މި ސަރުކާރުންވީ 70 އިންސައްތަ ވައުދަކީ ނުފުއްދޭވަރުގެ ކަންކަން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ސަންގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، މި ވެރިކަމުގައި ވީ 70 އިންސައްތަ ވައުދަކީ ނުފުއްދޭވަރުގެ ވައުދު ކަމަށާއި 30 އިންސައްތަ ވައުދަކީ ފުއްދޭނެ ވައުދުތަކެއް ނަމަވެސް އެ ވައުދުތައް އަދި ނުފުއްދޭ ކަމަށެވެ.
އެކަމަކު، ވައުދުތައް ނުފުއްދައޭ ބުނަން އަދި މާ އަވަސް ކަމަށް އޭނާ ވިދާޅުވިއެވެ.
އިންފްރާސްޓްރަކްޗާގެ ވައުދުތަކާއި އަތޮޅު ތެރޭގައި އެއާޕޯޓުތައް އެޅުން ކަހަލަ ކަންތައްތަކަކީ ދެކޮޅުޖެހޭ ކަންކަން ނޫން ކަމަށާއި މި ވަގުތު އިގުތިސާދީ ހާލަތު ހުރި ގޮތުން މި ކަހަލަ ބައެއް ކަންތައްތަކަކީ ކޮށްގެން ނުވާނޭ ކަންކަން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.

އުމަރު ނަސީރު، ސަންގެ އެޑިޓަރުގެ ސުވާލު ޕްރޮގްރާމްގައި: އޭނާ ވިދާޅުވީ، މި ސަރުކާރުންވީ 70 އިންސައްތަ ވައުދަކީ ނުފުއްދޭނެ ކަންކަން ކަމަށް -- ސަން ފޮޓޯ
"ވޯޓު ހޯދަން ވީމާ ރައްޔިތުން ކައިރީގައި ރައްޔިތުން އެންމެ އަޑުއަހާ ހިތްވާ ކަހަލަ ވާހަކަ ބުނެފައި އެ މީހުން ލައްވާ އަތް ޖައްސުވާފައި އެ މީހުން ލައްވާ ބޯ ޖައްސުވާފައި އައިސް އެ މީހުން ލައްވާ ފާހަގަ ޖައްސުވައިގެން އަޅުގަނޑުމެން މި އަންނަނީ ވެރިކަމަށް. އާދެވުނީމާ އެއްވެސް މީހަކަށް ފުއްދައެއް ނުދޭ އެއްވެސް ކަމެއް،" އުމަރު ވިދީޅުވިއެވެ.
"އަޅުގަނޑުމެން ސިޔާސީ ބޭފުޅުން ވާ ކޮންމެ ވައުދަކީ ހިތުގެ އަޑިން އޭނާގެ ފުލް ކޮމިޓްމެންޓާ އެކުގައި އޭނާއަށް ފުއްދައިދެވޭނެކަން އެނގިހުރެ ވާ ވައުދަކަށް ވާންވާނެ. ފުއްދައި ނުދެވޭނެކަން އެނގިހުރެ ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި ވައުދެއް ވެގެން ނުވާނެ،"
ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އޭނާ ވަނީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ވައުދު ކަމަށްވާ ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން އަނބުރާ ގައުމަށް ފޮނުވާލުމުގެ ވައުދު ވެސް ނުފުއްދަވާ ކަމަށް ވިދާޅުވެފައެވެ.
