އާމްދަނީ ދަށްވި ސަބަބު އިގުތިސާދީ ވަޒީރަށް އެނގިވަޑައިނުގެން!

މިނިސްޓަރު ސައީދު: އިގުތިޞާދު ދަށްވާ ސަބަބު މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ ކަމަށް ވަނީ ވިދާޅުވެފައި --- ފޮޓޯ/ ރައީސް އޮފީސް

މާލީ އިސްލާހު ފިޔަވަޅުތައް އަޅަމުން އަންނަނިކޮށް މިދިޔަ މަހު ލިބުނު އިމްޕޯޓު ޑިއުޓީ ވަރަށް ބޮޑަށް ދަށްވި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކުރި ތަފާސްހިސާބުން ވަނީ މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ލިބިފައިވާ އާމްދަނީއަކީ 3.77 ބިލިއަން ރުފިޔާ ކަމަށް ދައްކާފައެވެ. ނަމަވެސް، މިދިޔަ އަހަރު އެ މުއްދަތުގައި 4.64 ބިލިއަން ރުފިޔާ ލިބިފައިވާއިރު އެއީ 18.8 ޕަސެންޓްގެ ދަށްވުމެކެވެ.

އިގުތިސާދީ ކަންކަމާ ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ތަކުރާރުކޮށް ނޫސްވެރިން ވަނީ އާމްދަނީ ދަށްވި ސަބަބާ ގުޅޭ ގޮތުން ސުވާލުކޮށްފައެވެ.

ސައީދު ވިދާޅުވީ، އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ ދަށްވީ ޗައިނާއާ އެކު ހަދާފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ނޫން ކަމަށެވެ. އެހެން ވިދާޅުވި ނަމަވެސް އާމްދަނީ ދަށްވި ސީދާ ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ ތަފުސީލަށް ބަލައިގެން އެއަށް އެއްޗެއް ދަންނަވަން އިނގޭނީ. ކޮން ކަމަކުން ކަން. މަޖިލިސް ތެރެއިން އެއައި ނެރޭޓިވްއަކީ ސިނގިރޭޓު އިމްޕޯޓުކުރި އަދަދު މަދުވިއްޔޭ. ނުވަތަ ސިނގިރޭޓު ސޭލްސް ދަށްވީއޭ. އަޅުގަނޑަކަށް މި ވަގުތު ފާމްލީ އެއީ އޭ އެ ސަބަބަކީ އަދި ދަންނަވާކަށް ނޭނގޭ. ހިސާބުތައް ބެލީމަ އިނގޭނީ،އިގުތިސާދީ ކަންކަމާ ބެހޭ ވަޒީރު މުޙައްމަދު ސައީދު

އޭނާ ވިދާޅުވީ، ސިނގިރޭޓުގެ އަގު ބޮޑުވުމުން އައި ބަދަލުގެ ތަފުސީލުތައް ފިނޭންސް މިނިސްޓްރީއާއި މީރާއާއި އަދި ކަސްޓަމްސް މެދުވެރިކޮށް ހޯދޭނެ ކަމަށެވެ. ނަމަވެސް، ވަޒީރު ސައީދު ސީދާ އާމްދަނީ ދަށްވީ ކީއްވެކަން ވިދާޅުވެފައިނުވާއިރު، މި ހާލަތު ވާރުތަކުރީ މިދިޔަ ސަރުކާރުން ކޮށްފައި ހުރި ކަންތައްތަކެއްގެ ސަބަބުން ކަމަށް ވަޒީރު ވަނީ ތުހުމަތުކުރައްވާފައެވެ.

އެމްއެމްއޭއިން ރާއްޖޭގެ އިގުތިޞާދާ ގުޅުވައި ބުނާ ވާހަކައަށް ބަރޯސާވާން ޖެހޭ ކަމަށާއި އެންމެ ފަހުން ފިނޭންސް މިނިސްޓްރީން އާންމުކުރި މައުލޫމާތުގައި މި އަހަރު 6.4 ޕަސެންޓު އިގުތިޞާދީ ކުރިއެރުމެއް ލިބޭނެ ކަމަށް ސައީދު ވިދާޅުވިއެވެ.

https://sun.mv/202687

ނަމަވެސް، އިއްޔެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވަނީ ޚަރަދު ކުޑަނުކުރެވި، އިގުތިސާދު ވެސް ދަށަށް ދާ މަންޒަރު ފެންނަ ކަމަށް ވިދާޅުވެފައެވެ.

މި އަހަރު އާމްދަނީ ދަށްވަމުން ދިޔުމަކީ ވެސް ވަރަށް ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި އެގޮތަށް ދަށްވާ ސަބަބު ދައުލަތަށް ބުނެދެވިފައިނުވާ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭނާ ލަފާކުރެއްވި ގޮތުގައި އާމްދަނީ ދަށްވި ސަބަބަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުމުން، ސިނގިރޭޓު އިމްޕޯޓް ކުރުން މަޑުޖެހިފައިވުމުންނެވެ.

