ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، ސަރުކާރުގެ ޚަރަދު ކުޑަކުރަން 228 ސިޔާސީ މުވައްޒަފުން މަގާމުން ވަކި ނުކުރާކަމަށާއި، އެކަން ކުރެއްވި ނަމަ، ވަކިކުރި މީހުންގެ ލިސްޓެއް އާންމުކުރަން އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ގޮވައިލައްވައިފިއެވެ.
ސަރުކާރުގެ ޚަރަދު ކުޑަކުރަން 15 ދުވަހުގެ ތެރޭ 228 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރައްވާނެކަން ރައީސް އިއުލާނު ކުރެއްވީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ.
އެސްއެސްޓީވީގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ، ސަރުކާރުން ޓެކްސްތައް ބޮޑުކުރާއިރު، ޚަރަދު ކުޑަކުރަން މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ.
"ސިޔާސީ މީހުން މަދުކުރާނެ ވާހަކަ އަނެއްކާ ވެސް ރައްޔިތުންނަށް އޮޅުވާލުވަށްޓަކައި 200 ކޮންމެވެސް އަދަދެއްގެ މީހުން ތިމަންނަ ވަކިކުރަން އެންގީމޭ ކިޔާފަ ވަތްކެއް ނުކުރައްވާ އިނގޭތޯ. ވަކި ކުރެއްވިކަމަށް ވަންޏާ އަޅުގަނޑު ޗެލެންޖުކޮށްފައި މި ދަންނަވަނީ ލިސްޓެއް ހާމަކޮށްދެއްވާށޭ ކަނޑާލި މީހުންނާ އަދި އެމީހުން ކަނޑައިލާފައި އެހެން ތާނަށް ވެއްދިކަމަށް ވަންޏާ ވެއްދިތޯ. އެސްއޯއީއެއް ނުވަތަ އެހެން ވުޒާރާއަކަށް ނަމަވެސް،" ފައްޔާޒު ވިދާޅުވިއެވެ.
ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން މި ސަރުކާރުން ނިންމިކަން ފާހަގަކޮށް ފައްޔާޒު ވިދާޅުވީ އެއީ އާންމުން ސިނގިރޭޓާ ދުރުކުރުމުގެ ހެޔޮ ނިޔަތުގައި ކުރި ކަމެއް ނޫން ކަމަށެވެ.
އޭގެ ބަދަލުގައި، ސިނގިރޭޓުގެ އަގު ބޮޑުކުރީ "އާންމު މީހާގެ ޖީބަށް އަތްލައިގެން" ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވައިފައެވެ.
އަގު ބޮޑުވުމުގެ ސަބަބުން އާންމުން ސިނގިރޭޓާ ދުރުވުމަކީ ވާނެކަމެއް ނޫންކަން ފާހަގަކޮށް އޭނާ ވިދާޅުވީ، އާންމުން ސިނގިރޭޓާ ދުރުކުރެވޭނީ ގިނަ ދުވަސްތަކެއް ވަންދެއް ފަރުވާދީ ހޭލުންތެރިކޮށްގެން ކަމަށެވެ.
"ސިނގިރޭޓު ބޯމީހުން އެބަ ބޮއެ. މިހާރު އަޅުގަނޑުމެންނަށް އެބަފެނޭ މުސްކުޅިން ރަށު ބިޑިއަށް ބަދަލުކޮށްލައިގެން އުޅޭތަން. ސިއްހީ ހާލަތު ގޯސްވާނީ. އެހެންވީމާ ރައްޔިތުންގެ ސިއްހަތާ ދޭތެރޭ ވިސްނާފައި ކުރެއްވިކަމެއް ނޫން،" ފައްޔާޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު ވިދާޅުވީ އާ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު ހުންނާނީ 700 އާ ހަމައަށް ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން މިނިސްޓްރީތަކަށް ބޭފުޅުން އައްޔަން ކުރައްވަން ފެއްޓެވުމާއެކު ގިނަ އަދަދުތަކުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުން އައިކަމުގެ ވާހަކަތައް ވެސް ފެތުރުނެވެ.
މިކަމާ ގުޅިގެން އިދިކޮޅާއި އާންމުންގެ ގިނަ ގާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވި ނަމަވެސް، މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޖުމްލަ އަދަދު ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މި ސަރުކާރުގައި 2،000އަށްވުރެ ގިނަ މީހުން ސިޔާސީ އެކި މަގާމުތަކުގައި އެބަ ތިއްބެވެ.
މީގެ އިތުރުން ރާއްޖޭގެ ދަރަނި ބޮޑުވެ، ބޭރުގެ އިދާރާތަކުން ވަނީ ލޯންތައް އަނބުރާ ނުދެއްކިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން މޫޑީސްއާއި ފިޗުން ވެސް މި އަހަރު ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށްފައިވާއިރު، މާލީ ލަފާދޭ އިދާރާތަކުން އެންމެ ބޮޑަށް ގޮވައިލަނީ ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށެވެ.
އެހެންކަމުން ސިޔާސީ މުވައްޒަފުން މަދުކުރުމުގެ އިތުރުން، ޚަރަދު ކުޑަކުރުމަށް އަޅުއްވާނެ ފިޔަވަޅުތަކެއް ރައީސް ވަނީ އިއުލާނު ކުރައްވައިފައެވެ. އޭގެތެރޭގައި:
- ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން.
- ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުން. އަދި ކުންފުނިތަކުގެ ވެރީންނަށް އެންމެ ބޮޑުކޮށް ދެވޭނީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުން. (މިހާރު 100،000 ރުފިޔާ އަށްވުރެ ބޮޑު މުސާރަ ބައެއް ކުންފުނި ތަކުގެ މުސާރަ އޮނިގަނޑު އޮތްގޮތުން ލިބޭ)
- މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުން.
- ޝަރުޢީ ދާއިރާގެ އިސްވެރިން އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 ޕަސެންޓް އުނިކުރުމަށް އެ ފަރާތްތަކުގައި އެދުން
ރައީސް ވިދާޅުވީ އެ ފިޔަވަޅުތައް އެޅުމުގައި 12،000 ރުފިޔާއިން ދަށުން މުސާރަ ލިބޭ މީހުން އިސްތިސްނާކުރާނެ ކަމަށެވެ.
މި ފިޔަވަޅުތައް އެޅުމަސް ރައީސް ނިންމަވާފައި ވަނީ ދެ އަހަރު ދުވަހުގެ މުއްދަތަކަށެވެ.