ބައިނަލްއަގުވާމީ ކްރެޓިޑް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖެއަށް ދީފައިވާ ކްރެޑިޓް ރޭޓިން ދަމަހައްޓައިފައިވަނީ ސަރުކާރުން ކުރި މޮޅު ކަމެއްގެ ސަބަބުން ނޫން ކަމަށާއި، ސަރުކާރުން މިހާރު ޚަރަދުތައް ކުރާ ގޮތަށް ކުރަމުންދާނަމަ ރައްޔިތުންނަށް ފައިދާއެއް ނުވާނެ ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެއެވެ.
މިދިޔަ ސެޕްޓެމްބަރު މަހު މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން ސީއޭއޭ1އިން ސީއޭއޭ2އަށް ދަށްކޮށްފައެވެ.
އިއްޔެ އެ އޭޖެންސީން ނެރުނު ބަޔާނެއްގައި ވަނީ ސަރުކާރުން ބޭރު ފައިސާ ހޯދަން ކުރާ މަސައްކަތްތައް ފާހަގަކޮށް، ކްރެޑިޓް ރޭޓިން ދަމަހައްޓައިފައެވެ.
އެ ރޭޓިންއަށް އިޝާރާތް ކުރައްވައި، ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)އިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ މޫޑީސްއިން ރޭޓިން ދެމެހެއްޓީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އޮކްޓޯބަރު މަހު ތަންފީޒު ކުރަން ފެށި ބޭރު ފައިސާގެ ގަވައިދުގެ ދަށުން ޑޮލަރު ހޯދޭނެ ކަމަށް ބަލައިފައި ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ އެކެއްގައި ތަންފީޒުކުރަން ފެށި އެ ގަވައިދުގެ ދަށުން ރިޒޯޓުތަކަށް އަންނަ ފަތުރުވެރިންނަށް ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހެއެވެ. އެ ގަވައިދުގައިވާ ގޮތަށް ޑްރާފްޓް ބިލެއް ވެސް އެކުލަވާލައި، ގާނޫނުން ވެސް އެކަން ތަންފީޒު ކުރުމުގެ މަސައްކަތް މަރުކަޒީ ބޭންކުން ވަނީ ފަށައިފައެވެ.
"އެއީ މި ސަރުކާރަށް އެއްވެސް ކަމެއް އެޗީވްވެގެނެއް ނޫން. ހަމައެކަނި އެމީހުން ލުޔެއް ދެނީ، ނޫނީ އިތުރަށް ގޯހެއް ނަހަދާ އޮތީ، [އެމްއެމްއޭގެ ގަވަރުނަރު އަހުމަދު] މުނައްވަރު މިހާރު އިއުލާންކުރައްވައިގެން އުޅޭ، ގަދަކަމުން ނަމަވެސް، ފޭރިގެން ނަމަވެސް، ޑޮލަރު ހޯދަން މި ކުރާ މަސައްކަތުގައި މި މީހުން ގަބޫލުކުރަނީ ކޮންމެވެސް ވަރަކަށް ރަނގަޅުތަކެއް އަތުވެދާނެއޭ،" އެ މަނިކުފާނު ވިދާޅުވިއެވެ.
"އެކަމަކު އެއީ މަނިޓަރީ ޕޮލިސީ، އެކަމަކު ފިސްކަލް ޕޮލިސީ، ސަރުކާރުން ހޭދަކުރުމާއި ސަރުކާރުން އާމްދަނީ ހޯދުމަށް މިއަކަށް ބަދަލެއް ނާދޭ."
އެހެންވެ، ރޭޓިން ދެމެހެއްޓުމުން ރައްޔިތުންނަށް އެއްވެސް ލުޔެއް ލިބޭނެތޯ ބަލާއިރު، ސަރުކާރު ހިންގުމުގެ ޚަރަދުތައް ކުޑަ ނުވާ ކަމަށާއި އޭގެ ސަބަބުން ރައްޔިތުން އުފުލަން ޖެހޭ ބުރަ އަންނަ އަހަރު ފެށުމާއެކު ފެންނާނެ ކަމަށް ޔާމީން ލަފާކުރެއްވިއެވެ.
