އިއްޔެ ހައުސިން މިނިސްޓްރީގައި ހިނގި އަލިފާނުގެ ހާދިސާގައި ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭނާ ގުޅުން ހުރި ބައެއް ލިޔެކިޔުންތައް ގެއްލިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ.
އިއްޔެ ހިނގި އަލިފާނުގެ ހާދިސާގައި ތިން މިނިސްޓްރީއެއް ހިންގި އިމާރާތަށް ގެއްލުންވެފައިވާއިރު، އެ މިނިސްޓްރީތަކުގެ ޚިދުމަތްތައް ވަގުތީ ގޮތުން ވަނީ މެދުކެނޑިފައެވެ. އެހެންވެ، އަލުން ޚިދުމަތްތައް ފަށަން ދަރުބާރުގޭގައި ސެޓަޕް ގާއިމުކޮށް، ޚިދުމަތްތައް ފެށުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ދަރުބާރުގޭގައި ހުންނަވައި 'ސަން'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު ހައިދަރު ވިދާޅުވީ، އިއްޔެ ހިނގި ހާދިސާގައި އެ މިނިސްޓްރީގައި ހުރި ހުރިހާ ޑޮކިއުމަންޓުތަކާއި ސާވާގައި ހުރި ރައްކާކޮށްފައި ހުރި މައުލޫމާތުތައް ގެއްލިފައިވާ ކަމަށެވެ.
އެންމެ ދުވަހެއްގެ ކުޑަ ވަގުތުކޮޅެއް ތެރޭ އަނދައިގެން ދިޔައީ ގިނަ އަހަރުތަކެއްގެ މުހިންމު މައުލޫމާތުތަކެއް ކަމަށާއި އެއީ އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.
ނަމަވެސް، އެކަމަކީ ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތްތަކަށް ބުރޫ އަރާނެ ކަމެއް ނޫން ކަމަށާއި ދަރުބާރުގޭގައި ވަގުތީ ގޮތުން ސެޓަޕްތައް ގާއިމުކޮށް އަންނަ އާދިއްތަ ދުވަހު ޚިދުމަތްތައް ދެވެން ފަށާނެ ކަމަށް ހައިދަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ފްލެޓު ލިސްޓާއި ގެދުރުވެރިޔާ ސްކީމާއި ބިންވެރިޔާ ސްކީމުގެ އިތުރުން މިހާރު ހުޅުވާލެވިފައި އޮތް ލޯނު ސްކީމުގެ ހުރިހާ މައުލޫމާތެއް ރައްކާކުރަމުން ދިޔައީ ކްލައުޑް ސާވާއެއްގައި ކަމަށެވެ. އެހެންވެ، އެ ހާދިސާގައި އެ މައުލޫމާތުތަކަށް އެއްވެސް ގެއްލުމެއް ނުލިބި ރައްކާތެރިކަމާ އެއްކޮށް އެބަ ހުރިކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އެހެން ހުރިހާ އެއްޗިއްސަކީ އެއީ ކްލައުޑް ސާވާގައި ރައްކާކުރަމުން ދިޔަ މައުލޫމާތެއް ނޫން، އެހެންވީމަ އޭއްޗިހިތައް ގެއްލިގެންދާނެ. ވަކިން ޚާއްސަކޮށް ރަށްރަށުގެ ލޭންޑް ޔޫސް ޕްލޭންގެ ހުރި މައުލޫމާތުތަކާ އެއްޗިހި. އެހެންނަމަވެސް، އެއީ ހަމައެކަނި އަޅުގަނޑުމެން ރައްކާތެރި ކުރާ އެއްޗެއް ނޫން. ހަމަ ކޮންމެ ކައުންސިލަކުން ވެސް ހަމަ ލޭންޑްޔޫސް ޕްލޭންގެ މައުލޫމާތުތައް ރައްކާކުރަމުންދާނެ. ނަމަވެސް، އެއާ އެކީގައި ހުރި ލިޔެކިޔުންތަކާ ބަދަލުކުރެވުނު ލިޔެކިޔުންތައް ގެއްލިގެން ދިޔައީ. އެއީ ވަރަށް ބޮޑު ގެއްލުމެއް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު
މި އަލިފާނުގެ ހާދިސާގައި އެ އިމާރާތުގައި ހިންގި މާލެ ސިޓީ ކައުންސިލްގެ ބަޔަކަށް ވެސް ގެއްލުންތަކެއް ލިބިފައިވެއެވެ. އެ ގެއްލުމާ ގުޅިގެން މާލެ ރައްޔިތުންނަށް ދެމުން އައި އެއްވެސް ޚިދުމަތަކަށް ބުރޫ ނާރާނެހެން މާލެ ސިޓީ ކައުންސިލުން ދެމުންއައި ޚިދުމަތްތައް ވަގުތީ ގޮތުން ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ.
ނަމަވެސް އަލިފާނުގެ އަސަރު ކުރި އިމާރާތުގައި ހުރީ ކައުންސިލުން ބަލަހައްޓާ މާލޭ ރައްޔިތުންގެ އުފަން ރިކޯޑާއި ރަށްވެހިކަމުގެ އެކި ބާވަތުގެ ސެޓްފިކެޓާއި ގޯތި ގެދޮރުގެ ރަޖިސްޓްރީއާއި ރަށްވެހިންގެ ރަޖިސްޓްރީއާއި އިމާރާތުގެ ހުއްދަތައް ފަދަ ލިޔެކިޔުންތައް ކަމަށް އެ ކައުންސިލުން ބުންޏެވެ. އެ ލިޔެކިޔުންތަކުގެ ތެރެއިން ބައެއް ތަކެއްޗަކީ އިޔާދަ ކުރެވޭނެ ތަކެތި ނަމަވެސް، ބައެއް ލިޔެކިޔުންތައް އިޔާދަ ނުކުރެވޭނެކަމަށް އެ ކައުންސިލުން އިއްޔެ ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
އަލިފާނުގެ ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ހުރި ގެތަކުން ނުކުންނަން ޖެހިފައިވާ 50 މީހަކަށް އިއްޔެ ވަނީ ސޯޝަލް ސެންޓަރުން ވަގުތީ ގޮތުން ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.