ގާނޫނުއަސާސީއަށް ގެނައި އިސްލާހުތައް ސުޕްރީމް ކޯޓަށް ވެއްދުމުގެ ވިސްނުމެއް ނެތް: ފައްޔާޒު

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: ފައްޔާޒު ވިދާޅުވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހުތަކާއެކު ސުޕްރިމް ކޯޓަށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށް -- ފޮޓޯ/ އެމްޑީޕީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހުތަކާ މެދު އިދިކޮޅު މައި ޕާޓީ އެމްޑީޕީން ނުރުހުންފާޅުކުރި ނަމަވެސް، އެ މައްސަލައިގައި ސުޕްރީމް ކޯޓަށް ދިޔުމުގެ ވިސްނުމެއް ނުގެންގުޅުއްވާ ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

މަޖިލީހުން ގާނޫނުއަސާސީ އިސްލާހުކުރީ، އިއްޔެ ބިލު ހުށަހަޅައި މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށް ފަހު، އިއްޔެ ހަވީރު ބޭއްވި ޖަލްސާއެއްގައެވެ. އަދި، އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުވެސްކުރެއްވިއެވެ.

އެ އިސްލާހުތައް ގާނޫނުއަސާސީގެ އެހެން ބައެއް މާއްދާތަކާ ތައާރުޒުވާ ކަމަށް ބުނެ، ގާނޫނީ ދާއިރާގެ ބައެއް ބޭފުޅުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓަށް ވައްދަން ގޮވާލައިފައެވެ.

އެ އިސްލާހުތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، ސަރުކާރުން އިއްޔެ ވަނީ ގާނޫނުއަސާސީއާ ވަރަށް ބޮޑަށް ޚިލާފުވެފައި ކަމަށެވެ. އެކަމުގެ ސަބަބުން ގާނޫނުއަސާސީ މިހާރު އޮތްގޮތަށް ބަލާއިރު މުޅި މަފްހޫމް ބިނާވެފައިވާ ކަންތައްތަކާ ވެސް ތައާރުޒުވާ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"މެންބަރެއްގެ ގޮނޑި އެގޮތަށް ގެއްލޭއިރުގާ އޭގެ ޑިއު ޕްރޮސެސްއަކާ އެ އެޕީލްކުރެވޭނެ ގޮތްތަކެއް ގާނޫނުއަސާސީގައި ލިޔެވެންޖެހޭނެ. ވަކި ކަހަލަ ކަންތައްތަކެއްގައި މެންބަރުން ނިންމާ ނިންމުންތައް އޮންނަންޖެހޭނެ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ކަންބޮޑުވުންތައް ހުރި ނަމަވެސް ސުޕްރިމް ކޯޓަށް ދިޔުމުގެ ވިސްނުމެއް ނެތް ކަމަށެވެ.

"...އަޅުގަނޑުމެން ސުޕްރީމް ކޯޓަށް ދިޔުމާމެދު އަދި އަޅުގަނޑުމެން އެ ގޮތަކަށް ނުވިސްނަން،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީން ގަބޫލުކުރާ ގޮތަކީ މަޖިލީހުގެ ކަންތައްތަކަށް ދެން އޮތް ބާރު ވަންނަން ނުޖެހޭ ގޮތަކަށް އެކަން ބައްޓަންވުން ކަމަށެވެ. އެހެންނަމަވެސް، އެންމެ ފަހުގެ ކަންކަން ނިންމުމުގެ ބާރު އޮތީ ސުޕްރީމް ކޯޓަށް ކަމަށާއި އެކަންކަމާ ގުޅޭގޮތުން ކަމުވޮށިގެންވާ މީހުން ވިސްނަމުން ދާނެ ކަމަށް އުންމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަކި ގޮތެއް ނިންމި ވާހަކައެއް ނޫން މި ބުނީ. އެހެންނަމަވެސް، މަޖިލީހުން އެ އޮތީ ގާނޫނުއަސާސީއާ ޚިލާފަށް ކަންތައްތަކެއް ނިންމާފައި. އެހެންވީމާ ދެން އެއަށް ބަހެއް ބުނެވޭނީ މަޖިލީހަށް. ނޫނިއްޔާ ރާއްޖޭގެ ސުޕްރީމް ކޯޓަށް. އެ ކަންކަމުގައި އަޅުގަނޑުމެން އިތުރަށް މަޝްވަރާކުރާނަން ކުރިއަށް ދާންވީ މަގަކީ ކޮބައިތޯ،" ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ގާނޫނުއަސާސީއާ ޚިލާފުވާ ޚިލާފުވުން ހުއްޓުވުމަށް ކުރެވޭނެ މާ ބޮޑު ކަންތައްތަކެއް އެމްޑީޕީއަކަށް ނެތް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގަ އެމްޑީޕީއަށް ނިންމުން ބަދަލުކުރުމަށް، އެ ކަމަށް ވަކާލާތުކުރުން ފިޔަވާ ކުރެވޭނެ ކަމެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. ދެން އޮތް ޕާޓީގެ މެންބަރުންނަށް [ޕީއެންސީގެ މެންބަރުންނަށް] ވިސްނައިދީގެން ކަމަކާ ނޫނެކޭ ބުނުމުގެ ޖާގަ ވަރަށް ބޮޑަށް އިއްޔެ ކަނޑުވާލައިފި ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މީގެ 16 ވަރަކަށް އަހަރު ކުރިން ވެސް ހުދުމުޚުތާރު ވެރިކަމެއް ފެނިގެން ހިނގައްޖެ ކަމަށެވެ. ނަމަވެސް، މި ވެރިކަމަކީ ވަކި އެއަށްވުރެ އަނިޔާވެރިކަން ކުޑަވާނެ ވެރިކަމަކަށް ވާތަނެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރު މި އޮތީ ހުދުމުޚުތާރު ވެރިކަމެއް ކަމަށާއި އަނިޔާވެރިކަން އަދި ސަރުކާރުން ބޭނުންވާ ހިސާބަށް ނުގެންދެވިގެން އުޅޭކަމަށް ތުހުމަތުކުރެއްވިއެވެ.

"ކުރިއަށް އޮތީ އަނިޔާވެރިކަމާ އެކު މީހުންގެ މުދާތަކަށް އަތްބާނާ، މިހާރު ވެސް އެ ކަންކަން ކުރަމުން އެދަނީ. އެހެންނަމަވެސް އޭގެ އައްޑަނައަކީ އަޅުގަނޑުމެން އެމްޑީޕީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން ކުރާނަން،" ފައްޔާޒު ވިދާޅުވިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި އޭރު އެ ޕާޓީގެ ސުޕަ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން، މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ގޮތެއް ހޯދުމަށް އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ.

އިއްޔެ ސަރުކާރުން ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން ހުށަހަޅާފައެވެ. އެއީ؛

  • މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
  • ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
  • ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން

އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރާ ކަމަށް ބުނެ، އެމްޑީޕީން ވަނީ މި ބިލުގެ މަސައްކަތް ކުރިޔަށް ގެންދިޔަނުދިނުމަށްޓަކައި އިއްޔެ ހަވީރު އޮތް ޖަލްސާގައި ތަޅުމުގައި އަޑުގަދަކޮށް މަސައްކަތަށް ހުރަސް އެޅުމަށް ވެސް މަސައްކަތް ކޮށްފައެވެ.

މި މައްސަލައިގައި އިއްޔެ އެމްޑީޕީން ވަނީ މަޖިލިސް އިދާރާ ސަރަހައްދުގައި އިހުތިޖާޖު ވެސް ކޮށްފައެވެ.

comment ކޮމެންޓް