މި ސަރުކާރުން ގެންނަ އިސްލާހުތަކުގެ ތެރެއިން ސަބްސިޑީތައް ކަނޑާލުމުން ތެލާއި ކަރަންޓުގެ އަގު ބޮޑުވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ސަބްސިޑީއެއް ދީފި ކަމަށްވަންޏާ އޭގެ މާނައަކީ ރައްޔިތުންނަށް އޭގެ ލުޔެއް ލިބޭނެޔޭ. އަޅުގަނޑު ވެސް ގަބޫލުކުރަން އިގުތިސާދަކީ ވަރުގަދަ، ދުވެލި ރަނގަޅު އިގުތިސާދެއްގެ ގޮތުގައި ސަރުކާރުގެ ފުދުންތެރިކަން ހުރެއްޖެ ކަމަށްވާނަމަ ސަބްސިޑީ ކަނޑާލުމަކީ އެންމެ ރަނގަޅު ގޮތެއް،" ޔާމީން ވިދާޅުވިއެވެ.
"އެކަމަކު އެހެންވެއްޖެ ކަމަށްވަންޏާ ސަރުކާރަށް މަޖުބޫރުކުރާނެ ރައްޔިތުންނަށް ދޭ ޚިދުމަތްތައް އަގުހެޔޮ ކުރަން. ޚިދުމަތެއް އަގުހެވެއް ނުވޭ."
ރާއްޖޭގެ އިގުތިސާދު މި ހާލަތުގައި އޮއްވައި ސަބްސިޑީތައް ކަނޑާލުމުން އެއީ ރައްޔިތުންގެ ރިހޭ ފައި މައްޗަށް ފޮއެ ވެއްޓުމުގެ ގޮތުގައި އެ މަނިކުފާނު ސިފަކުރެއްވިއެވެ. އެގޮތުން އެ ޖަލްސާގައި މީހަކު ފާހަގަކުރި ފަދައިން، ކެފޭތައް ބަންދުކުރުމާއި ކުދިކުދި ފިހާރަތައް ބަނގުރޫޓުވުން ފަދަ ގެއްލުންތައް ރައްޔިތުންނަށް ލިބޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.
"މިއީ ސަރުކާރުގެ ފިސްކަލް ޕޮލިސީ، ސަރުކާރުގެ ޚަރަދު ކުރުމާއި އާމްދަނީ ހޯދުމާއި އެއަށް ބިނާކޮށް މިދާ ކަމަށްވަންޏާ އަދިއެއް ނެތް ސަލާމަތެއް މި އަންނަ އަހަރުގެ ބަޖެޓަކުން ހަމައެކަނި،" އެ މަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތައް ފާހަގަކޮށް މޫޑީސްއިން ރޭޓިން ދެމެހެއްޓި ނަމަވެސް ރާއްޖެއިން ދައްކަން ޖެހޭ ބޮޑު ދަރަންޏާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
އެ އޭޖެންސީން ވަނީ، މިހާރު އެކަށައަޅާފައިވާ ކްރެޑިޓް ރޭޓިން ކުރިއަށްއޮތް ދުވަސްތަކުގައި އެ މިންގަނޑުގައި ދެމެހެއްޓުން ނުވަތަ މަތިވުން ބިނާވާނީ ސަރުކާރަށް ބޭރު ފައިސާއިން ފައިނޭންސިން ހޯދޭ މިންވަރަށާއި، އަންނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައި ސަރުކާރުން ކަނޑައަޅާފައިވާ ފިސްކަލް ރިފޯމްތައް ކާމިޔާބުކަމާއެކު ތަންފީޒުކުރުމުގެ މައްޗަށް ކަމަށް ބުނެފައެވެ.
ދައުލަތުގެ އާމްދަނީ އިތުރުވި ނަމަވެސް، ޚަރަދުތައް ކުޑަ ނުކުރާ މައްސަލަ ބޭރުގެ އިދާރާތަކުން ވެސް ފާހަގަކޮށްފައިވެއެވެ.
ފިނޭންސް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި މިދިޔަ މަހުގެ 28ގެ ނިޔަލަށް ދައުލަތަށް 31.1 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ މިދިޔަ އަހަރަށްވުރެ 709 މިލިއަން އިތުރު އަދަދެކެވެ. ނަމަވެސް އެ މުއްދަތުގައި ޚަރަދު އޮތީ މިދިޔަ އަހަރަށްވުރެ 756 މިލިއަން ރުފިޔާ އިތުރަށް ކޮށްފައެވެ.
މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި ވަނީ އިސްލާހީ ފިޔަވަޅުތަކުން 11.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށް ލަފާކޮށްފައެވެ.