ސުޕްރީމް ކޯޓު ފަނޑިޔާރުންގެ އަދަދު މަދުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލަށް ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ވޯޓު ނުދިނުމުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އޭނާއަށް މިއަދު ތައުރީފުކުރައްވައިފިއެވެ.
އަޒާން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކޮށް، ދެ ފަނޑިޔާރުން ވަކިކުރާ ބިލަށް އަތްހިތްލައިގެން ވޯޓަށް އަހަމުން ދަނިކޮށް ވޯޓުގައި ބައިވެރިނުވެ މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގެންފައެވެ. އެ ބިލު ބަލައިގަތުމާ މެދު އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ވެސް އަޒާން ބައިވެރިވެފައެއް ނުވެއެވެ.
އެހެންވެ، ޕީއެންސީގެ މަޖިލީސް މެންބަރުން ތިބޭ ވަޓްސްއެޕް ގްރޫޕުން ވެސް އަޒާން ވަނީ އިއްޔެ ބޭރުކޮށްލައިފައެވެ.
އެ ކަމާ ގުޅިގެން އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، އެހެން ހުރިހާ މެންބަރުން ބޯތިރިކުރިއިރު ގަބޫލުކުރައްވާ ހަމަ ހިފައިގެން ތެދުވެވަޑައިގަތީ އަޒާން އެކަނި ކަމަށެވެ. އެހެންވެ، އޭނާ ވަނީ ތައުރީފުކުރައްވާފައެވެ.
"އެހެން އެންމެން ބޯތިރިކުރިއިރު، ޤަބޫލުކުރާ ހަމަ ހިފައިގެން ތެދުވެ ހިންދެމިލަން ކެރުނީ އެންމެ ބޭފުޅަކަށް،" އުމަރު ވިދާޅުވިއެވެ.
ފަނޑިޔާރުން ވަކިކުރާ ބިލަށް ވޯޓު ނުދެއްވައި މަޖިލީހުގެ ތަޅުމުން ނުކުމެވަޑައިގަތުމަށް ފަހު ނެރުއްވި ބަޔާނެއްގައި މެންބަރު އަޒާން ވިދާޅުވީ، އެ ބިލަށް ވޯޓު ނުދިނީ އެއީ ގާނޫނުއަސާސީ ފުށުއަރާ ބިލެއް ކަމަށް ގަބޫލުކުރެއްވޭތީ ކަމަށެވެ. އަދި، އެ ބިލަށް ވޯޓުނުދޭން ސަރުކާރުގައި ހިމެނޭ ވަޒީރު ބޭފުޅުން ވެސް އޭނާއަށް ލަފާދެއްވި ކަމަށް އަޒާން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ގައުމާއި ރައްޔިތުންގެ މަސްލަހަތަށް ވުރެ އެހެން އެއްވެސް މަސްލަހަތެއް އިސްނުކުރާނެ ކަމަށެވެ.
ގާނޫނުއަސާސީއާ ހިލާފަށް ވޯޓުނުދޭނެކަމުގެ ޔަގީންކަން އަޒާން ވަނީ ދެއްވާފައެވެ.
ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައިވަނިކޮށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ހުސްނުއްސުއޫދާއި، މަހާޒު އަލީ ޒާހިރާއި، ޑރ. އަޒްމިރަލްދާ ޒާހިރު ސަސްޕެންޑްކޮށްފައެވެ.
ކުއްލި ގޮތަކަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކުރިއިރު ހެނދުނު 11:00އަށް އޮތީ ގޮނޑި ގެއްލޭ މައްސަލައިގެ ވަގުތީ އަމުރާ ގުޅޭ އަޑުއެހުމެއް ތާވަލުކޮށްފައެވެ.
ޖޭއެސްސީން ބުނީ، ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ބަލަމުން އަންނާތީ ކަމަށެވެ.
މަޖިލީހުގެ މެންބަރުން ޕާޓީން ވަކިވުމުންނާއި ޕާޓީ ވަކިކުރުމުން ވެސް ގޮނޑި ގެއްލޭގޮތަށް ޕީއެންސީން ވަނީ ގާނޫނުއަސާސީ އިސްލާހުކޮށްފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އަންނަނީ ހިނގަމުންނެވެ. އެކަމަކު، ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމުން އެ މައްސަލަ އޮތީ ހުއްޓިފައެވެ.