ހާލަތު ގޯސްވީ އިސްރާފު ގިނަކަމުން، ރަނގަޅުކުރެވޭނީ ވައްކަން ހުއްޓާލައިގެން: ސިޔާމް

އެމްޑީއޭގެ ރައީސް ސިޔާމް: އެ މަނިކުފާނު ވިދާޅުވީ، މާލީ ހާލަތު ރަނގަޅުކުރެވޭނީ ވައްކަން ހުއްޓާލައިގެން ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

ދިވެހިރާއްޖޭގެ މާލީ ހާލަތު ގޯސްވެގެން އުޅެނީ އިސްރާފު ގިނަކަމުން ކަމަށާއި އެ ހާލަތުން އަރައިގަނެވޭނީ ވައްކަން ކުރުން ހުއްޓާލައިގެން ކަމަށް އެމްޑީއޭގެ ރައީސް އަޙްމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯހުން ގޯހަށް ގޮސް، ސަރުކާރުން އަންނަނީ އާމްދަނީ އިތުރުކުރަން ފިޔަވަޅުތަކެއް އަޅަމުންނެވެ.

'ރާއްޖެ ޓީވީ'އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ، ބޮލަކަށް ޖެހޭ އާމްދަނީއަށް ބަލައިފި ނަމަ، މުޅި މި ސަރަހައްދުގައި ވެސް އޮތް އެންމެ މުއްސަނދި ގައުމަކީ ރާއްޖެ ކަމަށެވެ. އެކަމަކު، މި ހާލަތަށް ވެއްޓިފައިވަނީ އެ ފައިސާއަށް ހިޔާނާތްތެރިވެވޭތީ ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

"މި ފައިސާ ނުހައްގު ގޮތުގައި ބޭނުންކުރުމުން އަޅުގަނޑުމެންނަށް ޖެހިގެން އުޅޭ މައްސަލައެއް މިހާރު ވެސް އުޅޭ އިކޮނަމިކް ކްރައިސިސްއަކީ. ބޭރުގެ ތަންތަނަށް ދައްކަންޖެހޭ ފައިސާ ނުދެއްކި ޑޮލަރުގެ ތާށިކަން އައިސްގެން އުޅެނީ،" ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ސިޔާމް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަކީ، ރާއްޖޭގެ އިގުތިސާދު ރަނގަޅުކުރަންވެއްޖިއްޔާމުން ވައްކަންކުރުން ހުއްޓާލަންވީ،"

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު: އެ މަނިކުފާނު ވިދާޅުވީ، އިގުތިސާދު ރަނގަޅުވާނީ ވައްކަންކުރުން ހުއްޓާލައިގެން ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

އެ މަނިކުފާނު ވިދާޅުވީ، މިދިޔަ ހުރިހާ ސަރުކާރެއްގައި ވެސް ވައްކަންކުރި ކަމަށެވެ. ރާއްޖޭގައި ވެރިކަންކުރި ހުރިހާ ރައީސުން ވެސް އެތައް ކުންފުންޏެއް ހައްދަވާ ކަމަށާއި އެއީ، ވައްކަންކުރުމުގެ ނިޔަތުގައި ކުރައްވާ ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

"މި ކުންފުނިތައް ހިންގުމަށްޓަކައި ދެ ބިލިއަން ޑޮލަރު އެބަ ކަނޑަށް އަޅާ ކޮންމެ އަހަރަކު،" އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

ރާއްޖެއަށް އާމްދަނީގެ ގޮތުގައި ލިބެނީ 4.5 ބިލިއަން ނުވަތަ ފަސް ބިލިއަން ޑޮލަރުކަން ފާހަގަކުރައްވައި އެ މަނިކުފާނު ވިދާޅުވީ، ކޮންމެ ސަރުކާރަކުން ވެސް ކުންފުނިތައް ހައްދަވައިގެން ހިންގަވަނީ ވައްކަންކުރުމުގެ ލައިސަންސް ހޯއްދަވަންވެގެން ކަމަށެވެ.

އެއީ، ޓެކްސް ދައްކާ އެންމެހައި ރައްޔިތުންގެ ފައިސާއިން ހަރާމް ގޮތުގައި ވައްކަންކުރުންކަން ފާހަގަކުރައްވައި އެ މަނިކުފާނު ނުރުހުން ފާޅުކުރެއްވިއެވެ.

"އަޅުގަނޑަކީ ރާއްޖޭގައި ވަރަށް ގިނައިން ކްލާސްރޫމް ހަދާ މީހެއް. އަޅުގަނޑަށް ކްލާސްރޫމެއް ހެދޭ 200،000 ރުފިޔާއަށް. ސަރުކާރުން ހަދަން ވެއްޖިއްޔާ 2 މިލިއަން ރުފިޔާއަށް އެޅެނީ،" ވައްކަންކުރާ ގޮތުގެ މިސާލެއް ސިޔާމް ދެއްކެވިއެވެ.

"އެހެންވީމާ ކިހިނެއްތޯ ސަރުކާރުގައި ލާރި އޮންނާނީ؟ އެ ހުހެއް ނޫންތޯ ވާނީ،"

އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު: އެ މަނިކުފާނު ވިދާޅުވީ، ސަރުކާރު ކުންފުނިތަކުން ކުރަނީ ވައްކަން ކަމަށް -- ސަން ފޮޓޯ/ އަމަން ލަތީފް

އެ މަނިކުފާނު ވިދާޅުވީ، ކޮރަޕްޝަނާއި ވައްކަން ނުހުއްޓުވޭ ނަމަ ކިތަންމެ ވަރަކަށް ޓެކްސް ނެގިޔަސް އިގުތިސާދު ރަނގަޅުނުވާނެ ކަމަށެވެ. އެ ކަންކުރެވޭނީ ވައްކަމާއި އިސްރާފު ހުއްޓާލައިގެން ކަމަށް އެ މަނިކުފާނު ގަބޫލުކުރައްވައެވެ.

ރާއްޖޭގެ މާލީ ހާލަތު ގޯސްވެ، ބައިނަލްއަގުވާމީ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީން ވަނީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައެވެ. އެ ގޮތުން، މޫޑީސްއިން ވަނީ ރާއްޖޭގެ ރޭޓިން 'ސީއޭއޭ2'އަށް ދަށްކޮށްފައެވެ. އޭގެ ކުރިން އޮގަސްޓު މަހުގެ 29 ގައި ފިޗުން ވެސް ވަނީ ރާއްޖޭގެ ރޭޓިން 'ސީސީ'އަށް ދަށްކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި އަވައްޓެރި އިންޑިއާއާ އެކު ހެދި ކަރަންސީ ސްވޮޕް އެއްބަސްވުމާ އެކު ލިބުނު 400 މިލިއަން ޑޮލަރާ އެކު ރަސްމީ ރިޒާވް 614 މިލިއަން ޑޮލަރަށް ވަނީ އަރާފައެވެ. އެކަމަކު، ބޭނުންކުރެވޭ ރިޒާވް ހުރީ 31.5 މިލިއަން ޑޮލަރުގައެވެ.

ދަރަނި ނުދެއްކިދާނެކަމުގެ ބިރު ހީވެ، ބޭރުގެ މާލީ އިދާރާތަކުން ވަނީ އަވަސް އިސްލާހީ ފިޔަވަޅުތަކެއް އަޅަން ގޮވާލައިފައެވެ.

comment ކޮމެންޓް