މި އަހަރު ދައުލަތުން މުސާރައާއި އިނާޔަތްތަކަށް ޚަރަދުކުރި މިންވަރު، މިދިޔަ އަހަރުގެ މި މުއްދަތަށް ވުރެ 11 ޕަސެންޓް އިތުރުވެއްޖެއެވެ.
ފިނޭންސް މިނިސްޓްރީން މިއަދު ވަނީ މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ދައުލަތަށް ލިބިފައިވާ އާމްދަނީއާއި ކޮށްފައިވާ ޚަރަދުތަކުގެ ތަފުސީލު ހާމަކޮށްފައެވެ.
އެ ތަފާސްހިސާބުގައިވާ ގޮތުން އެ މުއްދަތުގައި ޚަރަދުތައް ވަނީ، މިދިޔަ އަހަރާ އަޅައިބަލާއިރު 26 ޕަސެންޓް ދަށްވެފައެވެ. އެއީ 4.13 ބިލިއަން ރުފިޔާއިން 3.04 ބިލިއަން ރުފިޔާއަށެވެ. އޭގެ ތެރެއިން ރިކަރަންޓު ޚަރަދަށް މި އަހަރު ހޭދަކޮށްފައިވަނީ 2.87 ބިލިއަން ރުފިޔާއެވެ.
ރިކަރަންޓް އެކްސްޕެންޑިޗާގެ ތެރެއިން، މުސާރައާއި އިނާޔަތްތަކާއި ޕެންޝަންތަކަށް ވެސް ކޮށްފައިވާ ހޭދަވަނީ އިތުރުވެފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތުގެ ޖުމްލަ 1.02 ބިލިއަން ރުފިޔާއިން މި އަހަރު 1.14 ބިލިއަން ރުފިޔާއަށެވެ. އެއީ 11.4 ޕަސެންޓްގެ އިތުރުވުމެކެވެ. އޭގެ ތެރޭގައި ހިމެނެނީ:
މުސާރަ
މިދިޔަ އަހަރު: 450.6 މިލިއަން ރުފިޔާ
މި އަހަރު: 519.0 މިލިއަން ރުފިޔާ
އިނާޔަތްތައް
މިދިޔަ އަހަރު: 410.7 މިލިއަން ރުފިޔާ
މި އަހަރު: 445.0 މިލިއަން ރުފިޔާ
ބޭސިކް ޕެންޝަން
މިދިޔަ އަހަރު: 111.8 މިލިއަން ރުފިޔާ
މި އަހަރު: 119.5 މިލިއަން ރުފިޔާ
ރިޓަޔާމެންޓް ބެނިފްޓްސް/ ގްރެޓުއިޓީސް
މިދިޔަ އަހަރު: 51.3 މިލިއަން ރުފިޔާ
މި އަހަރު: 57.9 މިލިއަން ރުފިޔާ
ރިކަރަންޓު ޚަރަދުގެ ތެރެއިން އިދާރީ އަދި ހިންގުމުގެ ޚަރަދުތައް ވަނީ މަދުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި އެފަދަ ޚަރަދުތައް 2.18 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު، މި އަހަރު އެ އަަދަދު ހުރީ 1.73 ބިލިއަން ރުފިޔާގައެވެ.

މީރާ ޓެކްސްޕޭޔާ ސާވިސް ސެންޓަރު: ދައުލަތަށް އާމްދަނީ ލިބުނު މިންވަރު ވެސް ވަނީ ދަށްވެފައި --
މަގުތަކާއި އެއާޕޯޓުތަކުގެ މަސައްކަތްތަކަށް ކުރާ ޚަރަދުތައް ހިމެނޭ ކެޕިޓަލް އެކްސްޕެންޑިޗާވަނީ ވަރަށް ބޮޑަށް ކުޑަވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި 855.8 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާއިރު މި އަހަރުގެ މި މުއްދަތުގައި ޚަރަދުކޮށްފައިވަނީ 169.8 މިލިއަން ރުފިޔާއެވެ. އެއީ 80.2 ޕަސެންޓްގެ ދަށްވުމެކެވެ.
