އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރިތާ އަދި މަހެއް ނުވާއިރު، ބަޖެޓުގައި އޮތް އެއްޗަކާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ވާހަކަފުޅަކާ ދިމާނުވާކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.
އަމީރު އެފަދައިން ވިދާޅުވިއިރު ރޭ، އއ. މަތިވެރީގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ދިވެހި އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީ، ޕެންޝަން އަދި އާސަންދަ ކުރިއަށް އޮތް ތަނުގައި ނުކަނޑާނެ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވިއިރު، ބަޖެޓުގައި ސަބްސިޑީއަށް ބޮޑު ބަދަލެއް ގެނައުމަށް ހިމަނާފައިވެއެވެ. އެ ބަދަލަކީ މިހާރު ކާޑާއި، ކަރަންޓު އަދި އެ ނޫންވެސް ބާވަތްތަކުން ދޭ ސަބްސިޑީ، އެއަށް ކޮންމެހެން ބޭނުންޖެހިފައިވާ މީހުންނަށް "ޓާގެޓަޑް ސަބްސިޑީ"ގެ ގޮތުގައި ލިބޭގޮތް ހެދުމެވެ.
އެކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވިދާޅުވީ މިދިޔަ ސަރުކާރުން ހުށަހަޅައި ފާސްކުރި ބަޖެޓަކަށް ވާތީ 2024 ވަނަ އަހަރު، ރަށް ރަށުގައި އެއްވެސް ޕްރޮޖެކްޓެއް ނުހިންގުނު ކަމަށެވެ. އަދި 2025 ވަނަ އަހަރުގެ ބަޖެޓް، މި ސަރުކާރުން ހުށަހަޅައި ފާސްކުރިތާ އަދި މަހެއް ނުވާއިރު ބަޖެޓްގައި އޮތް އެއްޗަކާއި ރައީސް ދައްކަވާ ވާހަކަފުޅަކާ ދިމާނުވާ ކަމަށް އަމީރު ވިދާޅުވިއެވެ.
"ރައީސް މުއިއްޒު މުސާރަ ދެއްވާ ސިޔާސީ ބޭފުޅުން ނޫނިއްޔާ އެންމެންނަށް މިހާރު ތި ދައްކަވާ ވާހަކަތުގެ ހީލަތްތެރިކަން އެބަ ސާފުވޭ،" އަމީރު ވިދާޅުވިއެވެ.
އެ ޕޯސްޓާ ގުޅިގެން "ސަން"އާ ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ބަޖެޓުގަ އޮތީ ސަބްސިޑީ ވެސް ރިފޯމްކުރާ ވާހަކަ ކަމަށެވެ. އެހެންނަމަވެސް ބަޖެޓުގައި ސަބްސިޑީ ރިފޯމް ކުރުމަށް ހިމަނާފައިވާ ކަމަށާއި ރައީސްގެ ވާހަކަފުޅު މިހާރު ހުންނަވަނީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައި އިން ގޮތަކަށް ނޫން ކަމަށް ވިދާޅުވިއެވެ.
އަދި ކޮންމެ ރަށަކަށް ވަޑައިގެން މުޅިން އައު މަޝްރޫއުތަކުގެ ވައުދުފުޅުތައް ވަމުންދާ ކަމަށް އަމީރު ވިދާޅުވިއެވެ.
މާލީ ކަންކަމުގައި ހާމަކަން ބޮޑުގޮތަކަށް ކަންކަންކުރަންޖެހޭ އިރު، ބަޖެޓުން އެކަން ފެންނާކަށް ނެތް ކަމަށް އަމީރު ވިދާޅުވިއެވެ. އަދި ބަޖެޓު އޮތީ މިނިސްޓަރަކު ޒިންމާކުރެވޭނެ ގޮތަކަށް ނޫން ކަމަށާއި، ރައްޔިތަކަށް ސުވާލުކުރެވޭ ގޮތަކަށް ވެސް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.
"އަސްލު ހަގީގަތަކީ 2024 ވަނަ އަަހަރު ހުށަހެޅި ބަޖެޓަކީ މިބޭފުޅުންގެ ފުރިހަމަ އިންވޯލްވްމަންޓާއެކީ އަޅުގަނޑުމެން ހުށަހަޅާފައި އިން ބަޖެޓެއް. ރާއްޖޭގަ ޒަމާނުއްސުރެވެސް ބަޖެޓު ހަދަނީ އެގޮތަށް. މި އަހަރު ދެން އަޅުގަނޑަށް ފެންނަނީ މި ބޭފުޅުންނަށް އެކަންތައްތައް ނުވީމަ ކޮންމެވެސް ބަހަނާއެއްގެ ގޮތުގަ ދައްކަވާ ވާހަކައެކޭ އެއީ،" އަމީރު ވިދާޅުވިއެވެ.