ޑިމޮކްރެޓްސްގެ ރައީސް އިންތިޚާބުކުރުން އަންނަ މަހު 15ގައި

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން: ޕާޓީގެ ރައީސް އިންތިޚާބުކުރުން އަންނަ މަހު 15ގައި އޮންނާނެ -- ފޮޓޯ/ ދަ ޑިމޮކްރެޓްސް

ދަ ޑިމޮކްރެޓްސްގެ ރައީސާއި ނައިބު ރައީސްގެ މަގާމު ހުސްވުމާ ގުޅިގެން، އެ މަގާމުތަކަށް މީހުން އައްޔަނު ކުރުމަށް ޓަކައި އަންނަ މަހު 15ގައި އިންތިޚާބު ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

ޑިމޮކްރެޓްސްއިން ކުރި ިއުލާނެއްގައިވަނީ އެ ޕާޓީގެ ރައީސާއި ފިރިހެން ނައިބު ރައީސްގެ މަގާމު ހުސްވެފައިވާތީ އަންނަ މަހު 15ގައި އިންތިޚާބު ބޭއްވުމަށް އެ ޕާޓީގެ ނޭޝަނަލް އެސެންބްލީއިން ނިންމާފައިވާ ކަމަށެވެ.

އަދި އެ މަގާމުތަކަށް ވާދަކުރުމަށް އެދޭ ޕާޓީގެ މެމްބަރުންނަށް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ވަނީ ފުރުސަތު ހުޅުވާލައިފައެވެ.

ޑިމޮކްރެޓްސްއިން ބުނީ، މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ވަގުތީ ލިސްޓު އާންމުކޮށް، އަންނަ ބުދައިގެ މެންދުރު 12:00އިން އަންނަ ބުރާސްފަތީގެ މެންދުރު 12:00އަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށެވެ.

އެ ޕާޓީން ބުނި ގޮތުގައި މި އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ މެންބަރުންގެ ދާއިމީ ލިސްޓު އިއުލާންކުރަން ކަނޑައެޅިފައިވަނީ އަންނަ ހަފުތާގެ ހޯމަ ދުވަހުގައެވެ.

މި އިންތިޚާބުގައި ވާދަކުރުމަށް އެދޭ ޕާޓީގެ މެންބަރުން، އެ ކަމަށް އެދި ޕާސްޕޯޓު ސައިޒުގެ ފޮޓޯއަކާއި އައިޑީކާޑުގެ ސާފު ކޮޕީއަކާއެކު ހުށަހަޅަން ޖެހެނީ އީމެއިލް މެދުވެރިކޮށެވެ.

ޑިމޮކްރެޓްސްގެ ރައީސްގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ހަސަން ލަތީފް އެނބުރި އެމްޑީޕީއަށް ވަޑައިގަތުމުންނެވެ. އަދި އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒް (ޝިއްޕެ)އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ޑިމޮކްރެޓްސް ދޫކުރައްވައި އެމްޑީޕީއަށް ވަޑައިގަތީއެވެ.

https://sun.mv/201346

އެއާއެކު، އެ ޕާޓީންވަނީ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މަޑަވެލި ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފިރުޝާނަށް، ޕާޓީގެ ރައީސްގެ މަސްއޫލިއްޔަތު ވަގުތީ ގޮތުން ހަވާލުކޮށްފައެވެ. އެ ޕާޓީގެ އަންހެން ނައިބު ރައީސްގެ މަގާމުގައި މިހާރު ހުންނެވީ އައިޝަތު އަލައިކާ އަދުނާނެވެ.

comment ކޮމެންޓް