މިދިޔަ އަހަރާ އަޅައިބަލާއިރު، އާމްދަނީ ލިބޭ މިންވަރު ދަށްކަމަށް މިފަހުން ފިނޭންސް މިނިސްޓްރީން ނެރުނު ހުރިހާ ތަފާސްހިސާބަކުން ވެސް ދައްކައެވެ. އެގޮތުން މިއަދުގެ ތަފާސްހިސާބުން ދައްކާ ގޮތުގައި މިމަހުގެ 13 ވަނަ ދުވަހާ ހަމައަށް ލިބިފައިވާ އާމްދަނީއަކީ 4.44 ބިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 4.80 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައިވެއެވެ.
ރާއްޖެއަށް ވަންނަ އިމްޕޯޓް ޑިއުޓީ ދަށްވުމުގެ ކަންބޮޑުވުން ސަރުކާރުގައި ހިމެނޭ ވެރިންނާއި އިދިކޮޅުން ވެސް ފާހަގަކުރަމުން އަންނައިރު، އިމްޕޯޓް ޑިއުޓީ ވަނީ 25 ޕަސެންޓް ދަށްވެފައެވެ. އެއީ ކުރީ އަހަރުގެ 413 މިލިއަން ރުފިޔާއިން މި އަހަރުގެ 309 މިލިއަން ރުފިޔާއަށެވެ.
އެއީ އެންމެ ފަހުން ފިނޭންސް މިނިސްޓްރީން ތަފާސްހިސާބު އާންމުކުރިއިރު ފެނުނު ފަރަގަށްވުރެ ކުޑަ އަދަދެކެވެ. އެގޮތުން މިމަހުގެ ހަވަނަ ދުވަހާ ހަމައަށް ލިބުނު އާމްދަނީގެ ތަފުސީލުން ދެއްކި ގޮތުގައި އިމްޕޯޓް ޑިއުޓީ އޮތީ 64 ޕަސެންޓް ދަށްވެފައެވެ.
އާމްދަނީ ދަށްވި ސަބަބު އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދަށް ވިދާޅުނުވެވުނު ނަމަވެސް، ވެރިކަން ކުރާ ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމްވަނީ އިމްޕޯޓް ޑިއުޓީ ލިބުނު މިންވަރު މަދުވީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމުން، ސިނގިރޭޓު އެތެރެކުރުން މަޑު ޖެހުމުން ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ޗައިނާއާއެކު ފްރީ ޓްރޭޑް އެގްރިމެންޓް ހެދުމުން ވެސް، އިމްޕޯޓުން ލިބޭ އާމްދަނީ ދަށްވެފައިވާ ކަމަށް ލަފާކޮށްފައިވެއެވެ. ނަމަވެސް ސައީދު ވަނީ އިމްޕޯޓް ޑިއުޓީގެ އާމްދަނީ ދަށްވުމާ އެފްޓީއޭއާ ގުޅުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ އިގުތިސާދި ސަލާމަތް ކުރުމަށް ޓަކައި ޚަރަދު ކުޑަކުރުން ނޫން ގޮތެއް ނެތް ކަމަށް ބޭރުގެ މާލީ އިދާރާތަކުން ބުނަމުން އަންނަތާ އަހަރުތަކެއް ވެއްޖެއެވެ. މި އަހަރުވެސް ރާއްޖެ އައި އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ވަނީ އިސްލާހީ ފިޔަވަޅުތައް އަވަސް ކުރުމަށް ގޮވާލައިފައެވެ.
މި ސަރުކާރުން އާސަންދަ ނިޒާމައި ސަބްސިޑީތައް އިސްލާހުކޮށް، މުސާރަ ކުޑަކުރުމުގެ އިސްލާހީ ފިޔަވަޅުތައް އިއުލާން ކުރި ނަމަވެސް އެ ފިޔަވަޅުތައް ތަންފީޒުނުކޮށް ލަސްކުރާތީ، ސަރުކާރު ތެރެއިން ވެސް ފާޑުކިޔުން ދަނީ އަމާޒުވަމުންނެވެ.