މިދިޔަ ބުރާސްފަތި ދުވަހު ތިން މިނިސްޓްރީއެއް ހިންގަމުން ދިޔަ ދެ އިމާރާތުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި ކޮރަޕްޝަނާ ގުޅުންހުރި ލިޔެކިޔުންތަކެއް ވެސް ގެއްލުނު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިރޭ ތުހުމަތުކުރައްވައިފިއެވެ.
އަލިފާނުގެ ހާދިސާ ހިނގި ދެ އިމާރާތުގައި ގެއްލުންވެފައި ވަނީ ހައުސިން މިނިސްޓްރީއާއި އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ އިތުރުން އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އަަށެވެ. ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތްތައް މިއަދު ވަނީ ދަރުބާރުގޭގައި ފަށައިފައެވެ.
ޔާމީންގެ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ މަނިކުފާނު ވިދާޅުވީ އަލިފާނުގެ ހާދިސާއާ ގުޅިގެން ބައިވަރު ސުވާލުތަކެއް އެބަހުރި ކަމަށެވެ. އެ ހާދިސާގައި ގެއްލުނީ ކޮންކޮން ލިޔެކިޔުންތަކެއްކަން އަދިވެސް ރަނގަޅަށް ސާފުނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އެއްވެސް ބަޔަކު، ގެއްލިގެން އުޅެނީ ކޮން އެއްޗެއްކަން ބުނެދޭކަށް ވެސް ބޭނުން ނުވާ ކަމަށް އެމަނިކުފާނު ތުހުމަތުކުރެއްވިއެވެ.
ޔާމީން ވިދާޅުވީ އެ އިމާރާތްތަކުގައި މައުލޫމާތު ރައްކާކޮށްފައިވާ ގޮތާ ގުޅޭ ގޮތުން މައުލޫމާތު ދީފައިވާ ގޮތް ވެސް ތަފާތު ކަމަށެވެ. އެގޮތުން އެއްބަޔަކު ކަރުދާހުގައިއާއި ސާވާގައި ލިޔެކިޔުންތައް ރައްކާކުރިއިރު، އަނެއްބަޔަކު ރައްކާކުރީ ކްލައުޑްގައި ކަމަށް ބުނާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް އަލިފާނުގައި ގެއްލުނީ ކޮން މައުލޫމާތެއްކަން އަދިވެސް ސާފުނުވާތީ އެމަނިކުފާނު ކަންބޮޑުވުން ފާޅުކުރެއްވިއެވެ.
"އެއްވެސް މީހަކަށް ބުނެދޭކަށް ބޭނުމެއް ނުވޭ ގެއްލިގެން މިއުޅެނީ ކޯއްޗެއްކަމެއް. ހުރީ ކޯއްޗެއްކަން އެނގެންޏާ ގެއްލުނީ ކޯއްޗެއްކަން ވެސް އެނގެންވާނެ ދެއްތޯ؟ އެކަމު އެޔެއް ބުނާކަށް ބޭނުމެއް ނުވޭ. މި ދެންނެވީ މި ސުވާލު އުފެދޭ މައްސަލަ. ރައްޔިތުން ބަލަން ބޭނުންވަނީ ގެއްލިގެން މިއުޅެނީ ކޮން އެއްޗެއްތޯ،" ޔާމީން ވިދާޅުވިއެވެ.
ޔާމީން ތުހުމަތުކުރެއްވި ގޮތުގައި ގެއްލުނު ލިޔެކިޔުންތަކުގެ ތެރޭގައި ސިޓީ ކައުންސިލްގެ ލިޔެކިޔުންތަކެއް ވެސް ހިމެނޭއިރު، އޭގެ ތެރޭގައި ކައުންސިލްގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ ފަދަ ލިޔެކިޔުންތައް ހިމެނޭނެއެވެ.
