އާ އެކްސްޕެޓް ނިޒާމު ތަންފީޒުކުރުމުން 927 މިލިއަން ރުފިޔާ ލިބޭނެ: އިހުސާން

ނާރެސް ޕޯޓަލާއި އެ އޮޕަރޭޝަންގެ ފޭސް ދޭއް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އާ އެކްސްޕެޓް ނިޒާމު ތަންފީޒުކުރުމުން ދައުލަތަށް 927 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާނު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވެފައި ވަނީ އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައެވެ.

މިނިސްޓަރު ވިދާޅުވީ މިވަގުތު އެކްސްޕެޓް ސިސްޓަމުގެ ތެރޭގައި ހުރިހާ ގައުމުތަކެއްގެ މަސައްކަތްތެރިން އެއްކޮށް، ޖުމްލަ 221،231 އެކްޓިވް ވޯކް ޕާމިޓް އެބަހުރި ކަމަށެވެ.

"މިއީ އަދި ރާއްޖޭގައި ތިބި މީހުންނެއް ނޫން، ހަމައެކަނި އެކްޓިވް ވޯކް ޕާމިޓްސް،" މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެތެރެއިން ބަރާބަރަށް ދައުލަތަށްް ފައިސާ ދައްކަމުންދަނީ 50 ޕަސެންޓް މީހުން ކަމަށެވެ. އެހެންކަމުން އަންދާޒާއެއް ކުރާނަމަ މިވަގުތު ދައުލަތަށް ގާތްގަނޑަކަށް 685 މިލިއަން ރުފިޔާ އަހަރެއްގެ މައްޗަށް ލިބޭ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ 50 ޕަސެންޓް މީހުން ލާރި ދައްކާއިރު މިހާރު އެކްސްޕެޓް ސިސްޓަމްގެ ނިޒާމު ތަންފީޒުކުރަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ.

"މާނައަކީ ވަކިވަކީން މީހުންނަށް ނޮޓިފިކޭޝަން ފޮނުވާ އޮޓޮމެޓިކުން ތަންތަން ބްލެކް ލިސްޓުވެ މިކަހަލަ ސިސްޓަމެއް ނޫނޭ މިވަގުތު ހުރީކީ. މި ސިސްޓަމް މިގޮތަށް ޑިވޮލޮޕް ކުރަންޏާ ވަގުތު ނަގާނެ ވަރަށް. އެހެން ނަމަވެރެސް އަޅުގަނޑުމެންނަށް ވަރަށް އަވަހަށް މި ހައްލުވެސް ބޭނުންވެފަ އޮތް މައްސަލައެއް މި މައްސަލައަކީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސެޓަޕްތަކަކާއެކު މި ސިސްޓަމްގެ ތެރެއިން އެންމެ އެދޭ ކަންތައްތައް ކުރެވޭނެ ކަމަށެވެ.

އެގޮތުން ބަޔޯމެޓްރިކްސްއިން މީހުން ދެނެގަނެ، 10 އިނގިލީގެ ނިޝާން ނެގި، ފޭސް ރިކޮގްނިޝަން ހެދުމުގެ ގާބިލްކަން ލިބޭނެކަމަށެވެ.

އަދި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުން މި ސިސްޓަމަށް އެކްސެސް ކޮށްގެން ޕްރޮސެސްކުރަން ބޭނުންވާ ސާވާ ކެޕޭސިޓީއާ ވެސް ތަރައްގީކުރަނެ ކަމަށެވެ.

އަދި ސިސްޓަމުން ލިބޭ ފައިސާއަކީ ދައުލަތަށް ލިބޭ ފައިސާކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

"މާނައަކީ ލާރި ނުދައްކާ މީހެއްނަމަ އެމީހާއަށް އަޅުގަނޑުމެން ނުޖެހެއޭ ލާރި ދައްކާކަށެއް. ލާރި ސަރުކާރުން ދައްކާ ރިއަލައިޒް ވީމަ އެ ލާރިން އަޅުގަނޑުމެން މި ދައްކަނީ," މިނިސްޓަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އަންނަ ފެބުރުވަރީ މަހު މި ޚިދުމަތް ދެވެން ފެށޭނެ ކަމަށާއި ޚިދުމަތް ދޭން ފެށުމުން މިހާރު ފައިސާ ދައްކާ 50 ޕަސެންޓް މީހުންގެ އަދަދު 90 ޕަސެންޓަށް އިތުރުވެގެންދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

އެ ގޮތަށް ބަދަލު އައުމުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭ 685 މިލިއަން ރުފިޔާ، 927 މިލިއަން ރުފިޔާ ލިބޭނެ ކަމަށް މިނިސްޓަރު ލަފާކުރެއްވިއެވެ.

comment ކޮމެންޓް