ޕީއެންސީއަށް 65،000 އަށް ވުރެ ގިނަ މެންބަރުން ހަމަވެއްޖެ: ފަލާހު

ޕީއެންސީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވާހަކަދައްކަވަނީ: ވިދާޅުވީ ޕީއެންސީއަށް 65،000 އަށް ވުރެ ގިނަ މެންބަރުން ހަމަވެއްޖެ ކަމަށް -- ފޮޓޯ/ ޕީއެންސީ

ވެރިކަންކުރާ މައި ޕާޓީ (ޕީއެންސީ) އަށް މިހާތަނަށް 65،000އަށްވުރެ ގިނަ މެންބަރުން ހަމަކުރެވިއްޖެ ކަމަށް އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު މިއަދު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ މެންބަރުން އިތުރުކުރުމަށް މިއަދު މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔަ ހަރަކާތުގެ ތެރެއިން މީޑިއާތަކަށް މައުލޫމާތުދެއްވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީއަށް 75،000 މެންބަރުން ހަމަކުރުމަކީ ޕީއެންސީގެ ރައީސް، ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެއް ކަމަށެވެ.

އެހެންކަމުން އެމަނިކުފާނުގެ އެދިވަޑައިގަތުމުގެ މަތިން މި އަހަރުގެ ނޮވެމްބަރު ނިމުމުގެ ކުރިން 75،000 މެންބަރުން އެ ޕާޓީއަށް ހަމަކުރުމުގެ މަސައްކަތް ފަށައިގެން ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް ވިދާޅުވިއެވެ. އެ މަސައްކަތުގެ ތެރެއިން މިހާތަނަށް 65،000 ހަށްވުރެ ގިނަ މެންބަރުން ޕާޓީއަށް ވަދެފައިވާ ކަމަށް ފަލާހު ވިދާޅުވިއެވެ.

...ގާތްގަނޑަކަށް ވޭތުވެ ދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ ޕާލިމެންޓްރީ ގްރޫޕާއި އަދި އަޅުގަނޑުމެންގެ މިކަމާ ގުޅުން ހުރި ޓީމްތަކުން ކުރި މަސައްކަތުން 65،000 ހަށްވުރެ ގިނަ މެންބަރުން މިއަދާ ހަމައަށް ހަމަވެއްޖެ، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު

ފަލާހު ވިދާޅުވީ އަންނަ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް 75،000 މެންބަރުން އެ ޕާޓީއަށް ހަމަވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ޕީއެންސީން މިއަދުގެ އިރުއޮއްސުމާ ހަމައަށް ކުރިއަށް ގެންދާ ހަރަކާތަކީ މާލޭގެ ހަތް ދާއިރާއެއްގައި ޕާޓީއަށް މެންބަރުން އިތުރުކުރުމަށް ކުރިއަށް ގެންދާ ހަރަކާތެކެވެ. މާލޭގެ އިތުރުން އައްޑު އަތޮޅާއި ބައެއް އެހެން އަތޮޅުތަކުގައި ވެސް މި ހަރަކާތް ކުރިއަށްދާ ކަމަށް ޕީޖީ ލީޑަރު ވިދާޅުވިއެވެ.

މިއަދުގެ ހަރަކާތުގައި ޕީއެންސީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންނާއި އެ ޕާޓީގެ އިސް ބޭބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ސަރުކާރުގެ އެކި ކުންފުނިތަކުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން، މި ހިނގާ ސެޕްޓެންބަރުގެ 18 ވަނަ ދުވަހުގެ ނިޔަލަށް 28،983 މެންބަރުން ޕީއެންސީގައި އެބަ ތިއްބެވެ. އެއާއެކު އެ ޕާޓީއަކީ މިހާރު ރާއްޖޭގެ ތިންވަނައަށް އެންމެ ބޮޑު ޕާޓީއެވެ.

އެ ޕާޓީގެ އަމާޒަކީ މި އަހަރުގެ ނޮވެންބަރުގެ ނިޔަލަށް 75،000 މެންބަރުން ހަމަކޮށް، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީއަށްވުމެވެ. މިހާރު އެންމެ ބޮޑު ޕާޓީއަކީ އެމްޑީޕީ ކަމަށްވާއިރު އެ ޕާޓީގެ މެންބަރުންގެ އަދަދަކީ 50،851 އެވެ.

comment ކޮމެންޓް