ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކުގެ މައުލޫމާތު އާންމުވުމުގެ ކުރިން، ރައީސް ޑރ. މުޙައްމަދު މުއިއްޒަށް އެ މައްސަލައިގެ މައުލޫމާތު އެނގިވަޑައިގަންނަވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތުކުރައްވައިފިއެވެ.
ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ބިންތަކެއް ނުހައްގުން ދީފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިވީ އެކަމާ ގުޅޭ ލިޔެކިޔުންތަކެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. އެ ލިޔެކިޔުމުން ދައްކާ ގޮތުގައި، އޭރު އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދަށް ވަނީ ކުރީ ސަރުކާރުގެ ބިންވެރިޔާ ސްކީމުން ގޯއްޗެއް ލިބިފައެވެ.
އެހެންނަމަވެސް، އެ ސަރުކާރުން ނެރެފައިވާ ބިންވެރިޔާ ސްކީމްގެ ލިސްޓުގައި ފަޒީލްގެ ނަން އޮތީ ޝަރުތު ހަމަނުވާ މީހެއްގެ ގޮތުގައެވެ. އެ މައްސަަލައާ ގުޅިގެން ފަޒީލާއި ފަޒުލްވެސް ސަސްޕެންޑުކޮށްފައި ވަނިކޮށް، ފަޒުލް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
އެ މައްސަލައާ ގުޅޭ ގޮތުން ސަންގެ 'އެޑިޓަރުގެ ސުވާލު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ، ސަރުކާރުގައި ރައީސަށް އެނގިވަޑައިނުގެން އެއްވެސް ކަމެއް ނުހިނގާނެ ކަމަށެވެ. އެގޮތުން މިސާލަކަށް، އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ކޮރަޕްޝަންގެ ތުހުމަތުކުރައްވައި، އެ ކުންފުނީގެ ކުރީގެ ޗެއާމަން އަހްމަދު ޒުހޫރު ސިޓީއެއް ނުފޮނުއްވިޔަސް ރައީސަށް މާ ކުރިން މައްސަލަ އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ސަބަބަކީ ކޮންމެ ދުވަހަކު ހެނދުނު، ފުލުހުންނާއި ސިފައިންގެ އިންޓެލިޖެންސް ރައީސުލްޖުމްހޫރިއްޔާއަށް ބްރީފިންއެއް ދޭނެ، އެ ބްރީފިން އެއީ ސިއްރު މައުލޫމާތު. އެމީހުން އެކި ތަންތަނުން ހޯދާ ސިއްރު މައުލޫމާތުގެ ބްރީފިންއެއް އަރުވާނެ، އެހެންވީމަ އޭގެ ތެރޭގައި ހުންނާނެ މިވެނި ކުންފުންޏަކުން މިވެނި ކޮރަޕްޝަނެއް ހިންގާ ކަމަށް ތިމަންނަމެންނަށް ތުހުމަތު ކުރެވެޔޭ،" އުމަރު ވިދާޅުވިއެވެ.
އެހެންވުމުން، ދައުލަތު ކުންފުނި އެޗްޑީސީއަށް ކުރާ ކޮރަޕްޝަނުގެ ތުހުމަތުތައް ވެސް ރައީސަށް ކުރިން އެނގިވަޑައިގަންނަވާނޭ ކަމަށާއި، ޒުހޫރުގެ ސިޓީއާއެކު ވަކިން ބޮޑަށް އެކަން ޔަގީންވާ އޭނާ ވިދާޅުވިއެވެ.
އުމަރު އިޝާރާތް ކުރެއްވީ، ފަޒުލްއަށް ކުރެވޭ ތުހުމަތުތަކުގެ ތަފުސީލު ހިމަނުއްވައި ޒުހޫރު މިދިޔަ ޖުލައި މަހުގެ ތެރޭގައި ރައީސަށް ފޮނުއްވި ހަތް ސޮފްހާގެ ސިޓީއަށެވެ.
އެ ސިޓީ ފޮނުވައިފައިވާކަން ހާމަވުމުން، އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅައި ގިނަ ދުވަސްވީ ސަބަބާ ގުޅޭ ގޮތުން އާންމުން ސުވާލު އުފައްދައި، ފާޑު ކިޔަން ފެށިއެވެ.
އެ ފާޑުކިޔުންތަކާ ގުޅުވައި މިދިޔަ އާދިއްތަ ދުވަހު ރައީސް ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ ޒުހޫރުގެ ސިޓީ ނުލިބޭ ކަމަށާއި، ލިބުނު ނަމަ އެ ސިޓީގައިވާ ކަންކަން ބައްލަަވައި އެއަށް އަމަލުކުރައްވާނެ ކަމަށެވެ.
