ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އިސްލާހުކުރުމުގެ ސަބަބުން 'ރައްޔިތުންގެ މަޖިލިސް' ބަދަލުވީ 'ޕާޓީގެ މަޖިލީހަކަށް' ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުން ގާނޫނުއަސާސީ އިސްލާހު ކުރީ، އިއްޔެ ބިލު ހުށަހަޅައި، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކުރުމަށް ފަހު އިއްޔެ ހަވީރު ބޭއްވި ޖަލްސާއެއްގައެވެ. އަދި އެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަސްދީގުވެސްކުރެއްވިއެވެ.
އެ ބިލާ ގުޅިގެން އިދިކޮޅުން ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ބިލު ފާސްކުރީ އަވަސް އަރުވާލައިގެން، އެއްވެސް މަޝްވަރާއެއް ވެސް ކުރުމެއް ނެތި ކަމަށް އިދިކޮޅުން ބުނެއެވެ.
ގާނޫނުއަސާސީއަށް އިއްޔެ ގެނައި އިސްލާހާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި އުމަރު ވިދާޅުވީ އެ ގެނައި ބަދަލުގެ ސަބަބުން މަޖިލީހުގެ މެންބަރުން، ޕާޓީގެ ލީޑަރުންގެ މުށުތެރޭ ތާށިވެއްޖެ ކަމަށެވެ. ލީޑަރު ނުރުހޭގޮތަކަށް އަމަލުކޮށް ޚިޔާލު ތަފާތު ވެއްޖެނަމަ، ނުވަތަ ދެކޮޅަށް ވޯޓުދީފިނަމަ ޕާޓީއިން ވަކިކޮށްލުމުން ގޮނޑި ގެއްލިގެންދާނެ ކަމަށް ވިދާޅުވެ އުމަރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ޕާޓީގެ ލީޑަރު ކިތަންމެ ބޮޑު ނުބައިކަމެއް ކުރިޔަސް، ހަނުހުރުން ނޫނީ ސަނާކިޔުން ނޫންގޮތެއް މެންބަރަކަށް ދެން ނޯންނާނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މިހިސާބުން މެންބަރުގެ އަމިއްލަ ވިސްނުމާ ފިކުރަށް ވަކާލާތުކޮށް ވޯޓުދިނުން ނިމުމަމަކަށް އައީ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
އުމަރު ވިދާޅުވީ ޕާޓީއެއްގެ ޓިކެޓްގައި މީހަކު މަޖިލީހަށް އިންތިޚާބު ވިޔަސް އެ މެންބަރަކު ހޮވުމަށް ވޯޓުދޭ 75 އިންސައްތަ މީހުންނަކީ ޕާޓީގެ މީހުންނެއް ނޫން ކަމަށެވެ. އެހެންކަމުން މަޖިލިސް މެންބަރު ތަމްސީލު ކުރަން ޖެހެނީ މުޅި ރައްޔިތުން ކަމަށާއި ޕާޓީއެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
އެތައް ސަތޭކަ ރައްޔިތެއްގެ ވޯޓުން ހޮވޭ މެންބަރަކު، މަޖިލިސް އިން ވަކިކޮށްލެވޭނީ ޕާޓީގެ ޑިސްޕްލިނަރީ ކޮމެޓީގެ ތިން މެންބަރުންގެ ވޯޓުން. މި ބަދަލުގެ ސަބަބުން 'ރައްޔިތުންގެ މަޖްލިސް' މި ބަދަލުވީ 'ޕާޓީގެ މަޖްލިސް' އަކަށް. ދެރައީ އަމިއްލަ ގައިގާ ވަޅިއެރޭއިރުވެސް މަޖިލިސް މެންބަރުންނަށް އެކަން ނޭނގޭކަން،އުމަރު ނަސީރު
އުމަރު ވިދާޅުވީ ވޭތުވެދިޔަ 19 އަހަރު ދުވަހު މި ގައުމަށް ލިބުނު ހުރިހާ ގެއްލުމެއް ލިބުނީ ސިޔާސީ ޕާޓީތަކުގެ ސަބަބުން ކަމަށެވެ. މުޅި ރައްޔިތުން ނިކުމެ އިންތިޚާބުކުރާ މަޖިލީހެއްގެ ބާރު ދެ ޕާޓީގެ ލީޑަރުން އަތަށް ލިބިގެންދިޔައީ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ސަރުކާރުން ވަނީ މައިގަނޑު ތިން ކަމެއް ގާނޫނުއަސާސީގައި ހިމަނަން އިއްޔެ ހުށަހަޅާފައެވެ. އެއީ؛
- މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކުރުމުން ނުވަތަ އެހެން ޕާޓީއަކަށް ގުޅުމުން ވަގުތުން ގޮނޑި ގެއްލޭ ގޮތް ހެދުން
- ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
- ރާއްޖޭގައި ބޭރު ގައުމެއްގެ އެއްވެސް އަސްކަރީ ބަޔަކަށް ތިބެވޭނީ މަޖިލީހުން ފާސްކޮށްގެން ކަމަށް ހެދުން
އަވަސް އަރުވާލައިގެން ގާނޫނުއަސާސީ އިސްލާހުކުރާ ކަމަށް ބުނެ، އިދިކޮޅު އެމްޑީޕީން ވަނީ މި ބިލުގެ މަސައްކަތް ކުރިޔަށް ގެންދިޔަނުދިނުމަށްޓަކައި އިއްޔެ ހަވީރު އޮތް ޖަލްސާގައި ތަޅުމުގައި އަޑުގަދަކޮށް މަސައްކަތަށް ހުރަސް އެޅުމަށް ވެސް މަސައްކަތް ކޮށްފައެވެ.
އަދި މި މައްސަލައިގައި އިއްޔެ މެންދުރުފަހު އެމްޑީޕީން ވަނީ މަޖިލިސް އިދާރާ ސަރަހައްދުގައި އިހުތިޖާޖު ވެސް ކޮށްފައެވެ.
އެ އިސްލާހާ ގުޅޭގޮތުން ރޭ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި ބިލަކީ، އެ ކަމުގައި ރައްޔިތުންގެ ޚިޔާލު ހޯދަންޖެހޭ ކަމެއް ނޫން ކަމަށެވެ.