ދިވެހި ސިފައިންނާއި ފުލުހުން ގުޅިގެން ރޭ ކުރިއަށްގެންދިޔައީ ޓެރަރިޒަމުގެ އަމަލުތަކާ ދެކޮޅަށް ކުރިއަށްގެންދިޔަ އޮޕަރޭޝަނެއް ކަމަށާއި، ނަމަވެސް ޓެރަރިޒަމްގެ ނުރައްކަލެއް ނެތް ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.
ރޭ 10:30ހާއިރު ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިވަނީ، އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންނާއި ސިފައިން ގުޅިގެން ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަން ފަށައިފައިވާ ކަމަށް ބުނެފައެވެ.
އެ އޮޕަރޭޝަނާ ގުޅޭ ބައެއް މައުލޫމާތު ކަށަވަރު ކުރުމަށް ކަމަށް ބުނެ، ފުލުހުން ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބަޔާން ނަގައިފައެވެ. ނަމަވެސް މޫނު ނިވާކޮށްގެން ތިބި ފުލުހުންނާއި ސިފައިން ރޭ މާލެއާއި ހުޅުމާލޭގައި ވެސް ހަރަކާތްތެރިވެފައިވެއެވެ.
އެ އޮޕަރޭޝަނާ ގުޅޭ ގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ކައުންޓާ ޓެރަރިޒަމް އޮޕަރޭޝަންތަކަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި، އިންޓެލިޖެންސް ރިޕޯޓުތަކާ ގުޅިގެން އާންމުކޮށް ހިންގާ އޮޕަރޭޝަންތައް ކަމަށެވެ.
އެ އޮޕަރޭޝަނުގެ ތެރެއިން ތިން މީހަކު ހައްޔަރުކޮށް، އުޅަނދުތަކާއި ގެތައް ފާސްކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. ނަމަވެސް އެކަމާ ގުޅުންހުރި ނުރައްކަލެއް ނެތް ކަަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން، ރާއްޖެއަކީ ދިވެހީންނަށާއި މި ގައުމަށް ޒިޔާރަތް ކުރާ މީހުންނަށް ވެސް ރައްކާތެރި ގައުމަކަށް ހެދުމަށް ޓަކައި ކަމާ ގުޅުން ހުރި އިދާރާތަކުން އަވަސް ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަން މިނިސްޓްރީން ވަނީ ދީފައެވެ.
ރޭގެ އޮޕަރޭޝަނުގައި ސިފައިންނާއި ފުލުހުން ރަސްމީ ފާލަން ކައިރިން، ތަރުކާރީ ބަރުކޮށްގެން ދިޔަ ލޮރީއެއް ހުއްޓުވައި ޑްރައިވަރާ ސުވާލުކުރި މަންޒަރު ފެނިފައިވެއެވެ. އަދި ހެންވޭރުގައި ހުންނަ ގެއަކަށް ވަދެ، އެ ގެއިން ފިރިިހެނަކު ހައްޔަރުކުރި މަންޒަރު ވެސް ފެނިފައިވެއެވެ.
އެ އޮޕަރޭޝަނުގައި ތިން މީހުން ހައްޔަރުކުރި ކަމަށް ފުލުހުން ބުނި ނަމަވެސް، އިތުރު ތަފުސީލެއް މިހާތަނަށް ހާމަކޮށްފައިނުވެއެވެ.