ރިސޯޓުތަކަށް އަންނަ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭވަރު ކަމެއް ނޫން ކަމަށާއި އެ ގޮތަށް އެކަން މަޖުބޫރުކޮށްފި ނަމަ ފަތުރުވެރިކަމުގެ ސިނާއަތް ހަލާކުވެދާނެ ކަމަށް އެމްޑީއޭގެ ރައީސް އަދި ފަތުރުވެރިކަމަށް ބޮޑެތި އިންވެސްޓްތަކެއް ކުރައްވާފައިވާ އަޙްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.
އެމްއެމްއޭއިން ވަނީ ރިސޯޓުތަކާއި ގެސްޓްހައުސްތަކުން އެ ތަންތަނަށް އަންނަ ފަތުރުވެރިންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ގަވާއިދެއް އެކުލަވައިލާފައެވެ. އެ ގާނޫނަކަށް ހެދުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
އެ ގަވާއިދު ބުނާ ގޮތުން، ފަތުރުވެރިކަމުގެ ޚިދުމަތްދޭ މަތީ ފަންތީގެ ވިޔަފާރިތަކުން، ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަންޖެހެއެވެ. ގެސްޓްހައުސްތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 25 ޑޮލަރު މާރުކުރަންޖެހެއެވެ.
'ރާއްޖެ ޓީވީ'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ، ބޮލެއްގެ މައްޗަށް 500 ޑޮލަރު މާރުކުރުމަކީ ރިސޯޓުތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެ ގޮތަށް، އެކަން މަޖުބޫރުކޮށްފި ނަމަ ފަތުރުވެރިކަމުގެ ސިނާއަތް ހަލާކުވެދާނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
"ބޮލެއްގެ މައްޗަށް 500 ޑޮލަރު އެކްސްޗޭންޖުކުރުމަކީ [މާރުކުރުމަކީ] ކުރެވޭނެ ކަމެއް ނޫން. ކުރެވޭނެ ކަންތަކުގެ ވާހަކަ އަޅުގަނޑުމެން ކައިރީގައި ދެއްކީމާ އެކަން ކުރެވޭނީ. އެހެންނަމަވެސް، މަޖުބޫރުކޮށްފިއްޔާ އެކަން ކުރަން މަޖުބޫރުވާނެ.. ދެން އަޅުގަނޑު ކުންފުނިތާ ހަލާކުވާނީ،" އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ފަސް ރިސޯޓު ހިންގަވާ ސިޔާމް ވިދާޅުވީ، އެ މަނިކުފާނުގެ ހުރިހާ މުވައްޒަފުންނަށް މުސާރަދެއްވަނީ ޑޮލަރުން ކަމަށެވެ. އެހެން އެކަން ކުރުމުގެ ސަބަބުން އެ މުވައްޒަފުންނާއި އެ މީހުންގެ މައިންބަފައިންނާއި އަދި ތިމާގެ މީހުންނަށް ވެސް ހެޔޮ އަގުގައި ޑޮލަރު ލިބޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު، ސަރުކާރުން ގެންނަން މި އުޅޭ ބަދަލާ އެކު އެ ޑޮލަރުތައް ނުދެވޭނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ކުރިއަށް އޮތްތަނުގައި މުވައްޒަފުންނަށް މިދޭ ހުރިހާ ޑޮލަރެއް ވެސް އޮފީހަށް ބަދަލުކުރަން ޖެހޭނީ. އެހެން ހެދީމާ ވާގޮތަކީ، މީހާއަށް ގެއްލުންވަނީ،" ތަޖުރިބާކާރު ވިޔަފާރި ވެރިޔާ ސިޔާމް ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ، ހަލާލު ގޮތުގައި ޓެކުހާއި އެ ނޫން ވެސް އެއްޗެއް ދައުލަތަށް ދައްކައިގެން ހޯދާ ޑޮލަރު އަތުލުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ހަލާލު ފައިސާއެއް ނޫންތޯ އެއީ؟ ކިހިނެއްތޯ އަޅުގަނޑުމެން އަތުގައި އޮތް އެއްޗެއް އަތުލަން ދިމާކޮށްލާނީ؟ އެއަށް ކިޔާނީ ފޭރުން. އެ ފޭރިގެންނެއް ނުވާނެ އިނގޭތޯ،" އެ މަނިކުފާނު ވިދާޅުވިއެވެ.
މިސާލެއް ދައްކަވަމުން ސިޔާމް ވިދާޅުވީ، އެ މަނިކުފާނުގެ އެންމެ ބޮޑު ރިސޯޓު، ސިޔާމް ވޯލްޑަށް އާއިލާތައް ގެނައުމަށްޓަކައި ކުޑަކުދިންގެ އަތުން ފައިސާ ނުނަގާ ކަމަށެވެ. އެހެންވެ، އެ ކުދިން އަތުން އެއްވެސް ޑޮލަރެއް ނުލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އެކަމަކު، އެ ކުދިންގެ ބޮލަށް ވެސް 500 ޑޮލަރު މާރުކުރަން މަޖުބޫރުކޮށްފި ނަމަ، ސިނާއަތަށް ގެއްލުންވާނެ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.
"އެހެންވީމާ އެ މާރުކުރަން މަޖުބޫރުކުރާ ކަމަށްވަންޏާ މި އިންޑަސްޓްރީއަށް ވަރަށް ބޮޑެތި ގެއްލުންވެގެންދާނީ. މި އިންޑަސްޓްރީ ހަމަ ހަލާކުވެގެން ވެސް ހިނގައިދާނެ އިނގޭތޯ. މިއަށް އިތުރު އިސްލާހުތަކެއް ނުގެނެސް ކުރެވޭނެ ކަމެއް ނޫން [މިއީ]،" އެ މަނިކުފާނު ވިދާޅުވިއެވެ.
ބޭރު ފައިސާ މާރުކުރުމާ ގުޅޭ ގޮތުން ބައެއް ރިސޯޓުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެއީ، އެންމެ ރަނގަޅު އަދަދުތައް ނޫން ކަމަށް ރިސޯޓުތަކުން ވެސް ވަނީ ބުނެފައެވެ.
އެކަމަކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ގަވާއިދަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށް ވިދާޅުވެފައެވެ. އެއީ، ކުރެވޭނެ ކަމެއް ނޫން ކަމަށާއި ބޮޑެތި ރިސޯޓުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި އަވައްޓެރި އިންޑިއާއާ އެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމާ އެކު ލިބުނު 400 މިލިއަން ޑޮލަރާ އެކު ރަސްމީ ރިޒާވް 614 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. އެކަމަކު، ބޭނުންކުރެވޭ ރިޒާވް ހުރީ 31.5 މިލިއަން ޑޮލަރުގައެވެ.
ދަރަނި ނުދެއްކިދާނެކަމުގެ ބިރު ހީވެ، ބޭރުގެ މާލީ އިދާރާތަކުން ވަނީ އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ގޮވާލައިފައެވެ.