މި މަހު ހަވަނަ ދުވަހާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބިފައިވަނީ 385 މިލިއަން ރުފިޔާއެވެ. ނަމަވެސް, ހަވަނަ ދުވަހުން ފެށިގެން ލިބުނު އަދަދު ވަނީ 138 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

ދައުލަތަށް ޓެކުހުގެ ގޮތުގައި އާއި ޓެކްސް ނޫން ގޮތަށް ލިބުނު އާމްދަނީ ވެސް ވަނީ ދަށްވެފައެވެ. އެގޮތުން ޓެކުހުން މި މުއްދަތުގައި 3.36 ބިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި 3.95 ބިލިއަން ލިބުނެވެ. އެއީ 589 މިލިއަން ނުވަތަ 14.9 ޕަސެންޓްގެ ދަށްވުމެކެވެ.

https://www.sun.mv/202609

ޓެކްސް އާމްދަނީގެ ތެރެއިން އިމްޕޯޓް ޑިއުޓީއާއި ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސްއާއި ޑިޕާޗާ ޓެކުހުން ލިބުނު އަދަދު ވެސް ވަނީ ދަށްވެފައެވެ. އެއީ:

އިމްޕޯޓް ޑިއުޓީ

  • މިދިޔަ އަހަރު: 385 މިލިއަން ރުފިޔާ
  • މި އަހަރު: 138 މިލިއަން ރުފިޔާ

ވިޔަފާރިއާއި ޕްރޮޕަޓީ ޓެކްސް

  • މިދިޔަ އަހަރު: 1.72 ބިލިއަން ރުފިޔާ
  • މި އަހަރު: 1.33 ބިލިއަން ރުފިޔާ

ޑިޕާޗާ ޓެކްސް

  • މިދިޔަ އަހަރު: 116 މިލިއަން ރުފިޔާ
  • މި އަހަރު: 107 މިލިއަން ރުފިޔާ

މުދަލާއި ޚިދުމަތުގެ އަގުން ލިބުނު ޓެކްސްވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ 1.61 ބިލިއަން ރުފިޔާއިން މި އަހަރު 1.64 ބިލިއަނަށް އެ އަދަދުވަނީ އިތުރުވެފައެވެ. އޭގެ މައިގަނޑު ސަބަބަކީ ފަތުރުވެރިކަމުން ނަގާ ޓީޖީއެސްޓީ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރު ޓީޖީއެސްޓީއަށް ލިބިފައިވަނީ 1.03 ބިލިއަން ކަމަށްވާއިރު މި އަހަރު 1.10 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.

އެހެންނަމަވެސް ޖީޖީއެސްޓީ ނުވަތަ އާންމު މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ލިބިފައިވަނީ ކުރިއަށް ވުރެ މަދުންނެވެ. އެއީ 543 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އެ އަދަދު އޮތީ 575 މިލިއަން ރުފިޔާއަށް އަރައިފައެވެ.

https://www.sun.mv/202687

ޓެކްސް ނޫން އާމްދަނީއަށް ބަލާއިރު، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ (އޭޑީއެފް)އަށް މި އަހަރު ލިބިފައިވަނީ 109 މިލިއަން ރުފިޔާއެވެ. ދެހާސް ސައުވީހުގެ މި މުއްދަތުގައި އޭޑީއެފްގެ ގޮތުގައި 119 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ޕްރޮޕަޓީ އިންކަމް ވެސް ދަށްވެފައިވާއިރު އޭގެ ތެރެއިން، ރިޒޯޓުތަކުން ކުލީގެ ގޮތުގައި މިދިޔަ އަހަރުގެ އެ މުއްދަތުގައި 93.7 މިލިއަން ރުފިޔާ ލިބިފައިވާއިރު މި އަހަރު ލިބުނީ 65.9 މިލިއަން ރުފިޔާއެވެ. އެއީ 29.7 ޕަސެންޓު ދަށް އަދަދެކެވެ.

ދައުލަތުގެ ޚަރަދު ވެސް މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރު ޚަރަދުތައް 3.26 ބިލިއަން ރުފިޔާއަށް އަރައިފައިވާއިރު މި އަހަރު އެ އަދަދު ހުރީ 2.48 ބިލިއަން ރުފިޔާގައެވެ. އެއީ 34 ޕަސެންޓްގެ ދަށްވުމެކެވެ.

ފިނޭންސް މިނިސްޓްރީން ޖަނަވަރީގެ ނިޔަލަށް ލިބިފައިވާ އާމްދަނީގެ ތަފުސީލު ހާމަކުރިއިރު، އެ މުއްދަތުގައި ލިބުނު އާމްދަނީ، 2024ގެ ޖަނަވަރީގައި ލިބުނު އާމްދަނީއަށް ވުރެ 574 މިލިއަން ރުފިޔާ ދަށް ކަމަށް ވަނީ ދައްކައިފައެވެ.

comment ކޮމެންޓް