އިދިިިކޮޅު އެމްޑީޕީން މި ފަހުން ކާނިވަލުގައި ބޭއްވި ޖަލްސާގައި ކީ ލަވަޔަކާއެކު މަޝްހޫރުވި ރ. ދުވާފަރު ކައުންސިލް މެމްބަރު މަރިޔަމް ޔަޝްފާ ފުލުހަށް ހާޒިރުވާން މިއަދު އެންގުމަށް ފަހު، އޭނާ ފުލުހަށް ހާޒިރުނުކުރަން ނިންމައިފިއެވެ.
އާންމުންނަށް ޔަޝްފާ މަޝްހޫރުވީ އެމްޑީޕީން މިދިޔަ ހަފުތާގައި ބޭއްވި، "ގާނޫނު އަސާސީގެ ދިފާއުގައި ރައްޔިތުން" ޖަލްސާގައި ކީ ލަވަޔަކާއެކުގަައެވެ.
މިއަދު ހެނދުނު ޔަޝްފާ "ސަން"އާ ވާހަކަދައްކަވަމުން ވިދާޅުވީ ފުލުހަށް ހާޒިރުވާން އަންގައި އޭނާއަށް ގުޅީ ރ. ދުވާފަރު ޕޮލިސް ސްޓޭޝަނުން ކަމަށާއި ފުރަތަމަ އެދުނީ ހެނދުނު 10 ޖަހާއިރު ހާޒިރުވުމަށް ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތެއް ނޭނގުމާއި ހާޒިރުވުމަށް އަންގާ ޗިޓު ވެސް ލިބިފައި ނެތްކަން ފާހަގަކުރުމުން މާދަމާ ސްޓޭޝަނަށް ދިޔުމަށް އެންގި ކަމަށް ޔަޝްފާ ވިދާޅުވިއެވެ.
މިރޭ "ސަން"އާ ވާހަކަދައްކަވަމުން ޔަޝްފާ ވިދާޅުވީ ހަވީރު 5:11ހާއިރު ދުވާފަރު ޕޮލިސް ސްޓޭޝަނުން އޭނާއަށް ގުޅައި، ޗިޓު ކެންސަލްކޮށްފައިވާ ކަމަށާއި ހާޒިރުނުވިޔަސް އެންމެ ރަނގަޅު ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ހާޒިރުނުކުރަން ނިންމި ސަބަބެއް ހާމަނުކުރާ ކަމަށް ޔަޝްފާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ފުރާނައަށް ނުރައްކާވާ ގޮތަށް އަމަލު ކުރުމަށް ގޮވާލައި، ވާހަކަދެއްކި ކަމުގެ ތުހުމަތެވެ. އެއީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގެ ރޭ އެމްޑީޕީން، ޗާންދަނީ މަގުގައި ހުންނަ އެ ޕާޓީގެ ޖަގަހައިގައި ބޭއްވި ކައުންސިލަރުންގެ ހަރުގެ ޖަލްސާގައި އޭނާ ދެއްކެވި ވާހަކައަކާ ގުޅުވައިގެން ކުރި ތުހުމަތެއް ކަމަށް ޗިޓުގައި ބުނެފައިވާ ކަމަށް ވެސް ޔަޝްފާ ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބަހެއް މިހާތަނަށް ލިބިފައިނުވެއެވެ.
މި ފަހުން އެމްޑީޕީގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ހުސައިން ޝާފިއު ވަނީ އޭނާ ކުރި ޓްވީޓަކާ ގުޅިގެން ފުލުހަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލު ވެސް ފުލުހަށް ހާޒިރުކޮށްފައިވެއެވެ.