އެމްޑީޕީއަށް ނިސްބަތްވާ، ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އޭނާއަށް ނޭނގި ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލައިގައި، އެ ކަމުގައި ޒިންމާވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން މިއަދު ބުނެފިއެވެ.
އެ މައްސަލައިގައި ނެރުނު ބަޔާނެއްގައި އީސީން ބުނީ އެ ކަން އެ ކޮމިޝަނުގެ ސަމާލުކަމަށް އައުމާ ގުޅިގެން، ފޯމު ބާޠިލްކުރި ކަމަށެވެ.
އަދި މި ކަމާ ގުޅިގެން ފިއްޓޭގެ މެންބާޝިޕް ޙައިޞިއްޔަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް ވެސް ބުންޏެވެ.
"އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އިއްޒައްތެރި މެންބަރު ޙުސައިން ޒިޔާދު، އެ ބޭފުޅާއަށް އެނގިވަޑައިގަތުމެއްނެތި، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ރަޖިސްޓަރީކުރުމަށް ޓަކައި މި ކޮމިޝަނަށް ފޯމެއް ހުށަހަޅާފައިވާތީވެ، މި ކަމުގައި ޒިންމާވާ ފަރާތްތަކުގެ މައްސަލަ އިތުރަށް ބަލައި ފިޔަވަޅުއަޅާނެ ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެއެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށާއި، އެ ފަދަކަމެއް އިތުރަށް ތަކުރާރުނުވާނޭ ފަދައިން އިދާރީ އަދި ޤާނޫނީ އިންތިޒާމުތައް ހަމަޖައްސާނެކަމުގެ ޔަޤީންކަން އީސީންވަނީ ދީފައެވެ.
ފިއްޓޭގެ މައްސަލައިގައި އެމްޑީޕީން މިއަދު ވަނީ އީސީ އަށް ގޮސް އިސްވެރިންނާ ބައްދަލުކޮށްފައެވެ.
އޭގެ ކުރިން ނެރުނު ބަޔާނުގައިވަނީ މެމްބަރު ޒިޔާދުގެ ނަންމަތީގައި ވަގު ފޯމެއް ފުރައި ޕީއެންސީއަށް ވެއްދުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށް އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރުމަށް ކަމާ ގުޅުންހުރި އިދާރާތަކަށް އެ ޕާޓީން ގޮވައިލާ ކަމަށެވެ.
ފިއްޓޭގެ އިތުރުން ވެސް އެމްޑީޕީގެ ގިނަ މެންބަރުންތަކެއް އެ މީހުންނަށް ނޭނގި ޕީއެންސީއަށް ވެއްދި މައްސަލަ އޮތީ ފެންމަތިވެފައެެވެ.