ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް ސިނގިރޭޓާއި ވޭޕުން ނަގައި ޑިއުޓީ ދެގުނައަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުތައް މުޅި މަޖިލީހުގެ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.
ރައީސް ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނެނީ:
- އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުން.
- މި މުދަލުން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުން.
އެ އިސްލާހުތައް މަޖިލީހުގެ ސަބް ކޮމިޓީން ވަނީ ފާސްކޮށްފައެވެ. އެކަމަކު، ސަރުކާރު ހިންގާ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހް މިއަދު މުޅި މަޖިލީހުގެ ކޮމިޓީގައި ވަނީ އެ ބިލުތަކަށް އިސްލާހެއް ހުށަހަޅުއްވައިފައެވެ.
އެއީ، ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ ދުންފަތުގެ އުފެއްދުންތަކުން 50 އިންސައްތަ އަދި ސްޓިކް އަކުން އަށް ރުފިޔާ ނެގުމަށެވެ.
ޖުމުލަ 69 މެންބަރުންގެ ވޯޓުން އެ އިސްލާހު ވަނީ ފާސްކޮށްފައެވެ. އެ އިސްލާހާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވި ނަމަވެސް ދެ މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓުނުދޭން ވޯޓުދެއްވައިފައެވެ.
އެހެންވެ، އެ ގޮތަށް އެކްސްޕޯޓު އިމްޕޯޓުގެ ގާނޫނަށް ބަދަލު ގެންނަން 68 މެންބަރުންގެ ވޯޓާ އެކު ވަނީ ފާސްކޮށްފައެވެ. ހަ މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓުނުދޭން ވޯޓުދެއްވައިފައެވެ.
މުދަލާ ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައިވަނީ 68 މެންބަރުންގެ ވޯޓުންނެވެ. އިދިކޮޅުގެ 10 މެންބަރަކު ވަނީ އެ ބިލާ ދެކޮޅަށް ވޯޓުދެއްވައިފައެވެ.
މުޅި މަޖިލީހުގެ ކޮމިޓީން މި ބިލުތައް ފާސްކުރި ނަމަވެސް މަޖިލީހުގެ ތަޅުމުން އަދި ބިލުތައް ފާސްކުރަން ޖެހޭނެއެވެ. އެއަށް ފަހުގައި ބިލުތައް ގާނޫނަކަށް ވާނީ ރައީސުލްޖުމްހޫރިއްޔާ އެ ތަސްދީގުކުރައްވައި ގެޒެޓުކުރުމުންނެވެ.
އިސްލާހުތަކާ އެކު ސިނގިރޭޓާއި ބިޑިން ނަގައި ޓެކުހުން ލިބޭ އާމްދަނީ ވަރަށް ބޮޑަށް އިތުރުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.