ޔާމީން ކޯޓުތަކާއި ވައްކަމުގެ ވާހަކަ ދައްކާތީ އަޖައިބުވޭ: ފަލާހު

ޕީއެންސީގެ ޕީޖީ ލިޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު: ރައީސް ޔާމީން ވައްކަމުގެ ވާހަކަ ދައްކާތީ އަޖައިބު ވާކަމަށް ފަލާހު ވިދާޅުވެއްޖެ -- ސަން ފޮޓޯ/ މޫސާ ނަދީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، އެހެން މީހުންނަށް ތުހުމަތުތައް އަމާޒުވާ ގޮތަށް ވައްކަމާއި ކޯޓުތަކުގެ ވާހަކަ ދައްކަވާތީ އެކަމާ އަޖައިބު ވާކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވެފައި ވަނީ ރައީސް ޔާމީން އެމަނިކުފާނުގެ އަމިއްލަފުޅު ޕާޓީން ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ.

މަޖިލީހުގެ މެންބަރުން ޕާޓީން ވަކިކުރުމުންނާއި ވަކިވުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ، ސަރުކާރުން ދަނީ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މެދުވެރިކޮށް ކޯޓަށް ނުފޫޒު ފޯރުވަމުން ކަމަށެވެ.

އެ ވާހަކައާ ގުޅުވައި ފަލާހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަލާހު ވިދާޅުވީ މިހާރު ހިނގަމުންދާ 20 ވަނަ މަޖިލީހަކީ ނަމޫނާ މަޖިލީހެއް ކަމަށާއި އެހެން އެކަންވާ ސަބަބަކީ ސަރުކާރުން މަޖިލީހައް އަތް ނުބާނާތީ ކަމަށެވެ. ނަމަވެސް ޔާމީންގެ ވެރިކަމުގައި އޮތް 18 ވަނަ މަޖިލީހަށް ޔާމީނާއި އަނބިކަނބަލުން ފާތުމަތު އިބްރާހީމް ވެސް ނުފޫޒު ފޯރުވި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

އެހެންވެ، ޔާމީން މިހާރު ޖުޑިޝަރީގެ ވާހަކައާއި ކޯޓުތަކުގެ ވާހަކަ ދައްކަވާތީ އެކަމާ އަޖައިބު ވާކަމަށް ފަލާހު ވިދާޅުވިއެވެ. އަދި އަނިޔާވެރިކަމުގެ ވާހަކަ އެމަނިކުފާނު ދައްކާވާތީ އެ ވާހަކަތައް އެ ދައްކަނީ ޔާމީންތޯ ބައެއް ފަހަރު ހިތަށްއަރާ ކަމަށް ފަލާހު ވަނީ ވިދާޅުވެފައެވެ.

"މި ގައުމުގެ 15 އަހަރުން މަތީ ކޮންމެ ރައްޔިތަކާ މި ސުވާލުތައް ކޮށްލަ ބަލަ ލިބެނީ މި ޖަވާބު ނޫންތޯ ބަލަން ގައުމަށް އެއްމެ ބޮޑު ޚިޔާނާތެއްވީ ކާކު؟ ޖަވާބު ޔާމީނު. މި ގައުމުގަ އެއްމެ އަނިޔާވެރި ވެރިކަމެއް ކުރީ ކާކު؟ ޖަވާބު ޔާމީނު. މި ގައުމުގެ ޖުޑީޝަރީ ފުޑާލާ ކޯޓްތަކުން ޓިނުނަގައި ކޯޓުތަކަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވީ ކާކު؟ ޖަވާބު ޔާމީނު." ފަލާހުގެ ޕޯސްޓުގައިވެއެވެ.

މީގެ އިތުރުން ފަލާހު ވަނީ، މަޖިލީހުގެ 12 މެމްބަރުން ދެ އަހަރު މަގުމަތި ކޮށް، މަޖިލީސް މެމްބަރުން މަޖިލީހަށް ވަނަ ނުދީ އަނިޔާވެރިކޮށް މަޖިލީސް ހިސޯރު ކުރީ ވެސް ޔާމީނު ކަމަށް ވިދާޅުވެފައެވެ.