ބޭރު ސިފައިން ފޮނުވާލަން ހިންގި 'އިންޑިއާ އައުޓް' ކެމްޕޭންގައި ވެސް އުޅުއްވި އުމަރު ގަބޫލުކުރައްވާ ގޮތުގައި އިންޑިއާ ސިފައިން ފޮނުވާލި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ގައުމުގެ ހެލިކޮޕްޓަރުތައް ބަލަހައްޓަން އަދިވެސް ރާއްޖޭގައި ބޭރު ސިފައިން އެބަތިއްބެވެ. އެހެންވެ، ބޭރުގެ މިލިޓަރީ ފޮނުވާލުމުގެ ވައުދު ނުފުއްދޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ، މިހާރު ރާއްޖެއަށް ބޭނުންވަނީ ބޮޑު ޓްރާންސްފޮމޭޓިވް ބަދަލެއް ކަމަށެވެ. އެއީ، ޓެކްސްތައް ކުޑަކުރުމާއި ގަވާއިދުތައް ވެސް މަދުކުރުން ކަމަށް އޭނާ ގަބޫލުކުރައްވައެވެ. އަމިއްލަ ވިޔަފާރިތަކަށް ޖާގަ ދީ ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ރައްޔިތުން އަތުން ނަގައި ޓެކްސްތައް ކުޑަކޮށް، ސަރުކާރުގެ ޚަރަދުތައް ކުޑަކުރާނެ ކަމަށް މިދިޔަ ރިޔާސީ އިންތިޚާބުގައި ވެސް ވައުދުވެފައެވެ.
މި ސަރުކާރުން ވެސް ވެރިކަމަށް އައީ ބޮޑެތި ވައުދުތަކެއް ވެގެންނެވެ. އޭގެ ތެރޭގައި އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ވެސް ހިމެނެއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ފެށޭ 2025 ވަނަ އަހަރާ އެކު ތަރައްގީގެ މަޝްރޫއުތައް ހިނގަން ފަށާނެ ކަމަށް ވިދާޅުވެފައެވެ. އެ މަނިކުފާނު ވިދާޅުވީ، އަންނަ އަހަރާއި 2026 ވަނަ އަހަރު ވެގެންދާނީ އަމަލީ ގޮތުން މި ސަރުކާރުގެ ވައުދުތައް ފުއްދާނެ ދެ އަހަރަށް ކަމަށެވެ.
comment ސީ2
4 month 2 week ago
ޓޫރިޒަން ދާއިރާގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ހަމަޖައްސަވައިދެއްވަން ވަޢުދުވި ޓުއްޓީވެސް ހަމަ ނުޖެހިގެން އުޅެނީ ބަޖެޓް ނެޓީމަ ތޯ ނޫނީ މަޖިލިސް މެޖޯރިތީ ނެތީތޯ. އަހާލީ!!!
comment ކިނާރަން
4 month 2 week ago
މާނައަކީ 70% ދޮގު ހަދާފަވަނީތޯ؟
comment އެހެނަސް
4 month 2 week ago
އުމަރުވެސް 5 އަހަރު ނިމިގެންދިޔަ ސަރުކާރެއްގެ ހޯމް މިނިސްޓަރަކައް ހުރި ކީއްވެ ނުފޮނުވާލީ ސިފައިން. ގުޑުވާވެސް ނުލެވުނު އެމީހުން އޭރު ގޮންޖަހާލި އުމަރު މެންނައް ނުކުރެވުނު އެއްކަމެއްވެސް. މިސަރުކާރައް އަދި އެކަނި ކަމެއް ކުރެވުނީ ވެސް އެކަމާ އެކަމުގެ އަސަރު އޭރު މަސްވެރިންނައް ވެސް ކުރި އޭގެން އެބައިނގޭ ކަމެއްވީކަން
comment ސިޔާސީ ހަގީގަތް
4 month 2 week ago
ތިހުރިހާ ވާހަކައެއްގެ ހަގީގަތް ދުރުން ބަލާލުމުން ދޭހަވާނީ ތީކީ ވެރިކަމަށް ހަމަ ނުވާ، ކަންކަން ހިނގާ ފޮތް ތަޞައްވުރު ނުކުރެވޭ ބޭފުޅެއްކަން
comment މުހައްމަދު
4 month 2 week ago
ވައުދު ވަނީ ފުއްދާކަށް ނޫނެވެ. އެއީ ވޯޓު ހޯދަން ވެވޭ ވައުދެކެވެ. އުމަރަށް މިކަން ނޭނގޭތީ ހިތާމަކުރަމެވެ.