ދިވެހި އެއްވެސް ރައްޔިތަކަށް ލިބޭ ސަބްސިޑީ، ޕެންޝަން އަދި އާސަންދަ ކުރިއަށް އޮތް ތަނުގައި ނުކަނޑާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެފަދައިން ވިދާޅުވީ އއ. އަތޮޅާއި ކ. އަތޮޅަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން މިރޭ މަތިވެރީގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ މިހާރު ރައްޔިތު މީހާއަށް ލިބެމުންދާ އެއްވެސް އެއްޗެއް އުނިނުކޮށް، އާމްދަނީ އިތުރުކޮށްދިނުން ކަމަށެވެ.
"[ސިޔާސަތަކީ] ފައިސާ ޗާޕުނުކޮށް، ރާއްޖެ ބަނގުރޫޓު ވިޔަނުދީ، ގައުމަށް އިގުތިސޯދީ ގޮތުން ތަރައްގީ ގެނެސް، އުމްރާނީ ތަރައްގީގެ މަސައްކަތްތައް ހިންގަމުން ކުރިއަށްދިޔުން،" ރައީސް ވިދާޅުވިއެވެ.
"...ކުރިއަށް އޮތް ތަނުގައި އެއްވެސް ރައްޔިތަކަށް ލިބެމުންދާ ސަބްސިޑީއެއް ވެސް ނުކަނޑާނަން. އާސަންދައެއް ވެސް ނުކަނޑާނަން. ރިޓަޔާމަންޓް ޕެންޝަނެއް ވެސް ނުކަނޑާނަން. އަދި އެއަށްވުރެ ރަނގަޅުކޮށްދޭނީ،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އޭގެ ބަދަލުގައި ބޭކާރު ވަމުންދާ އަދި ނާޖާއިޒު ގޮތެއްގައި ކުރަމުންދާ ޚަރަދުތައް ހުއްޓާލާ އެފަދަ ޚަރަދުތައް އުނިކުރައްވާނެ ކަމަށެވެ.
މިސާލެއްގެ ގޮތުން އެމަނިކުފާނު ނެންގެވީ އާސަންދައިގެން ދަށުން އަގުބޮޑުކޮށް ބޭސް ވިއްކާ މައްސަލައެވެ. އެގޮތުން ބައެއް މީހުން އާސަންދައިގެން ދަށުން 1،000 ޕަސެންޓަށްވުރެ ބޮޑު ޕްރޮފިޓެއްގައި ނުހައްގު މަންފާ ހޯދުމަށް ބޭސް ވިއްކަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެފަދަ ޚަރަދުތައް ހުއްޓުވައި އާސަންދަ ރިފޯމްކުރާނެ ކަމަށް ވިދާޅުވިއެވެ.
އެކަމުގެ ސަބަބުން އާންމުންނަށް އެއްވެސް އެއްޗެއް އުންޏެއް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެސްޓީއޯ ރޭޓުގައި އަގުހެޔޮކޮށް ބޭސް ލިބޭނެ ކަމަށް ވެސް އެކަމިނުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވުމުގެ ސަބަބުން ގިނަ ދާއިރާތައް ރިފޯމް ކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށައިފައެވެ.
އެގޮތުން 2025ވަނަ އަހަރަށް ލަފާކޮށް މިހާރު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސަބްސިޑީއަށް ބޮޑު ބަދަލެއް ގެނައުމަށް ހިމަނާފައިވެއެވެ. އެ ބަދަލަކީ މިހާރު ކާޑާއި، ކަރަންޓު އަދި އެ ނޫންވެސް ބާވަތްތަކުން ދޭ ސަބްސިޑީ، އެއަށް ކޮންމެހެން ބޭނުންޖެހިފައިވާ މީހުންނަށް "ޓާގެޓަޑް ސަބްސިޑީ"ގެ ގޮތުގައި ލިބޭގޮތް ހެދުމެވެ.
އަދި އާސަންދައިގައި ބޮޑެތި މައްސަލަތައް ހުރުމާއެކު އާސަންދަ ރިފޯމްކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ވަނީ ފަށާފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރުގެ ވަޒީފާތަކުގެ ތެރެއިން 'ޑަަބަލް ޕެންޝަން' ލިބޭ އިދާރާތަކުން އަލަށް ރިޓަޔާވާ މީހުންނަށް ކޮންމެ މަހަކު ދެމުން އަންނަ އެލަވަންސް ކަނޑާލަން ސަރުކާރުން މިފަހުން ނިންމިއެވެ. ނަމަވެސް، އެ ނިންމުން ބަދަލުކޮށް އެ އެލަވަންސް ދޭން ރައީސް މުއިއްޒު ވަނީ ފަހުން ނިންމަވައިފައެވެ.