އެކްސްޕެޓް ސިސްޓަމްގެ މައްސަލައިގައި ކުރީގެ ވެރިންނަށް ޖިނާއީ ތަހުގީގެއްކުރަން އޭސީސީއަށް

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް: އިހުސާން ވިދާޅުވީ އެކްސްޕެޓް ސިސްޓަމްގެ މައްސަލައިގައި ކުރީގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ކުރަން އޭސީސީއަށް ހުށަހަޅާނެ ކަމަށް -- ފޮޓޯ/ މަޖިލިސް

ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ ކަންކަން ބަލަހައްޓާ އެކްސްޕެޓް ސިސްޓަމްގެ މައްސަލައިގައި އިހުމާލުވި ކުރީ ސަރުކާރުގެ ވެރިންނަށް ޖިނާއީ ތަހުގީގެއް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން އެފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދިޔައިރު، މަޖިލީހަށް ވަޑައިގެން އެ މައްސަލައިގައި ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ.

މީގެ މަހަކަށް ވުރެ ގިނަ ދުވަސް ކުރިން އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ.

https://sun.mv/201498

އެމްޑީޕީން އިހުސާންގެ މައްސަލައިގައި ފާހަގަކޮށްފައިވާ އެއް ކަމަކީ ދިވެހިރާއްޖެއަށް ބިދޭސީން އެތެރެކޮށް ބެލެހެއްޓުމަށް ޕާމިޓް ދޫކުރުމަށް ގެންގުޅޭ ސިސްޓަމްގެ މައްސަލައެވެ. އެގޮތުން އެ ސިސްޓަމްގެ ކަންތައް ބްލެކްލިސްޓް ކުރެވިފައިވާ ބޭރުގެ ކުންފުންޏަކަށް ދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

ވަކިން ޚާއްސަކޮށް މިހާރު ބޭނުންކުރަމުންދާ ސިސްޓަމަކީ ދިވެހި ކުންފުންޏަކަށް ދީގެން ޑިޒައިންކޮށް އުފައްދާފައިވާ ސިސްޓަމެއް ކަމަށް ވެސް އެ މައްސަލައިގައި އެމްޑީޕީން ވަނީ ފާހަގަކޮށްފައެވެ.

އެ ވާހަކައަށް ރައްދު ދެއްވައި އިހުސާން ވިދާޅުވީ، އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"އެ ސިސްޓަމަކީ 2012 ވަނަ އަހަރުން ފެށިގެން ފާއިތުވެ ދިޔަ 12 އަހަރު ތިން ސަރުކާރުގެ ތެރޭގައި އެކި ފަހަރުމަތިން މީހުން ހަޔާކޮށްގެން މިނިސްޓްރީތަކުން ޑިވެލޮޕް ކުރަމުން އަންނަ ސިސްޓަމެއް. އެއްވެސް ހާލެއްގައި ދިވެހި ކުންފުންޏަކުން ޑިވެލޮޕްކޮށް، ސަރުކާރުން ޕްރޮކިޔޯ ކޮށްގެން މެނޭޖްކުރަމުން އަންނަ ސިސްޓަމެއް ނޫން،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ފާއިތުވި 12 އަހަރު ވެސް ހުރިހާ ސަރުކާރަކުން ވެސް ދަނީ އެ ސިސްޓަމް ޑިވެލޮޕްކުރަމުން ކަމަށެވެ. އަދިވެސް ދަނީ ކުރަމުން ކަމަށާއި ޑިވެލޮޕްކޮށްކޮށް ވެސް އޭގެ އެދެވޭ ނަތީޖާއެއް ނެތް ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި މި ސަރުކާރު އައިސް އޭނާއާ އެ މަސައްކަތް ހަވާލުވި ފަހުން ވެސް ސިސްޓަމް ޑިވެލޮޕް ކުރަމުންދާ ކަމަށާއި އެހެންކަމުން ފަސް އަހަރު ދުވަސް އެ ސިސްޓަމެއް ޑިވެލޮޕްކުރުމުގައި ހޭދަކުރާކަށް ބޭނުމެއް ނޫންކަމަށް އިހުސާން ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތްތައް ވެސް އޭގެ އެންމެ އެދެވޭ ގޮތުގައި ނުކުރެވި ދާއިމީ ހައްލެއް ނުލިބި މިހާތަނަށް އޮތީވެސް އެ ސިސްޓަމްގެ ސަބަބުން ކަމަށް އިހުސާން ވިދާޅުވިއެވެ.

"12 އަހަރުވިއިރު ނުވި ޑިވަލޮޕްމަންޓެއް ދެން ކިހިނެއްތޯ އަޅުގަނޑުމެން ކުރަނީ؟ އެހެންވީމަ އަޅުގަނޑު ބޭނުމެއް ނޫން މި ސިސްޓަމަކީ އަޅައިގަނެގެން ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމާއެކު ދޭންޖެހޭ އަވަސް ޚިދުމަތް ނުލިބިގެން އަޅުގަނޑުމެން ތާށިވެފައި ތިބޭކަށް،" އިހުސާން ވިދާޅުވިއެވެ.

