މި ސަރުކާރުގެ ދަރަނި 130،000 މިލިއަނަށް އަރާފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނުގެ ޕާޓީ ޕީއެންއެފުން ބޭއްވި ޖަލްސާގައި ޔާމީން ވަނީ މި ސަރުކާރުގައި މިހާތަނަށް އަރާފައިވާ ދަރަންޏާ ގުޅުވައި ވާހަކަދައްކަވާފައެވެ.
އެގޮތުން، މިދިޔަ 15 މަސް ތެރޭ 130،000 މިލިއަނަށް އަރާފައިވާ ކަމަށެވެ. އެސްއޯއީގެ ދަރަނި 60،000 މިލިއަނާ ގާތްކުރާކަމަށް ޔާމީން ވިދާޅުވިއެވެ.
އެގޮތުން އެއްވެސް އެސްއޯއީއެއްގައި ފައިސާއެއް ނުހުންނަ ކަމަށާއި އެ ފައިސާތައް އަބަދު ގެންދަވަނީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ.
ދައުލަތުގެ ދަރަނި މި 15 މަސް ތެރޭ އިބްރާހީމް މުޙައްމަދު ޞާލިޙްގެ 160،000 މިލިއަންގެ އިތުރަށް މި ސަރުކާރުގެ އެކަނި ދަރަނި މިހާރު 130،000 މިލިއަނަށް އަރައިގެން ދިޔައިއްޔޭ. އަދި، އެސްއޯއީގެ ދަރަނި ކައިރި ކުރޭ އެބަ 60،000 މިލިއަނާ،
އޭގެއިތުރުން، ރާއްޖޭގެ އިންފްލޭޝަން އަށް އިންސައްތައަށް ވުރެ މައްޗަށް ދާނެ ކަން ޔަގީން ކަމަށް ޔާމީން ވިދާޅުވިއެވެ. 15 ބިލިއަން ރުފިޔާ ސާކިއުލޭޝަން ނެރުމުން އިންފްލޭޝަން އިތުރަށް މައްޗަށް ދާނެ ކަމަށާއި އެހެންވެ، ރައްޔިތުން ހޭދަކުރަން ހުރި ފައިސާގެ ބާރު ކެނޑޭނެކަމަށް ޔާމިން ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ.
އޭގެ ކުރިން މިދިޔަ އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
އެހެންކަމުން ޚަރަދު ކުޑަކުރުން އަވަސް ކުރަންޖެހޭކަމަށް ވޯލްޑް ބޭންކުންނާއި އައިއެމްއެފުން ވަނީ މީގެ ކުރިން ވެސް ބުނެފައެވެ.
މި ސަރުކާރުން މި އަހަރަށް ފާސްކުރި ބަޖެޓު 56.6 ބިލިއަން ރުފިޔާއަށް އަރައެވެ.
އެ ބަޖެޓުގައިވަނީ، މި އަހަރު ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ އިތުރަށް ކުރަންޖެހޭ ހޭދަ 9.4 ބިލިއަން ރުފިޔާއަށް ދަށްކުރެވޭނެ ކަމަށް ބުނެފައެވެ.