އަންނަ އަހަރު ސިނގިރެޓާއި ބިޑިން ނަގާ ޓެކްސް ބޮޑުކުރުމުން 1.05 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފިއެވެ.
ދުންފަތުން ތައްޔާރުކޮށްފައި ހުންނަ ބާވަތްތަކުން ނަގާ އިމްޕޯޓު ޑިއުޓީގެ މިންވަރު އިތުރުކުރުމަށާއި، ދުންފަތުގެ ބަދަލުގައި ބޭނުންކުރާ އިލެކްޓްރޯނިކް ސިނގިރެޓުގެ ބާވަތްތައް މަނާ ކުރުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
މި ބަދަލުތައް ގެނައުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުން މަޖިލީހަށް މިއަދު ވަނީ ބިލު ހުށަހަޅައިފައެވެ.
މި ބިލް ހުށަހެޅުއްވީީ ސަރުކާރުގެ ފަރާތުން މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދެވެ.
އެ ބިލުގައިވަނީ މި އަހަރާއި ކުރިޔަށް އޮތް ތިން އަހަރު ސިނގިރެޓާއި ބިޑިން ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ ޖުމްލަ އާމްދަނީގެ އަދަދުތައް ހިމަނައިފައެވެ. އެ ގޮތުން:
- 2024ވަނަ އަހަރު ސިނގިރެޓާއި ބިޑިން - 180.3 މިލިއަން ރުފިޔާ
- 2024ވަނަ އަހަރު އީ-ސިނގިރެޓާއް އިކުއިޕްމަންޓުން - 0.9 މިލިއަން ރުފިޔާ
- 2024ވަނަ އަހަރު ވޭޕް ލިކުއިޑުން - 1.3 މިލިއަން ރުފިޔާ
- 2025ވަނަ އަހަރު ސިނގިރެޓާއި ބިޑިން - 1.05 ބިލިއަން ރުފިޔާ
- 2026ވަނަ އަހަރު ސިނގިރެޓާއި ބިޑިން - 1.04 ބިލިއަން ރުފިޔާ
- 2027ވަނަ އަހަރު ސިނގިރެޓާއި ބިޑިން - 1.03 ބިލިއަން ރުފިޔާ
އެ ބިލުގައި ހުށަހަޅާފައިވާ އައު ރޭޓުގައި މި ތަކެތިން އިމްޕޯޓު ޑިއުޓީ ނެގުމަށް ކަނޑައަޅާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.
ރާއްޖޭގައި ސިނގިރެޓާއި ބިޑިން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ނިންމެވީ ރައީސް މުއިއްޒެވެ.
ރައީސް ނިންމެވި ކަންކަމުގެ ތެރޭގައި ހިމެނެނީ:
- އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ހަތްވަނަ މާއްދާގެ ޗެޕްޓަރު 24ގެ ދަށުން ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓް ތިން ރުފިޔާއިން އަށް ރުފިޔާއަށް މަތިކުރުން
- ސިނގިރެޓާއި ބިޑިން ނެގޭ އެޑްވަލޮރަމް ރޭޓް 50 އިންސައްތަ މަތިކުރުން
- ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުން
- އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުން