ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވައިލާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން، ޕީޕީއެމް އިން ފެށި، 'އިންޑިއާ އައުޓް' ހަރަކާތް ހުއްޓުވަން އޭރުގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ނެރުއްވި ގަރާރު ބާތިލު ކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން އިއްޔެ ބާތިލުކޮށްފިއެވެ.
އެ މައްސަލަ ބާތިލު ކުރުމާ ގުޅުވައި ސިވިލް ކޯޓުން ނެރުނު ހުކުމުގައި ވަނީ، މައްސަލައާ ގުޅިގެން ޝަރީއަތުގެ މަޖިލީހަށް އިއްޔެގެ 13:00އަށް ހާޒިރު ވުމަށް އެދި ޔާމީންގެ ފަރާތުން އައްޔަން ކުރައްވާފައިވާ ވަކީލަށް މިދިޔަ އާދިއްތަ ދުވަހު އަމުރެއް ފޮނުވި ކަމަށެވެ.
އެގޮތުން، އެ އަމުރު ވަކީލަށް ރައްދު ކުރެވިފައިވީ ނަމަވެސް، އަމުރާ އެއްގޮތަށް ކޯޓަށް ހާޒިރުވެފައިނުވާ ކަމަށް ހުކުމުގައި ބުނެއެވެ. އަދި، ސިވިލް ކޯޓުން ބުނި ގޮތުގައި، ވަކީލު ކޯޓަށް ހާޒިރު ނުވީ މަގުބޫލު އެއްވެސް އުޒުރެއް ނެތިއެވެ.
އެހެންވެ، މައްސަލަތަކުގައި އެ ކޯޓަށް މީހުން ހާޒިރުކުރުމުގައި އަމަލު ކުރާ ގޮތުގެ ގަވައިދުގެ 20ވަނަ މާއްދާއަށް ރިއާޔަތްކޮށް ސިވިލް ކޯޓުން ވަނީ އެ މައްސަލަ ބާތިލްކޮށް، ބޭރުކުރުމަށް ނިންމާފައެއެވެ.
"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވުމަށް އޭރުގެ ރައީސް ޞާލިހު ގަރާރެއް ނެރުއްވީ 21 އޭޕްރީލް 2022ގައެވެ. އެ ގަރާރަކީ ގާނޫނާ ޚިލާފަށް ނެރުއްވި ގަރާރެއް ކަމަށާއި ގާނޫނާ ޚިލާފަށް ކުރާ އަމުރުތައް ތަންފީޒުކުރަން ފުލުހުންނާ ސިފައިން މަސައްކަތް ނުކުރުމަށް ރައީސް ޔާމީން އޭރު ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، ޞާލިޙު ނެރުއްވި ގަރާރުގައި ވަނީ އިންޑިއާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތްތަކަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
ޖާއިޒު މަގުސަދެއް ނެތި ސިޔާސީ ބޭނުމެއްގައި ވަކި ގައުމަކާ ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭންތަކަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށާއި އޭގެ ސަބަބުން ގައުމަށް ނުރައްކާ އޮތް ކަމަށް ގަރާރުގައި ބުނެއެވެ.
'އިންޑިއާ އައުޓް' ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމާންކަމާއި ހަމަޖެހުން ގެއްލި، އިގުތިސާދަށާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހިދާނެ ކަމަށްވެއެވެ. މީގެ އިތުރުން ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އެކަހެރިވުމުގެ ބިރު އޮތް ކަމަށް ވެސް ގަރާރުގައިވެއެވެ.