ގދ. ތިނަދޫ ސިޓީ ކައުންސިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަދެގެން ވައްކަން ކުރި ކަމަށް ބުނެ، އެކައުންސިލުން ހެދީ ދޮގު ކަމަށާއި، ސިޓީ ކައުންސިލުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް އޭސީސީން މިއަދު ބުނެފިއެވެ.
އެކައުންސިލުން ވަނީ އޭސީސީން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އެ އިދާރާއަށް ވަނުމުން އެއީ ވަގުން ގޮތުގައި ސިފަކޮށްފައެވެ.
އެ މައްސަލައިގައި އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން އެ އިދާރާގައި ހަރަކާތްތެރިވެފައިވާ ކަމަށާއި ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތަކެއް ހޯދަން މަސައްކަތް ކުރި ކަމަށެވެ.
މި ކަމުގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުމެއް ނުލިބޭކަން ފާހަގަކޮށް އެކޮމިޝަނުން ބުނީ، ގާނޫނާއި އޭސީސީގެ ގާނޫނުގެ އިމުގެ ތެރެއިން އިޖުރާއަތްތައް ފުރިހަމަ ކޮށް، ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ހޯދާފައިވާ ކަމަށެވެ.
"މިކަމާ ގުޅޭ ގޮތުން ކައުންސިލުން ހާމަކޮށްފައިވާ މައުލޫމާތުތަކަކީ ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ." އޭސީސީން ބުނެފައިވެއވެެ.
އޭގެއިތުރުން، ކޮމިޝަނާ ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ޚިލާފު މައުލޫމާތުތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ، އޭސީސީން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުލުހުން ވެސް ވަނީ މި މައްސަލަ ބެލިބެލުމުން މިހާތަނަށް އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށް ބުނެފައެވެ.
އެ މައްސަލައާ ގުޅިގެން 'ސަން'އަށް މައުލޫމާތު ދެއްވަމުން، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ ވިދާޅުވީ، އޭސީސީން ބަލަމުންދާ މައްސަލަތަކުގައި އެއްބާރުލުން ދެމުން ދަނިކޮށް، އޭނާ ރަށުގައި ނެތް ވަގުތެއްގައި މައުލޫމާތު ސާފުކުރަން އޭސީސީގެ ނަމުގައި ތިން މީހަކު އައި ކަމަށެވެ.
ސައުދު ވިދާޅުވީ، އެ މީހުން ބޭނުންވާ މާއުލޫމާތު އަނެއް ދުވަހުގެ މެންދުރު 2:30ގައި ހިއްސާކުރާނެ ކަމަށް އޭސީސީއަށް ލިޔުމުން އަންގާފައިވަނިކޮށް، ރަސްމީ ގަޑީގައި އޮފީހަށް ތިން މީހަކު ވަތް ކަމަށެވެ.
އަދި އޮފީހުގައި މުވައްޒަފުން ނެތް ވަގުތު ބަލައި، ލިޔެކިޔުންތައް ނަގައިގެން ފިލީ ކަމަށާއި އެއީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ ފޮނުވައިގެން އޭސީސީގެ ނަމުގައި އައި ބަޔެއް ކަމަށް މޭޔަރު ތުހުމަތުކުރެއްވިއެވެ.