ހުޅުމާލޭ ދެވަނަ ފިޔަވަހީގައި، އުމުރުން 18އަހަރުން ދަށުގެ ކުޑަކުދިންތަކެއްގެ މެދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި އެއް ކުއްޖަކު ޒަޚަމްކޮށްލައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން މިރޭ މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ވަނީ، މި މައްސަލައިގެ ރިޕޯޓު ލިބުނީ މިރޭ ގާތްގަނޑަކަށް 10:00 އެހާއިރު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ދެ ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާއިރު، އިތުރު ހަތަރު ކުދިން ހިފަހައްޓާފައި ވާކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
މާރާމާރީއާއި މިފަދަ ކުށްތައް އާންމުވެފައި ވާއިރު މިފަދަ މައްސަލަތަކުގައި ގިނައިން ޝާމިލުވަނީ ޒުވާނުންކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިފަހުން މާލޭގައި ފެންމަތިވި މާރާމާރީތަކުގައި ޒުވާނުންނާއި 18އަހަރުން ދަށުގެ ކުޑަކުދިން ވެސް ހިމެނެއެވެ.