ސަރުކާރުގެ ޚަރަދު ކުޑަކުރަން ކުރިއަށް 15 ދުވަހުގެ ތެރޭ 228 ސިޔާސީ މުވައްޒަފުން މަގާމުން ވަކިކުރަން ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ނިންމަވައިފިއެވެ.
މިއަދު ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 228 ސިޔާސީ މުވައްޒަފުން މަގާމުތަކުން ވަކިކުރަން ނިންމެވީ، އިގްތިޞާދީ ސިޔާސަތު އިސްލާހުކުރުމުގެ ތެރެއިން ޚަރަދުކުޑަކުރުމުގެ ގޮތުން އަޅަން ނިންމެވި ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.
ވަކިކުރަން ނިންމި މުވައްޒަފުން ވަކިކުރާނީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައިކަމަށް ރައީސް ވިދާޅުވިއެވެ.
އޭގެ ތެރޭގައި ހިމެނެނީ ހަތް ސްޓޭޓް މިނިސްޓަރުންނާއި 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުންގެ އިތުރުން 69 ޕޮލިޓިކަލް ޑިރެކްޓަރުންނެވެ.
މި މުވައްޒަފުން ވަކިކުރުމުން ސަރުކާރުގެ ރިކަރެންޓު ޚަރަދުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ވިދާޅުވީ އާ ސަރުކާރުގައި ސިޔާސީ މަގާމުތަކުގެ އަދަދު ހުންނާނީ 700 އާ ހަމައަށް ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން މިނިސްޓްރީތަކަށް ބޭފުޅުން އައްޔަން ކުރައްވަން ފެއްޓެވުމާއެކު ގިނަ އަދަދުތަކުން ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރަމުން އައިކަމުގެ ވާހަކަތައް ވެސް ފެތުރުނެވެ.
ނަމަވެސް މިހާތަނަށް ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ޖުމްލަ އަދަދު ރަސްމީކޮށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.
އެއާއެކު އިދިކޮޅު މައި ޕާޓީ އެމްޑީޕީން ތުހުމަތުކުރާ ގޮތުގައި މި ސަރުކާރުގައި 2،000އަށްވުރެ ގިނަ މީހުން ސިޔާސީ އެކި މަގާމުތަކުގައި އެބަ ތިއްބެވެ. އަދި އެ ކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ކަންބޮޑުވުން ވެސް އަންނަނީ ފާޅުކުރަމުންނެެވެ.
އެެހެންވެ މިދިޔަ ޖުލައި މަހު އެ ޕާޓީގެ މަޖިލިސް މެމްބަރުން ވަނީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނުކުރުން ހުއްޓުވުމަށާއި ސަރުކާރު ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު މަދުކުރުމަށް ގޮވައިލާ މަޖިލީހަށް މައްސަލައެއް ވެސް ހުށަހަޅައިފައެވެ.
ނަމަވެސް ސަރުކާރު މެޖޯރިޓީ އޮތް މަޖިލީހުން އެ މައްސަލަ ވެސް ކޮށްލީ ބޭރެވެ.