"މިތަނުގަ ވެއްޖެ މާލޭ ސިޓީ ކައުންސިލްގެ ލިޔުންތަކެއް ވެސް. ސިޓީ ކައުންސިލްގައި އެތާ ތިބި ބޮޑެތި މޭޔަރުންގެ ކޮރަޕްޝަންގެ މައްސަލަތައް ހުރީ އެ ލިޔެކިޔުންތަކުގައި. އެހެންވީމަ އެބަޖެހޭ ނޫންތޯ ބުނެދޭން ގެއްލިގެން އުޅޭ ލިޔެކިޔުންތައް؟" ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި މިހާތަނަށް އަލިފާން ހިނގަން މެދުވެރިވި ސަބަބެއް ސާފުކޮށްދެވެންޖެހޭނެއެވެ. ޚާއްސަކޮށް އެވަރުގެ އަލިފާނުގެ ހާދިސާއެއް ހިނގައިފިކަމަށް ވާނަމަ ފުލުހުންނާއި ސިފައިންނަށް މިހާރު އެއީ ކިހިނެއް ހިނގި އަލިފާނެއްކަން ބުނެދޭން އެނގެންވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއީ އިލެކްޓްރިކް ޝޯޓޭޖަކާ ގުޅިގެން ހިނގި އަލިފާނެއްތޯ ނޫންތޯ ބުނަން އެނގެންވާނެ. އެކަހަލަ އަލިފާނަކަށް ނުވާކަމަށް ވާނަމަ ދެން މިއީ ކެމިކަލް ރައްކާކުރާ ތަނެއްހޭ އެހާވަރަށް ދުންގަނޑު އަރައިގަނެގެން އެ ދިޔައީ؟ އެހެންވީމަ ދެން އެ އަނދައިގެން ދިޔުން އެއީ ގުދުރަތީގޮތުން ވީ ކަމެއްތޯ؟ އިއްތިފާގެއްތޯ؟ އެއީ މިހުރިހާ ކަމެއް ނިމިގެން ދާއިރު މިއީ ކަރަންޓު ޝޯޓޭޖެއްގެ ކަމެއް ނޫންކަމާއި، އެވަރުވެސް ބުނެދޭކަށް ބޭނުމެއް ނުވޭ،" އެކަމާ ގުޅިގެން ޔާމީން ވަނީ ގިނަ ސުވާލުތަކެއް އުފައްދަވާފައެވެ.
އެ އަލިފާނުގެ ހާދިސާގެ ތަހުގީގަށް ބޭރުގެ ޓީމެއްގެ އެހީ ހޯދާނެ ކަމަށް ޕޮލިސް ކޮމިޝަނަރު (ސީޕީ) އަލީ ޝުޖާއު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެކަމާ ގުޅިގެން ވެސް ޔާމީން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އެމަނިކުފާނު ވަނީ އެކަމުގެ ތަހުގީގަށް ފަންނުގެ މީހުން ރާއްޖޭގައި ތިބިއިރު ބޭރުގެ ޓީމެއް ބޭނުންވަނީ ކީއްވެތޯ ސުވާލުއުފައްދަވާފައެވެ.
"ދެން އެންމެ ބޮލަށް އުނދަގޫވާ ކަމަކީ މި ފަންނުގެ މީހުން ރާއްޖޭގައި ތިބިއިރު ކީއްވެހޭ ރާއްޖޭން ބޭރުން ޓީމެއް ގެންނަވާހަކަ މިދައްކަނީ؟ މިމީހުން ބޭރުގެ އެހީ ހޯދަނީ ކޮންމެ ކަމަކަށް ވެސް. ބޭރުގެ އެހީ ހޯދާކަމަށް ވާނަމަ މިމީހުން އުޅެނީ އެ މައްސަލާގައި އެމީހުން ބޭނުންވާ ކުލައެއް ޖައްސަން. ބޭރުގެ އެހީއިން މިހާރު ކޯއްޗެއްތޯ އެތަނުން ފެންނާނީ؟ މިހާރު ކޯއްޗެއްތޯ ފެންނާނީ؟" ޔާމީން ސުވާލުއުފެއްދެވިއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން ސިޓީ ކައުންސިލުން ބުނީ، އެ ކައުންސިލްގެ ލޭންޑް ޑިޕާޓްމަންޓުގެ 90 އިންސައްތަ ލިޔެކިޔުން ސަލާމަތް ކުރެވުނު ކަމަށެވެ. އަދި ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނުގެއްލޭކަމަށް އިންފްރާންސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅުން ހުރި ބައެއް ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވިއެވެ.