ޑިމޮކްރެޓްސްގެ ގިނަ އަދަދެއްގެ މެންބަރުންތަކެއް ޕާޓީން ވަކިކޮށް، ވެރިކަންކުރާ ޕީއެންސީއަށް ވައްދާފައިވާ ކަމަށް ބުނެ، އެ މައްސަލަ ތަހުގީގު ކޮށްދޭން އެޕާޓީން މިއަދު ފުލުހުންނާއި އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅައިފިއެވެ.
މިކަމާ ގުޅުން ހުރި ތަފުސީލުތައް 'ސަން'އާ ހިއްސާކުރައްވައި ޑިމޮކްރެޓްސްގެ ކައުންސިލް މެންބަރު މުޙައްމަދު ސައިފް ފާތިހު ވިދާޅުވީ، މިދިޔަ އޮގަސްޓު މަހުން ފަށައިގެން 700 އެއްހާ މެންބަރުން އެޕާޓީން ވަކިވެފައި ހުރި ކަމަށް ދައްކާ ކަމަށެވެ.
އޭގެތެރެއިން ގިނަ ބައެއް އެޕާޓީން ބަދަލުކޮށްފައި ވަނީ އެމީހުންނަށް ނޭނގި ކަމަށް މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ސައިފް ވިދާޅުވިއެވެ.
އެ މައްސަލައިގައި ޑިމޮކްރެޓްސްއިން ވަނީ އީސީގެ މެންބަރުންނާ ބައްދަލުކޮށްފައެވެ. އަދި އެ މައްސަލަ ތަހުގީގުކުރުމަށާއި އެންގުމަކާ ނުލައި ޕާޓީން ވަކިކޮށްފައި ތިބި މެންބަރުން އަލުން ޕާޓީއަށް ރުޖޫއަކޮށްދޭނެ ކަމަށް އީސީން ބުނިކަން ސައިފް ފާހަގަކުރެއްވިއެވެ.
މައްސަލަ ހުށަހަޅައިި، ކޮށްދޭން އީސީއަށް ހުށަހެޅި ކަންކަމަކީ:
- މިކަމުގެ ޖިނާއީ ތަހުގީގެއް ކުރަން ކަމާ ބެހޭ އިދާރާތަކަށް ބާރު އަޅައިދިނުމަށް
- މިހާރު ސައްހަނޫން ފޯމު ހުށަހަޅާފައިވާ މީހުންނާ މެދުގައި އެޅެން އޮތް ފިޅަވަޅުތައް އީސީން އެޅުމަށް
"700 މީހުން ބަދަލުވެފައި ހުރިއިރުގައި، އަބަދުވެސް ވެރިކަން ކުރާ ޕާޓީއެއްގައި ސޮއިކޮށްގެން ތިބޭ ބަޔަކު އެބަތިބޭ. އެހެންވީމާ އުޅޭނެ ރަނގަޅު އަދަދުތަކެއް ވެސް. އެކަމަކު އޭގެ މެޖޯރިޓީ އަޅުގަނޑުމެން ބަލާލާއިރުގައި މި ދަންނަވާ ގޮތަށް 10 މީހުން ކުރެ ކޮންމެ އަށެއްކަ މީހުން މި ތިބެނީ އެބޭފުޅުންނަށް އެނގިވަޑައިނުގަނެ ޕާޓީއަށް ވައްދާފައި" ސައިފް ވިދާޅުވިއެވެ.
އޭގެއިތުރުން، މި ކަމަކީ އެންމެ އިތުބާރުކޮށްގެން ރައްޔިތުން ފޯރުކޮށްދީފައި ހުރި މައުލޫމާތުތަކެއްގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، އެތަކެތިން 'ވައްކަން' ކޮށްގެން ހިންގާފައި އޮތް ބޮޑު ޖަރީމާއެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ސައިފް ވިދާޅުވިއެވެ.
މި މައްސަލައަކީ ދިމާލަށް ހެކިތައް ފެންނަން ހުރި ޖިނާއީ ކުށެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ޑިމޮކްރެޓްސް އިން މިއަދު ހުށަހެޅިއިރު، ބައެއް އާންމުން ވެސް ވަނީ ވަގު ފޯމުތަކުގެ މައްސަލަ ފުލުހަށް ހުށަހަޅާފައެވެ.
ސިޔާސީ ޕާޓީތަކަށް ވަގަށް މީހުން ވައްދާ މައްސަލަ މި ފަހުން ފެންމަތިވިއިރު، އެއީ ޕާޓީތަކަށް ލިބޭ ފައިސާގެ އަދަދު އިތުރުކުރުމަށް ކުރާ ކަމެއް ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ޕީއެންސީއަށް ތުހުމަތުކުރެވޭއިރު، އެހެން ބައެއް ޕާޓީތަކުންނާއި ބައެއް ޖަމިއްޔާތަކުން ވެސް ވަނީ އެކަން ކުށްވެރިކޮށް، ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވައިލައިފައެވެ.
ޕީއެންސީން ގިނަ އަދަދެއްގެ 'ވަގު ފޯމު' ފުރިކަމަށް ތުހުމަތުކޮށް، އިދިކޮޅު ފަރާތްތަކުން ވަނީ އެ މައްސަލަ ތަހުގީގު ކޮށްދޭން އެދި ފުލުހަށް ހުށަހަޅާފައެވެ.
އެ މައްސަލަ ބޮޑުވެފައި އޮއްވައި އައިޑީކާޑުތަކާއި ރައްޔިތުންގެ ލިޔެކިޔުން ބަލަހައްޓާ ޑީއެންއާރުގެ އޮފީސް އިމާރާތް ތެރޭގައި ޕީއެންސީއަށް ފޯމުފުރި މައްސަލައެއް ވެސް ފެންމަތިވިއެވެ. އެ ކަންކުރާ ފޮޓޯތަކެއް ވެސް ވަނީ މީސްމީޑިއާގައި ލީކުވެފައެވެ.
ޕީއެންސީން ވެސް ވަނީ ބައެއް ސައްހަކަން ކަށަވަރުނުކުރެވޭ ފޯމުތަކެއް އީސީއަށް ހުށަހެޅި ކަމަށް އިއުތިރާފުވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށާއި އެއީ ފޯމުގެ ސައްހަކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތުމުން ހިނގި ކަމެއް ކަމަށް ޕީއެންސީން ވަނީ ބުނެފައެވެ.