ބޭރު ފައިސާއާ ބެހޭ ބިލު މިހާރު އެކުލަވާލާފައިވާ ގޮތުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވާނެ ކަމަށް, ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އަލަށް އެކުލަވާލި ބޭރުފައިސާއާ ބެހޭ ގަވާއިދުގައި ޓޫރިސްޓުންނަށް ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ މީހުންގެ ބޮލަށް ވަކިވަރަކަށް ޑޮލަރު ރާއްޖޭގެ ބޭންކްތަކުގައި މާރުކުރަން ޖެހެއެވެ. އޭގެ ތެރޭގައި ހިމެނެނީ ރިސޯޓްތަކުން ޚިދުމަތް ހޯދާ ޓޫރިސްޓުންގެ ބޮލަކަށް 500 ޑޮލަރު މާރުކުރަން ޖެހުމެވެ.
މި ގަވާއިދާމެދު ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ކަންބޮޑުވުން ފާޅުކުރިއެވެ. ނަމަވެސް މި ސަރުކާރަށް އެއް އަހަރު ފާހަގަ ކުރުމަށް މިމަހުގެ 17ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ އެ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށާއި ޖެހޭނީ 500 ޑޮލަރު މާރުކުރަން ކަމަށް ހަރުއަޑުން ވިދާޅުވެފައެވެ.
ރޭގައި އެމްއެމްއޭއިން ވަނީ ބޭރު ފައިސާއާ ބެހޭ ބިލެއް އެކުލަވާލައި އާއްމުންނާއި ޓޫރިޒަމް އިންޑަސްޓްރީގެ ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފައެވެ. މި ޑްރާފްޓްގައި ކުރިން އާއްމުކުރި ބޭރުފައިސާއާ ބެހޭ ގަވާއިދުގައި ހިމެނޭ ބައެއް ކަންކަމަށް ލުއި ދީފައިވެއެވެ.
އެއާއެކު ސަރުކާރާ އިދިކޮޅު ފަރާތްތަކުން ވަނީ ރައީސްގެ ނިންމެވުން އަނެއްކާ ވެސް ބަދަލު ކުރެއްވީ ކަމަށް ވިދާޅުވެ ފާޑުކިޔަން ފަށައިފައެވެ.
ރައީސް މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.
"އަދި 17 ނޮވެމްބަރު 2024 ގައި އަޅުގަނޑު ދެންނެވި ފަދައިން ގަވައިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭއިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިއްމުކަމެއް. މި ޤާނޫނުގެ ސަބަބުން ރިސޯޓު ތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ." ރައީސް ވިދާޅުވިއެވެ.
އާ ބިލުގައި ހިމަނައިފައިވާ އިތުރު ބަދަލަކީ، ފަތުރުވެރިކަމާ ގުޅުން ހުރި ޚިދުމަތެއް ނުދިން ނަމަވެސް 20 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީ ލިބޭ ވިޔަފާރިތަކުން 25 ޕަސެންޓަށް ވުރެ ބޮޑު ނުވާ ގޮތަށް ޑޮލަރު މާރުކުރަން ޖެހުމެވެ.
ރައީސް ވިދާޅުވީ ޓޫރިޒަމް ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު ޢާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވާނެ ކަމަށެވެ.
"މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާއްމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން" ރައީސް ވިދާޅުވިއެވެ.
ފައިދާވާނެ ކަމަށް ރައީސް ފާހަގަ ކުރެއްވި ކަންކަން:
- ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން ގާއިމުކުރުން
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ހެދުން
- ކްރެޑިޓް ކާޑު ލިމިޓްތައް 2026ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ބޮޑުކޮށްދިނުން
- ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިތުރުކުރުން
އެމްއެމްއޭއިން ވަނީ އެ ބިލު އެކުލަވައިލައިފައި ވަނީ، މިދިޔަ މަހުގެ އެކެއްގައި އަމަލުކުރަން ފެށި ބޭރު ފައިސާއާ ބެހޭ ގަވައިދުގައި ހިމެނޭ ބައެއް ކަންތައްތައް ހަރުދަނާ ކުރުމަށް ފަހު ކަމަށް ބުނެފައެވެ.
ބޭރު ފައިސާއާ ބެހޭ ގަވައިދުގައިވާ ގޮތުން، ޑޮލަރު މާރުކުރަން ދެކޮޅު ހަދާނަމަ، އެ ފަރާތެއް 5،000 ރުފިޔާއާއި އެއް މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ ކަމަށެވެ. އަދި ޖޫރިމަނާ ކުރުމަށްފަހު، އެމްއެމްއޭއަށް ފެނިއްޖެ ހިނދެއްގައި، ގަވައިދަށް އަމަލުކުރަން ދެން ހިނގާ ކޮންމެ ދުވަހަކަށް 5،000 ރުފިޔާ ދައްކަން އެންގޭނެއެވެ.
މިހާރު އެމްއެމްއޭއިން އެކުލަވައިލައިފައިވާ ބިލުގައި ވަނީ، ބޭރު ފައިސާ ދިވެހި ބޭންކަކަށް ޖަމާނުކުރާނަމަ، އެ ފަރާތަކުން އެ މަހަކަށް ޖަމާކުރަން ޖެހޭ ބޭރު ފައިސާގެ 0.05 ޕަސެންޓުން ޖޫރިމަނާ ކުރުމުގެ ބާރު އެމްއެމްއޭއަށް ލިބޭ ކަމަށެވެ. އަދި ގާނޫނާ އެއްގޮތަށް އަމަލުކުރަން ދެން ހިނގާ ކޮންމެ ދުވަހަކަށް، ޖަމާކުރަން ޖެހޭ ބޭރު ފައިސާގެ 0.05 ޕަސެންޓަށްވުރެ އިތުރުނުވާނެހެން ފައިސާ ދައްކަން އެންގޭނެ ކަމަށެވެ.
މީގެ އިތުރުން ޑޮލަރު މާރުނުކުރާނަމަ، އެ ފަރާތަކުން އެ މަހަކަށް ޖަމާކުރަން ޖެހޭ ފައިސާގެ 0.1 ޕަސެންޓުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރަން ދެން ހޭދަވާ ކޮންމެ ދުވަހަކަށް، އެ މަހަކަށް ޖަމާކުރަން ޖެހޭ ބޭރު ފައިސާގެ 0.1 ޕަސެންޓަށް ވުރެ އިތުރުނުވާނެ އަދަދެއް ދެއްކުމުގެ ބާރު ވެސް އެމްއެމްއޭއަށް އެ ބިލުން ލިބިދެއެވެ.
އެމްއެމްއޭއިން މި ބަދަލުތަކާއެކު ބިލެއް އެކުލަވައިލީ، ބޮޑު އާމްދަނީއެއް ލިބޭ ލަގްޒަރީ ރިސޯޓުތައް ފަދަ ތަންތަނުން ގަވައިދަށް އަމަލުނުކުރާނަމަ ޖޫރިމަނާ ކުރެވެނީ އެއް މިލިއަން ރުފިޔާއިން ކަމަށްވާނަމަ، އެއީ މާ ކުޑަ އަދަދެއް ކަމަށް ބުނެ ގަވައިދަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.
އެމްއެމްއޭއިން ވަނީ މި ބިލުގެ ޑްރާފްޓެއް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފޮނުވައިފައިވާނެ ކަމަށާއި އާންމުންގެ ޚިޔާލު އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ހުށަހެޅޭނެ ކަމަށް ބުނެފައެވެ.