މިނިސްޓަރު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުން ބަލަނީ -- ފޮޓޯ/ މަޖިލިސް

އިހުސާން ވިދާޅުވީ އެ ކަމަށް ހައްލެއް ހޯދުމަށް އާ ސިސްޓަމެއް ހޯދުމުގެ މަސައްކަތް ކުރަނިކޮށް މެލޭޝިއާގެ "ބެސްޓިނެޓް" ކުންފުނިން "ލާސްޓް އެންޑް ފައިނަލް ނޯޓިސް" ގެ ނަމުގައި ސިޓީއެއް ސަރުކާރަށް ލިބުނު ކަމަށެވެ. އަދި ރައީސް އޮފީހާއި އިމިގްރޭޝަންގެ އިތުރުން އިކޮނޮމިކް މިނިސްޓްރީއަށް އެ ސިޓީ ޑިސެމްބަރު 24، 2023 ގައި ފޮނުވާފައިވާނެ ކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ޖެނުއަރީ 18، 2024 ގައި އެ ސިޓީ ހޯމް މިނިސްޓްރީއަށް ލިބުނު ކަމަށް ވެސް ވިދާޅުވިއެވެ.

އެ ސިޓީގައި 13.7 މިލިއަން އެމެރިކާ ޑޮލަރު ދިވެހި ސަރުކާރުން އެ ކުންފުންޏަށް ދައްކަންޖެހޭ ކަމަށް އޭރު ވެސް ބަޔާންކޮށްފައި އޮތް ކަމަށް އިހުސާން ވިދާޅުވިއެވެ.

އެއާއެކު އެ މައްސަލައިގެ ލިޔެކިޔުންތައް ބެލިއިރު ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެ މައްސަލައިގެ ތަފްސީލް އެނގި ތިބެ، ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު މި ޖަލްސާ ނިންމާފައި ގޮސް މިދެންނެވި ހުރިހާ ސިޓީތަކަށް އިހުމާލުވެ، މިދިޔަ ފަސް އަހަރު ތެރޭގައި މި މައްސަލައަށް އެއްވެސް ހައްލެއް ނުހޯދައި، ދައުލަތަށް ފައިދާވާން އޮތް މައްސަލައެއްގައި ގެއްލުން ދީފައިވާތީވެ، [ގާނޫނުލްއުގޫބާތުގެ] 517 ވަނަ މާއްދާގައި [އެމްޑީޕީގެ] އިއްޒަތްތެރި މެންބަރުން ވިދާޅުވިހެން އޭގެ ދަށުން ކުރީ ސަރުކާރުގެ ހުރިހާ ވެރިންގެ މައްޗަށް މިކަން އެނގިތިބި ހުރިހާ ވެރިންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި އޭސީސީއަށް ހުށަހަޅާނަން،" އިހުސާން ވިދާޅުވިއެވެ.

އިހުސާން ވަނީ އެކަމާ ގުޅުންހުރި ސިޓީތަކާއި ލިޔުންތައް ވެސް މަޖިލީހުގެ ތަޅުމުގައި ހާމަކުރައްވާފައެވެ.

https://sun.mv/196141

އަދި ލިޔެކިޔުމުން އެނގެން އޮތް އެއްޗެއް މިނިސްޓްރީއަށް ހުށަހެޅި ނަމަވެސް އޭގެ ކޮޕީއެއް ނަމަވެސް އެމްޑީޕީއަށް ދިނީސް ކަމަށާއި، އޭގެ ބަދަލުގައި ދޮގު ވާހަކަތަކެއް ދެއްކުމުގެ ބޭނުމެއް ނެތް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އާ އެކްސްޕެޓް ނިޒާމު ތަންފީޒުކުރުމުން ދައުލަތަށް 927 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު އިހުސާން ވަނީ މީގެކުރިން ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ ސެޓަޕްތަކަކާއެކު މި ސިސްޓަމްގެ ތެރެއިން އެންމެ އެދޭ ކަންތައްތައް ކުރެވޭނެ ކަމަށެވެ. އެގޮތުން ބަޔޯމެޓްރިކްސްއިން މީހުން ދެނެގަނެ، 10 އިނގިލީގެ ނިޝާން ނެގި، ފޭސް ރިކޮގްނިޝަން ހެދުމުގެ ގާބިލްކަން ލިބޭނެކަމަށެވެ.

އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މި ސިސްޓަމަށް އެކްސެސް ކޮށްގެން ޕްރޮސެސްކުރަން ބޭނުންވާ ސާވާ ކެޕޭސިޓީއާ ވެސް ތަރައްގީކުރަނެ ކަމަށެވެ. އަދި ސިސްޓަމުން ލިބޭ ފައިސާއަކީ ދައުލަތަށް ލިބޭ ފައިސާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް