އެންމެންނަށް ވެސް ފެންނަ، ދަންނަ އެއް ކަމަކީ އެމްޑީޕީ ތެރޭގައި ރިޔާސީ ޓިކެޓަށް އޮތް ވާދަވެރިކަމެވެ. ފިތުނަވެރިކަމެވެ. އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވަޑައިގަންނަވާ ތަންތަނުގައި ޗެއާޕާސަން ފައްޔާޒް އިސްމާއިލް ނުހުންނަވާ ކަމެވެ. ފައްޔާޒް ހިންގަވާ ހަރަކާތްތަކުން ޝާހިދު ނުފެންނަ ކަމެވެ.
އެކަމަކު، އާންމުންނަށް ނުފެންނަ ކަމެއް ފާހަގަކޮށްދީފާނަމެވެ. އެއީ، އަޑިއަޑިން އެ ޕާޓީ ތެރޭގައި އޮތް ފިތުނައިގެ އާ ބޮޅެކެވެ.
ދެވަނަ ދައުރަކަށް ވާދަކުރައްވައި ބޮޑު ތަފާތަކުން ނާކާމިޔާބުވުމާ ހަމައަށް ވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ހުންނެވީ ވަރަށް ކޮންފިޑެންސްގައެވެ. ބޮޑު ޔަގީންކަމެއްގައެވެ. ކެމްޕޭން ތެރޭ ނެންގެވި ސެލްފީއާ އެއްވަރަށް ވެސް އޭރުގެ އިދިކޮޅު ފަރާތްތަކަށް ވޯޓު ނުލިބޭނެ ކަމަށް ގޮންޖެއްސެވިއެވެ. އެއީ، ތެދެއް ނަމަ ލައްކަ ސެލްފީ އެ އޮތީ ނެންގެވިފައެވެ.
ނާކަމިޔާބަށް ފަހުގައި ޞާލިޙް ފަހަތަށް ޖެހިވަޑައިގަތެވެ. އެމްޑީޕީގެ ރައީސްކަމަށް ޝާހިދު ވަޑައިގަންނަވަން ވެސް ފުރުސަތު ދެއްވިއެވެ. އޭރު ސުވާލުކުރީމާ 2028 އާ މެދުގައި ވެސް ދެއްވެވީ 'ނޫން ނުކުރާނަމޭ' ދޭހަވާ ފަދަ ޖަވާބުތަކެކެވެ. އެކަމަކު، އެ ރާގު ބަދަލުވެއްޖެއެވެ. މިހާރު ސީދާ ޖަވާބެއް އެ ކަމުގައި ނުދެއްވައެވެ.

"ރައީސް [ޞާލިޙް] ވަރަށް ގަދައަށް ޖައްސައިގެން އުޅެނީ... މީހުންނާ ބައްދަލުކޮށް ހަދާ އެބަ އަޑިއަޑިން،"
އެމްޑީޕީގެ އެތެރެއިން މި ވާހަކަ އައި ގޮތެވެ. އެ މީހުން ތިބީ އެ ކަމާ ނުރުހުންވެފައެވެ. އެ ނުރުހުމުގެ ތެރެއިން ކަމެއް، ސިޔާސީ ހަގީގަތް ކަމެއް ނޭނގެއެވެ. އެކަމަކު، ޞާލިޙަށް ދެން ރިޔާސީ އިންތިޚާބެއް ކާމިޔާބުކުރެއްވިދާނެ ކަމަކަށް އެމްޑީޕީގެ މި ބުނާ ބޭބޭފުޅުން ގަބޫލެއް ނުކުރައްވައެވެ.
ފައްޔާޒަށް ތާއީދުކުރައްވައި ބޭފުޅުން ވެސް، ޝާހިދުގެ ފަހަތުގައި ތިއްބެވި ބޭފުޅުން ވެސް ޞާލިޙަށް ދެން ފުރުސަތު ދޭކަށް ނުރުހެއެވެ.
"ވަރަށް ސާފުކޮށް މި ބުނަނީ، އެމްޑީޕީގެ ތެރެއިން ވެސް އިބޫ [ޞާލިޙް]އަކަށް ދެނެއް ތާއީދެއް ނުލިބޭނެ. ކުރިން ލިބުނު އަދަދަށް ވެސް ދެނެއް ވޯޓެއް ނުލިބޭނެ. ރައްޔިތުންގެ ތެރޭގައި އެ ވަރުގެ ޕޮޕިއުލާރިޓީއެއް ނެތޭ،" މިއީ ފައްޔާޒަށް ތާއީދުކުރައްވައިގެން، އޭނާއަށް ކެމްޕޭންކުރައްވައި ބޭފުޅަކު ވިދާޅުވި އެއްޗެކެވެ.
އެމްޑީޕީގެ ޓިކެޓަށް ބޮޑު ވާދަވެރިކަމެއް
އެ ޓިކެޓަށް ފައި ނަންގަވަނީ ޝާހިދާއި ފައްޔާޒާއި ޞާލިޙް އެކަންޏެއް ނޫނެވެ. މާލޭ މޭޔަރަކަށް ހުންނެވި އާދަމް އާޒިމް ވެސް ފާޑުފާޑުގެ ކޮންސަލްޓަންޓުން ނަންގަވަނީ ޓިކެޓަށް އުންމީދުކުރައްވައިގެން ހުންނެވީމައެވެ. މާ ބޮޑު ސިޔާސީ ބުރަދަނެއް ނެތް ބައެއް ބޭފުޅުން ވެސް ޓިކެޓަށް އެބަ އުންމީދުކުރައްވައެވެ.
އެ ޓިކެޓަށް އެ އޮތް ވާދަވެރިކަން އެއީ ތަބީއީ ކަމެކެވެ. އެ ނޫން ގޮތަކަށް އެކަން ވެގެން ވެސް ނުވާނެއެވެ.
"ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ސަރުކާރުގެ ތެރޭގައި ވެސް ދެވަނަ ދައުރެއް ޕީއެންސީއަށް ނުލިބޭނެކަން. އެތެރޭގައި ތިއްބަވާ ބޭފުޅުން ވެސް އެކަން ގަބޫލުކުރައްވާ. އެހެންވީމާ، ދެން އެންމެ ޔަގީންކަން ބޮޑު، އެންމެ ފުރުސަތު ބޮޑު ބަޔަކީ އެމްޑީޕީ،" މިއީ މަސްރަޙް ދިރާސާކުރައްވައި ބޭފުޅެއްގެ ހިޔާލެވެ.
ސިޔާސީ ހިސާބު ޖައްސަވައި ބޭފުޅުން މި ސަރުކާރަށް ދެވަނަ ދައުރެއް ލިބުން ދުރު ކަމަށް ދެކެއެވެ.
ވާގޮތަކީ އެއީއެވެ. ސަރުކާރާ ދެވަނަ ދައުރެއް ދުރުވި ވަރަކަށް އެމްޑީޕީއާ ވެރިކަން ގާތްވާނެއެވެ. އެ ޕާޓީއަށް ފުރުސަތު ބޮޑުވާނެއެވެ. ޔަގީންކަން ބޮޑުވާނެއެވެ. އެހެންވީމާ، އެ ތަނުގައި ތިއްބެވި ބޭފުޅުން ވެރިކަމަށް ފައި ނަންގަވާނެއެވެ. ނަންގަވަން ވާނެތާއެވެ.
ފާޅުގައި ތިމަންނަ ޕްރައިމަރީގައި ވާދަކުރާނަމޭ އަދި ވިދާޅުވީ އާންމުކޮށް ސީދާސީދަލަށް ސާފުކޮށް ވާހަކަދައްކަވައި ފައްޔާޒް އެކަންޏެވެ. ޝާހިދުގެ ރަސްމީ ބަހަކީ 'ތިކަން ނިންމަން އަދި މާ އަވަހޭ'އެވެ. ޞާލިޙް ވެސް އެހެންނެވެ. އެކަމަކު، އަޑިއަޑިން ކެމްޕޭން ކުރައްވައެވެ. ފާޅުގައި ވެސް ނުކުމެ، ގޭގެއަށް ހިންގަވައެވެ. ބޭނުމަކީ ތާއީދު އިތުރުކުރުމެވެ. މަގުބޫލުކަން ބޮޑުކުރުމެވެ.
ޞާލިޙް ކެމްޕޭން ކުރައްވާތީ، ދެން ތިއްބެވި ބޭފުޅުން ނުރުހިފައި
އެމްޑީޕީގެ ތެރޭގައި ޞާލިޙް ގެންދަވަނީ އަޑިއަޑިން ކެމްޕޭންކުރައްވަމުންނެވެ. ބައެއް ބޭފުޅުންނާ ބައްދަލުކުރައްވަމުންނެވެ. ސިއްރުސިއްރުން ކުރައްވަނީ ރިޔާސީ ކެމްޕޭނެކެވެ. މަޑުމަޑުންނެވެ. ފާޅުގައި އެއްޗެއް ވިދާޅެއް ނުވެއެވެ.

އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން: އެ ޕާޓީ ތެރޭގައި ރިޔާސީ ކެމްޕޭންގެ ފޯރި އޮތީ ގަދަވެފައި -- ސަން ފޮޓޯ/ މޫސާ ނަދީމް
"ފުލް ފްރޮންޓް ކެމްޕޭނެއް ނުކުރޭ [ޞާލިޙެއް]. އެކަމަކު، ތިޔަ ބުނާ ވާހަކަ އަޑުއެހިން. ކޮންމެ ވެސް ވަރަކަށް އެ ކަމާ އެބަ އުޅޭ،" އެމްޑީޕީ ތެރޭގައި ތަންކޮޅެއް ނިއުޓްރަލް ސްޓޭންޑެއް ނަންގަވައިގެން ހުންނެވި ބޭފުޅަކާ މި ސުވާލުކޮށްލީމާ ވިދާޅުވިއެވެ.
"މި ބުނާ އެއްޗަކީ ސީދާ ނުކުންނަވާނަމެކޭ ނުއެއް ބުނެއޭ. އެކަމަކު، އަޑިއަޑިން ތި ބުނާހެން ކެމްޕޭން ކުރޭ ހަމަ. އެކަމަކު، އެ ދެން ވަރަށް އަންލައިކްލީ... ހިއެއްނުވޭ ދެން ޕާޓީ ތެރެއިން ވެސް ޚާއްސަކޮށް ޝާހިދުމެން ފައްޔާޒްމެން އެ ލެވެލްގައި ތިއްބަކާ އިތުރު މީހަކަށް ފައިޓެއް ދެވޭނެއެކޭ. ދެން އެކަމަކު އަދި އަވަސް ކަންނޭނގެ ވަކި އެއްޗެއް ބުނަން،"
ޞާލިޙްގެ ވިސްނުންފުޅަކީ ކޮބައިކަމެއް އެ ވިދާޅުވާހެން ނޭނގެއެވެ. ނުވެސް އެނގޭނެތާއެވެ.
އެނގޭ ކަމަކީ ޞާލިޙް ކެމްޕޭން ކުރައްވާތީ އެމްޑީޕީ ތެރޭގައި ފިތުނަވެރިކަމެއް އުފެދިފައި އޮތް ކަމެވެ. ޝާހިދުގެ ކެމްޕޭންގައި އުޅުއްވާ ބޭފުޅުންނާއި ފައްޔާޒްގެ އަރިސް ބޭފުޅުން ވެސް އެ ކަމާ ކޯފާވެއެވެ. އެ ބޭފުޅުން ތިއްބެވީ އެއަށް މާ ވަރުގަދައަށް އެ ކަމުގައި ހިއްޕަވައިގެންނެވެ.
އެކަމަކު، އެ ފިތުނަވެރިކަމުގައި ތިބެވޭކަށެއް އެމްޑީޕީއަކަށް ނެތެވެ. މިއީ އަދި 2025 އެވެ. މި ކިޔަނީ 2028 ގެ ފަހުކޮޅު އޮތް އިންތިޚާބެއްގެ ވާހަކައެވެ.
މި ވަރުގެ އެތެރޭ ތޮޅުމެއްގައި އެހާ ދުވަހު ތިބެވިދާނެހެއްޔެވެ؟ އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ނަފުރަތުވެފައެވެ. ރިޔާސީ ޓިކެޓާ ގުޅުވައި ފިތުނަވެފައެވެ. އެންމެން ކެމްޕޭންގައެވެ. އެކި ބޭފުޅުން އެކި ބޭފުޅުންގެ ފަހަތްޕުޅުގައެވެ. އެމްޑީޕީ އެ އޮތީއަކީ އެކަތިގަނޑެއްގެ ގޮތުގައެއް ނޫނެވެ. އެކަމަކު، އެ އެންމެންގެ ރިޔާސީ ހުވަފެނަށް ވެސް އެންމެ މުހިންމީ އެމްޑީޕީ އެކުގައި އޮތުމެވެ.
comment ގގ
2 month 1 week ago
ޝާހިދު ފައްޔާޒު އަޑިން ޑީލް ހަދައިގެން ފައިނަގައިގެން އުޅެނިކޮށް އިބޫ އަޑިން ކެމްޕޭން ޖެއްސީނާ ކުޑަގިތެއްވޭ !
comment އަހުމަދު
2 month 1 week ago
އެމްޑީޕީގައި ނެތް ރައީސްކަމުދާ މީހަކު. ރަނގަޅު މީހަކު ނެރޭ.
comment ހަސަނާ
2 month 1 week ago
ރައީސް ނަޝީދު ހަކުޅި ކުޅުއްވަންވެގެން އެތިބީ ތިން ހަތަރު މީހަކު އެކޮޅަށް ފޮނުވާފަ! ފަހުވަގުތު ނަޝީދު ބޮޑުވަޒީރުކަމަށް އަންނާނެ!
comment ރ ވާހަކަ
2 month 1 week ago
ރައީސް މުޢިއްޒު ދެވަނަ ދައުރުވެސް އަދި ތިންވަނަ ދައުރެއް ވެސް އަދާކުރޒަނެކަމަމެދަކު ސައްކެއް ނުކުރަމެވެ މޑޕ ދެން ވެރިކަމަށް އާދެވިދާނެ އެއްވެސް ފޯމިއުލާއެއް ނެތެވެ ވަގުންނަށް ފުރުސަތު ނެތަތީއެވެ.
reply ޑޭޑީ
2 month 1 week ago
ނުވާނެ ތިކަމެއް.
comment މަބުނާނީ
2 month 1 week ago
ޕީއެންސީން ޔާމިންގެ ފަހަތަށް ނުވަތަ ޔާމީން ނެރެފިނަމަ އެއްބުރުން ލިބުނީ. އެނޫންގޮތެއްނެތް.
reply ޢަހު
2 month 1 day ago
ކަލޯ ރޔާމީނަކަށްވެސް ދެން ވެރިކަމެއް ނުލިބޭނެ
comment ދދ
2 month 1 week ago
ޝާހިދު އާއި ފައްޔާޒު ފައިނަގައިގެން އުޅެނިކޮށް އަޑިއަޑިން އިބޫ ވެސް ކެމްޕޭން ޖައްސަނީ !
comment ރަތްތަގައްލާ
2 month 1 week ago
ސާލިހަކީ ތައުލީމެއް ނެތް އަުޑެއް ބުޑެއް ނޭންގޭ ބޭފުޅެއް. ވެރިކަންކުރަންވެސް ނޭންގުނު. ގައުމު ދަރުވާލީ އެއްވެސް މަޝްރޫއެއް ނުނިންމުނު. ބިމެއް ނުހިއްކުނު އެންމެފަހުން ހަނދާނެ ގޮތް ހުސްވެގެން ކަނޑު ފަޅުން ގޯތި ދިނީ އަދި ބޭއިންސާފުން ވަކި ބަޔަކަށް ހުޅުމާލޭ އަގު ބޮޑު ބިންތައް ހިލޭ ދިނީ. ސާލިހުވަނީ ކުށްވެރިންނާއި ވަގުންނާއި ރޭޕިސްޓުންނަށް މައާފުދީފައި. ކޮރަޕްޝަން އިންތިހާއަށް ބޮޑު. ބިލިޔަނުން ލޯން ނާގަފައި ކުރިކަމެއް ނެތް. އެންމެ ކުޑަވެގެން އެއާޕޯޓްވެސް ނުނިމުނު. ކަނޑުގެ ބަނދަރު ނުހެދުނު. ކެންސަރު ހޮސްޕިޓަލް ނޭޅުނު. ބްރިޖ ނޭޅުނު މަގެއް ނުހެދުނު. ހިންނަވަރު އިބޫގެ ވެރިކަމުގައި އިންޑިއާ އޮތީ ގައުމަށް އަތްގަދަކޮށްފައި ވަރަށް ފޭކު މީހެއް. މިޒަމާނުގެ އެއްވެސް ތައުލީމެއް ނެތް އޮތީ ބޯދާ ޒަމާނުގެ ސަނަދެއް. ޒަމާނުގެ އާޖުފާޖެއް ނޭނގޭ. މިވަރު މީހަކަށް ރާއްޖޭގެ ރައްޔިތުންގެ ގިނަ ބަޔަކު ވޯޓެއް ނުދޭނެ.
reply ެއިބޫ ސޯލިހް
2 month 1 week ago
ކޮވިޑް ރެސްޓް ލިބުނު ދޯ؟ އޭރު ރެސްޓް ނެގިގޮތަށް ބްރޭކްގަ ދޯ. ކަމެއްނުކުރިޔަްސް ފަސްހާސް ލިބުނު. ނުލިބުނީ ފްލެޓް!! އަދި ދޭނަން. ބޭނުން ނުވިނަމަވެސް ދޭނަން! ނޫނީ މަށަކީ "ހިންނަވަރު އިބޫ" އެއްނޫން!! ގަނޑިޔަ...
comment އެކްސް
2 month 1 week ago
ރ.ޔާމީން ހީވެސް ނުކުރާގޮތަކަށް ދެން އައުމަކީ ނެތްކަމެއް ނޫން. ސަބަބަކީ ލޮލަށް ފެންނަ ތަރައްގީ ގެނެސްދެއްވީތީ.
reply ފާއިޒުބެ
2 month 1 week ago
ޙައްޤު ތެދެއް. ތިޔަހެން ތިކަން ވުން ވަރަށް ގާތް