ޔާމީން ވިދާޅުވީ، ދުވަސްތަކަކަށް ފަހު ނަމަވެސް އަޒާނަށް ކެރިގެން ކުރިން އޭނާ ދެއްކެވި ވާހަކަތަކުގެ ހައްގުގައި ނުކުންނެވީތީ މަރުހަބާ ދަންނަވާ ކަމަށެވެ.

އެކަމަކު، މި ހިސާބަށް މަޖިލީސް މެންބަރުން 'އަޅުވެތިވީ' އަޒާން ވެސް ގޯސްތަކެއް ހެދުމުންކަމަށް ޔާމީން ގަބޫލުކުރައްވައެވެ.

އެ މަނިކުފާނު ވިދާޅުވީ، މަޖިލީސް މެންބަރުން ޕާޓީން ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރީ އަޒާން ވެސް ވޯޓުދެއްވައިގެން ކަމަށެވެ. އޭރު ވެސް އަޒާނާއި އެ ވިސްނުމުގެ އިތުރު މެންބަރުންތަކެއް ނުކުންނެވި ނަމަ މި ހިތްދަތިކަމުގައި އުޅެން ނުޖެހުނީސް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އޭނާއަށް [އަޒާނަށް] އަޅުގަނޑުމެން މަރުހަބާ ކިޔާއިރު ވެސް އޭނާގެ ފެއިލިން އެއް މި ކަމުގައި އޮތް ކަމަށް ވެސް އޭނާ ގަބޫލުކުރަން ޖެހޭނެ އެނގޭތޯ،" ޔާމީން ވިދާޅުވިއެވެ.

https://www.sun.mv/203062

އެ މަނިކުފާނު ވިދާޅުވީ، ރައްޔިތުންނާއި ގާނޫނުގެ ހައްގުގައި އަޒާން ނުކުންނެވުމުން މަރުހަބާ ދަންނަވާ ކަމަށެވެ. އެ މަނިކުފާނާއި ޕީއެންއެފުން ތިބީ އަޒާންގެ ފަހަތުގައި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން އަޒާންގެ ގޮނޑި ގެއްލުވަލައިފި ނަމަ އަޒާނަށް ކެމްޕޭން ކުރައްވާނެ ކަމަށް ވެސް ޔާމީން ވިދާޅުވިއެވެ. ޔާމީން ވިދާޅުވީ، އިންތިޚާބުގައި ކުރިން ވެސް އެ މަނިކުފާނު އަޒާނަށް ކެމްޕޭން ކޮށްދެއްވިން ކަމަށެވެ.

"އަޒާންގެ ގޮނޑި ގެއްލިގެން އަޒާން ހޮވުމަށް ކުރާ މަސައްކަތުގައި، އަޒާން ހަނދާން ހުންނާނެ ކުރީގައި ވެސް އަޅުގަނޑު އޭނާއަށް މަސައްކަތްކޮށްދިނިން އިންތިޚާބުގައި. މި ފަހަރު އަދި އެއަށްވުރެ ވަރުގަދައަށް މަސައްކަތް ކޮށްދޭނަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

https://www.sun.mv/203068

ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލު ބަލައިގަންނަން ވޯޓަށް އެހި ދުވަހު ޕީއެންސީގެ ދެ މެންބަރަކު ވޯޓުނުދެއްވާ ކަމަށް މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވިއެވެ. އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެއީ އެއްވެސް މެންބަރަކު އެއްވެސް ފަހަރަކު ކުރައްވައިގެން ވާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

އެކަމަކު، ޖެހިގެން އައި މަޖިލީހުގެ ޖަލްސާގައި އެ ބިލު ފާސްކުރަން އަތްހިތްލައިގެން ވޯޓަށް އަހަނިކޮށް މެންބަރު އަޒާން ވަނީ ތަޅުން ދޫކުރައްވައި ނުކުންނަވާފައެވެ.

އަޒާން ވޯޓުނުދެއްވި ނަމަވެސް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް މަޖިލީހުން ވަނީ އެ ބިލު ފާސްކޮށްފައެވެ. އެ ބިލު ފާސްކުރިތާ ކުޑައިރުކޮޅެއް ފަހުން އެ ދުވަހު 11:00 ގައި ގާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ މައްސަލައިގައި ވަގުތީ އަމުރުތަކެއް ނެރުމާ މެދު ގޮތެއް ނިންމަން އަޑުއެހުމެއް ބާއްވަން 10 ވަރަކަށް މިނެޓަށްވެފައި އޮއްވައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ.

ސަސްޕެންޑުކުރި ތިން ފަނޑިޔާރުންނަކީ:

  • ފަނޑިޔާރު ހުސްނުއްސުއޫދު
  • ފަނޑިޔާރު މަހާޒް އަލީ ޒާހިރު
  • ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު

https://www.sun.mv/203074

އެހެންވެ، އެ ކޯޓުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ގުޅޭ ދުސްތޫރީ މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ޖޭއެސްސީން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަމަކު، އެ މައްސަލަތަކުގެ ތަފުސީލެއް ހާމައެއް ނުކުރެއެއެވެ.

އެ ކަމާ ހިތްހަމަނުޖެހިގެން ޕީއެންސީގެ އަޒާން ނިސްބަތްވާ ދާއިރާގެ ސްޓިއަރިން ކޮމިޓީން އޭނާއާ ދެކޮޅަށް ބަޔާނެއް ނެރުނު ނަމަވެސް ޕީއެންސީން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަޒާން ވަނީ ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރާ ބިލަށް ވޯޓުނުދިނީ ދުސްތޫރީ މައްސަލައެއް ހިނގަމުންދަނިކޮށް އެ ބަދަލު ގެނައުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ގަބޫލުކުރައްވާތީ ކަމަށެވެ. ރައްޔިތުންނާއި ގައުމުގެ މަސްލަހަތަށް ވުރެ އެހެން އެއްވެސް މަސްލަހަތެއް އިސް ނުކުރައްވާނެކަމަށް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް