އެމްޑީޕީގެ މައްސަލަތަކެއް ރައީސް ނުބައްލަވާނެ، ތިބީ އަހުދުވެގެން: ޔާމީން

ރިޔާސީ ބަހުސްގެ ތެރެއިން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ/ ވަގުތު

މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ހިންގާފައިވާ 'ޖަރީމާތައް' ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ނުބައްލަވާނެ ކަމަށާއި އެ ސަރުކާރާއި މި ސަރުކާރާ ދެމެދު އޮތީ އަހުދުވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޮޑު ތުހުމަތެއް ރޭ ކުރައްވައިފިއެވެ.

މިދިޔަ ސަރުކާރުގައި މިނިވަންކަމާއި އިސްތިގުލާލަށް ބުރޫއަރާނެ އެތައް ކަމެއް ކުރި ކަމަށް ތުހުމަތުކުރައްވައި، އެ މައްސަލަތައް މި ސަރުކާރުން ނުބަލާތީ ޔާމީން ގެންދަވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވަމުންނެވެ.

އެ މަނިކުފާނުގެ އާ ޕާޓީ، ޕީއެންއެފުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ނޫމަޑި މައްސަލައިގައި ވެސް ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙާއި ރައީސް މުއިއްޒާ ދެ ބޭފުޅުން ޖަވާބުދާރީވާން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.

އެ މައްސަލައިގައި މިދިޔަ ވެރިކަމުގައި ރައީސް މުއިއްޒާ ދެކޮޅަށް ދައުވާކުރިއެވެ. އެކަމަކު، ދަށު ކޯޓުން ނިންމީ އެ މައްސަލަ ސާބިތުނުވާ ކަމަށެވެ. ޔާމީން ތުހުމަތުކުރެއްވި ގޮތުގައި އެ މައްސަލަ ސާބިތުކުރަން މަތީ މަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފުކުރަން ބޭނުންނުވީ އޭރުގެ ރައީސް ޞާލިޙެވެ.

ކުރީގެ ރައީސް ޔާމީން: އެ މަނިކުފާނު ވިދާޅުވީ، އެމްޑީޕީގެ މައްސަލަތައް މި ސަރުކާރުން ނުބަލާނެ ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް

"[ރައީސް] މުއިއްޒަށް ގާނޫނީ އިންތިޚާބަކަށް ކުރިމަތިލެވުނީ ވެސް އިބްރާހިމް މުހައްމަދު ޞާލިޙް، މުއިއްޒު ސަލާމަތްކޮށްދެއްވީމާ. އިސްތިއުނާފުކުރާކަށް ބޭނުމެއް ނުވި އިބްރާހިމް މުހައްމަދު ޞާލިޙެއް. އެއީ، މުއިއްޒާއި އިބްރާހިމް މުހައްމަދު ޞާލިޙާ ދޭތެރޭގައި އޮތް އަންޑާސްޓޭންޑިން،" ޔާމީން ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ، މި ސަރުކާރަށް 11 މަސް ދުވަސް ވެގެންދިޔައިރު ފޯޅަވަހި މައްސަލަ ވެސް ނުބެލިގެން އުޅެނީ އެހެންވެގެން ކަމަށެވެ.

މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ރައީސް ޞާލިޙާއި މޮރިޝަސްގެ ބޮޑުވަޒީރާ ދެމެދު ކަންތައްތަކަކަށް އެއްބަސްވި ކަމަށާއި އެކަމަކު އެ މައްސަލަތައް މި ސަރުކާރުން ނުބަލާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ޔާމީން ތުހުމަތުކުރެއްވި ގޮތުގައި އެ މައްސަލަތައް ނުބަލަނީ އެމްޑީޕީއާ އެކު ރައީސް މުއިއްޒު އެ ގޮތަށް އެއްބަސްވެގެން ހުންނެވުމުންނެވެ.

"މި މީހުންގެ ގުޅުންތަކެއް އޮތީމާ ނޫންތޯއޭ ޖިނާއީ ތަހުގީގެއް ކުރާކަށް ނޫޅޭ މި [ފޯޅަވަހި ގެއްލުނު] މައްސަލައިގައި،"

"އިބްރާހިމް މުޙައްމަދު ޞާލިޙްމެންނަށް އެނގޭ [ރައީސް] މުއިއްޒު ވެރިކަމަށް އައިސްފި ކަމަށްވަންޏާ އެ މީހުންގެ އިސް އެއްވެސް މީހެއްގެ އެއްވެސް މައްސަލައެއް ނުބަލާނެކަން. އެ އަހުދުނާމާއެއް އޮތީ ގާއިމުކޮށް ނިންމާފައި،" ޔާމީން ތުހުމަތުކުރެއްވިއެވެ.

ކުރީގެ ރައީސް ޔާމީނާއި ރައީސް މުއިއްޒު: ޔާމީން ވަނީ މި ސަރުކާރު އުފެދުމާ އެކު ޕީޕީއެމް/ޕީއެންސީން ވަކިވެވަޑައިގެންފައި -- ސަން ފޮޓޯ/ މުހައްމަދު މާހިލް

ޔާމީން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީ އިދިކޮޅުގައި އޮތްއިރު ވެރިކަމުގެ ހުވަފެން ދެކިލެއްވި ބޭފުޅުންނާއި އެ ކަމަށް އިންތިޒާރުކުރެއްވި ބޭފުޅުން ޞާލިޙާ އެކު 'ވަރަށް ވަރުގަދަ' ގުޅުންތަކެއް އުފައްދާފައި އޮތް ކަމަށެވެ.

މިދިޔަ ސަރުކާރުގައި ޔާމީންގެ މައްޗަށް ސާބިތުވި ޚިޔާނާތުގެ ދައުވާގައި ޖަލުގައި ހުންނެވުމުން އެ މަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަނުކުރެއްވުނެވެ. ޕީއެންސީގެ ކެންޑިޑޭޓެއް ނެރެ، ލީޑާޝިޕުން ތާއީދުކުރީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ހުކުމްކުރުމުންނެވެ.

ޕީއެންސީގެ ޓިކެޓުގައި ރައީސް މުއިއްޒު ރިޔާސީ ރޭހުގައި ވާދަކުރެއްވި ސެނެޓުގައި ބޭއްވި ޕްރައިމަރީއެއް ކާމިޔާބުކުރައްވައިގެންނެވެ.

އެކަމަކު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑަރުކަމުން އިސްތިއުފާދެއްވައިފައެވެ. އެއަށް ފަހުގައި އަމިއްލަފުޅު ސިޔާސީ ޕާޓީއެއް އުފައްދައިގެން އެ މަނިކުފާނު ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުންނެވެ.

comment ކޮމެންޓް