ފަލާހު އިޝާރާތް ކުރެއްވީ ޔާމީންގެ ވެރިކަމުގައި ވެރިކަން ކުރާ ޕީޕީއެމުން ވަކިވި 12 މެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ނިންމި ނިންމުމާ ގުޅުވައެވެ. އެއިރު ޔާމީންވަނީ އެ ނިންމުމުގެ ފަހަތުގައި ހުންނެވީ އެ މަނިކުފާނު ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ޔާމީންގެ ވެރިކަމުގައި ބޭބެ މައުމޫން އަބްދުލްގައްޔޫމް ހިމެނޭ ގޮތަށް، ސިޔާސީ ގޮތުން އިދިކޮޅު ގިނަ ލީޑަރުން ޖަލަށް ލެއްވިއެވެ. އެ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ފެބްރުއަރީ 1، 2018ގެ ރޭ، ސުޕްރީމް ކޯޓުން ކުއްލި އަމުރެއް ނެރުނެވެ.

އެ އަމުރު ނެރުނީ އެއްވެސް އަޑުއެހުމެއް ވެސް ނުބާއްވައި، އެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ނިންމިތާ އެތައް ދުވަހެއް ފަހުންނެވެ.

އެހެންވެ، ޔާމީން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރައްވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަލީ ހަމީދާއި އަބްދުﷲ ސައީދު ހައްޔަރުކުރެއްވިއެވެ. 'ސުޕްރީމް ކޯޓު ފުރާޅުން ޓިނު ނެގި'އޭ ކިޔަނީ އެ މައްސަލައިގައި ފަނޑިޔާރުން ހައްޔަރުކުރިއިރެވެ. އެ ފަނޑިޔާރުންނާ ދެކޮޅަށް ރިޝްވަތުގެ މައްސަލަ ބަލައި، ތަހުގީގަށް ފޯނު ނުދިން މައްސަލައިގައި އެ ދެ ފަނޑިޔާރުން ޖަލަށް ވެސް ލިއެވެ.

އެ ސަބަބުތަކާ ހެދި ޔާމީންގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއްގެ ގޮތުގައި އިދިކޮޅުން ސިފަކުރާއިރު، ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަނުގެ މައްސަލަ ހިންގައިފައިވަނީ އެ މަނިކުފާނުގެ ވެރިކަމުގައެވެ.

އެ މަނިކުފާނު ޖަލަށް ލީ ވެސް އެމްއެމްޕީއާރުސީން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ހިފުމާއި މަނީލޯންޑާކުރިކަން ސާބިތުވެގެންނެވެ. ޔާމީންގެ ތާއިދާއެކު ހޮވުނު މި ސަރުކާރު އިންތިޚާބުވުމާއެކު ޔާމީން ވަނީ ގޭބަންދަށް ބަދަލުކޮށްފައެވެ. ނަމަވެސް ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ވެރިކަމަށް ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ މަނިކުފާނުގެ ސަރުކާރާ ދެކޮޅަށް ތެދުވެވަޑައިގެންފައެވެ.

ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ ބަލަމުން އައީ ހަތް ފަނޑިޔާރުންގެ ބެންޗުންނެވެ. ނަމަވެސް އެ މައްސަލަ ބަލަން ފެށި ފަހުން މަޖިލީހުން ވަނީ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދު ކުރުމަށް ފާސްކޮށްފައެވެ. ހަމައެއާއެކު، އެ ކޯޓުގައި އެއިރު ތިއްބެވި ތިން ފަނޑިޔާރުން ހުސްނުއްސުއޫދާއި ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒް އަލީ ޒާހިރު ވަނީ ސަސްޕެންޑުކޮށްފައެވެ.

އޭގެ ތެރެއިން ހުސްނުއްސުއޫދު މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވައިފައިވާއިރު އޭނާ ވެސް ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވައިފައެވެ.

comment ކޮމެންޓް