އެ ވާހަކަފުޅާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ، ކޮންމެ ސަރުކާރެއްގައި ވެސް ކޮރަޕްޝަނުގެ އަމަލުތައް ހިންގާއިރު އޭރު ހުންނަވާ ރައީސަކަށް އެ މައްސަލަތައް އެނގިވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް އެކަން ދޮގުކުރައްވާ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ނިމިދިޔަ ސަރުކާރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އެ ވެރިކަންތަކުގައި ހިންގި ކޮރަޕްޝަނުގެ އަމަލުތައް އޭރު އެނގިވަޑައިގަންނަވާނެ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ކޮންމެ މީހަކު ޑިނައި ކުރަނީ އިނގޭތޯ، އެއީ އެ މީހަކާ ގުޅިގެން އެކަން ހިނގަނީ، އެ މީހަކަށް ބައި އެޅިގެން އެކަން ހިނގަނީ، ސިޔާސީ ޕާޓީއަށް ބަޔެއް، ތިމަންނައަށް ބަޔެއް، ވައްކަން ކުރާ މީހާއަށް ބައެއް، މިއީ ޕަސެންޓޭޖް ބެހިފައި އޮންނަ ގޮތަކީ،" އުމަރު ވިދާޅުވިއެވެ.
އެޗްޑީސީއަށް ތުހުމަތުވާ މައްސަލައިގައި ވެސް ފައިސާ ބަހައިފައިވާނީ އެގޮތަކަށް ކަމަށާއި އެހެންވީމަ މިއީ ސަރުކާރަށް ނޭނގި ހިނގައިފައިވާ މައްސަލައަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ކަމެއް އާންމުންނަށް އެނގުމުން ދެން އަޅާ ފިޔަވަޅަކީ ހަމައެކަނި ރައްޔިތުންނަށް ކަން ދެއްކުމަށް ޓަކައި އަޅާ ފިޔަވަޅެއް ކަމަށް އުމަރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ދައުރުގައި ހިންގި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިން ވެސް އެކަން ދޭހަވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމްއެމްޕީއާރުސީ މައްސަލަ ދިޔައީ ސައިބޯނި ބޮއްކަކަށް ވެގެން. އެއީ އެއް ބިލިއަން ޑޮލަރުގެ ޚިޔާނާތެއްގެ ވާހަކަ މި ދައްކަނީ، މިއީ [އެޗްޑީސީގެ މައްސަލައަކީ] އަދި އެއަށްވުރެ ތަންކޮޅެއް ކުޑަ އެއްޗެއްތާ. އެއް ބިލިއަން ޑޮލަރުގެ ޚިޔާނާތެކޭ، ކިތައް މީހުންނަށް އަދަބު ދެވުނީ، ކިހާ ފައިސާއެއް ރިކަވާކުރެވުނީ؟ އަދަބު ދިން އެއްވެސް މީހަކު އެބަހުރިތޯ ޖަލުގައި؟ ނެތް. އެއްވެސް ފައިސާއެއް ރިކަވާވިތޯ؟ ނުވޭ އެއްވެސް ފައިސާއެއް. ކިތައް އަހަރުވީ މިހާރު؟ 10 އަހަރުވީ،" އުމަރު ވިދާޅުވިއެވެ.
އޭނާ ތުހުމަތު ކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީ ޚިޔާނާތުން ޕީޕީއެމާއި އެމްޑީޕީ ހިމެނޭހެން ހުރިހާ ޕާޓީއަކަށް ވެސް ބައި އަޅައި، ފައިސާ ދީފައިވެއެވެ.
"އެހެންވީމަ އެމްއެމްޕީއާރުސީއަކުން ވެސް ހަމަ އެއްވެސް އެއްޗެއް ނުހޯދުނު، އަދަބެއް ވެސް ނުދެވުނު. މިފަހަރުވެސް ހަމަ ނިމޭނީ އެހެން، ހަމަ ސައިބޯނިބޮއްކަކަށް ވެގެން ނިމިގެންދާނީ،" އުމަރު ލަފާކުރެއްވިއެވެ.
އޭނާ ވަނީ، އިސްލާމީ ޝަރީއަތުގައި އަންގަވާއިފައިވާ ގޮތަށް އަމަލުކޮށްގެންނޫނީ ކޮރަޕްޝަން ނުހުއްޓުވޭނެ ކަމަށް ވިދާޅުވެފައެވެ.
އެޗްޑީސީގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން ފުލުހުން ވަނީ ޖިނާއީ ތަހުގީގެއް ފަށައިފައެވެ. އެ މައްސަލައިގައި ފަޒުލްއާއި ފަޒީލްގެ އިތުރުން ކުރީ ސަރުކާރުގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި އަކްރަމް ކަމާލުއްދީނާއި އެހެން ބައެއް މީހުންގެ ވެސް ޕާސްޕޯޓު ހިފަހައްޓާފައިވެއެވެ.
ރައީސް ވަނީ، އެ މަނިކުފާނު މަގާމުތަކަށް މީހުން އައްޔަން ކުރައްވަނީ ވައްކަން ކުރާކަން ނޫން ކަމަށާއި އެފަދަ އަމަލެއް ހިންގާ ކަމަށް ގަބޫލުކުރެވޭ ނަމަ އެ މީހަކު މަގާމުން ދުރުކުރާނެ ކަމަށް ވިދާޅުވެފައެވެ.