މި ސަރުކާރުގައި ތިއްބަވާ ބޭފުޅުން ކަންތައްތައް ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ "ސްކޫލުން ތަރުބިއްޔަތުވި" ގޮތަށް ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް މިރޭ ފާޑުވިދާޅުވެއްޖެއެވެ.
ނާޒިލް އެފަދައިން ވިދާޅުވިއިރު، ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ސަރުކާރު މައި ޕާޓީ ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވަނީ ޔާމީންގެ މައްޗަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު ދައުލަތުގެ ފައިސާއިން 'ކުރި ވައްކަމު'ގެ އަދަދު 500 މިލިއަން ޑޮލަރަށް އަރާ ކަމަށާއި، އެ ފައިސާ ހޯދިއްޖެނަމަ އަންނަ އަހަރު ދައްކަންޖެހޭ ދަރަނި ދައްކަން ފަސޭހަވާނެ ކަމަށް ފަލާހު ވިދާޅުވިއެވެ.
އެމްޑީޕީން މިރޭ ބޭއްވި ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ނާޒިލް ވަނީ އެ ވާހަކައަށް ރައްދުދެއްވާފައެވެ. ނާޒިލް ވަނީ ކުރިން ވެރިކަންކުރެއްވި ބޭފުޅެއްގެ ވާހަކަ މިހާރު ދައްކަނީ ކީއްކުރަންތޯ ސުވާލުއުފައްދަވާފައެވެ. އަދި މި ސަރުކާރުގައި ތިއްބަވާ ބޭފުޅުން ވެސް އަމަލުކުރައްވަނީ އެބީދައިން ކަމަށް ނާޒިލް ވިދާޅުވިއެވެ.
"އަޑުއިވޭ ހުޅުމާލެއިން ބިން ގަނެފިއޭ. ފުލެޓު ގަނެފިއޭ. އަނެއްތަނެއް ގަނެފިއޭ. އަނެކައްޗަކަށް އިންވެސްޓު ކޮށްފިއޭ. މިއީ ކޮންމެ ދުވަހަކު ވެސް އޮންނަ ވާހަކަ. އެހެންނޫންތޯ؟ ވެރިކަމަށް އަހަރުނުފުރޭ. ވަޒީފާއާ ހަވާލުވީއިރު ނެތޭ އަތަކު އެކައްޗެއް ވެސް،" ނާޒިލް ވިދާޅުވިއެވެ.
"ހަމައެގޮތަށް ނޫންތޯ ތަމްރީނުވެފައި ތަރުބިއްޔަތުވެފަތިބީ. އެގޮތަށް ނޫންތޯއޭ އެކަންތައް ކުރާނީ؟ ދަރިވަރުވެފަތިބީ އެގޮތަށް. އެ ސްކޫލުން ދަރިވަރުވީ. ކޯސް ހެދީ އެތާނގައި. އެ ކޯހުގެ ނަތީޖާ މިހާރުވެސް އެ ފެންނަނީ،"
ނާޒިލް ވިދާޅުވީ މި ސަރުކާރުގެ ވެރިން ދަސްކުރެއްވީ ޔާމީންގެ ފަރާތްޕުޅުން ކަމަށެވެ. އެބޭފުޅުންނަށް އިތުރު އެހެން ގޮތަކަށް ކަންކަން ކުރަން ވެސް ނޭނގޭނެ ކަމަށް ވިދާޅުވެ އޭނާ ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.
ނާޒިލް ވިދާޅުވީ ވެރިކަމާ ހަވާލުވެފައި ތިއްބަވާ އަދި ސަރުކާރުގެ ބޮޑެތި މަގާމުތަކުގައި ތިބޭ މީހުންގެ އެކައުންޓުގައި އެ މަގާމެއް އަދާކޮށް ނިމޭއިރު ފައިސާ ހުންނާނެ ކަމަށެވެ. ނަމަވެސް މި ސަރުކާރަށް އަދި އަހަރެއްވާއިރު، މިހާރު ވެސް ސަރުކާރުގެ ވެރިން ބިމާއި، ފުލެޓުތައް އަގުބޮޑުކޮށް ގަންނަމުންދާކަން ފާހަގަކުރެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ބާރަށު ދާއިރާގެ މެންބަރު އަދި ވެރިކަން ކުރާ ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު އިބްރާހިމް ޝުޖާއުވަނީ ހުޅުމާލެއިން 9.4 މިލިއަން ރުފިޔާއަށް 2،000 އަކަފޫޓަށްވުރެ ބޮޑު ބިމެއް ބައްލަވައިގެންފައެވެ.
އަދި ޕީއެންސީގެ މެންބަރު އަނާރާ ނައީމް ވެސް ވަނީ އޭނާގެ ގެއެއް ލާޖައްސައިގެން ހުޅުމާލޭ އަތިރިމަތިން ގެއެއް ބައްލަވައިގެންފައެވެ. އަދި، ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވެސް ވަނީ 3.1 މިލިއަން ރުފިޔާއަށް ހުޅުމާލެއިން ފުލެޓެއް ބައްލަވައިގެންފައެވެ.
މަޖިލީހުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، ޔާމީންގެ ވެރިކަމުގައި 2013 އިން 2018 ވަނަ އަހަރާ ހަމައަށް ދައުލަތުގެ ފައިސާއިން ވައްކަންކޮށް، 500 މިލިއަން ޑޮލަރު ވަގަށް ނަގައިފައިވާ ކަމަށެވެ. އަދި އެ ފައިސާއިން، ދިވެހި ދައުލަތުން ދައްކަންޖެހޭ ބޮޑު ދަރަނި ދެއްކޭނެ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
ފަލާހު ވަނީ ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން، ޔާމީން 'ވަގަށް ނަގާފައިވާ' ފައިސާއިން ގެކޮޅު ބިނާކުރައްވާ ކަމަށް ވެސް ތުހުމަތުކުރެއްވިއެވެ. އަދި އޭސީސީން އެ މައްސަލަ 'ހަލުވިކޮށް' ބަލަން ފަށަންޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަލާހް، ޔާމީނަށް ބޮޑެތި ތުހުމަތުތަކެއް ކުރެއްވިއިރު އެ މަނިކުފާނުގެ ވެރިކަމުގައި ވެސް ފަލާހް ހުންނެވީ ޕީޕީއެމްގައެވެ. އޭރު ވެސް އޭނާ ހުންނެވީ އިނގުރައިދޫ ދާއިރާގެ މެންބަރުކަމުގައެވެ. އެކަމަކު، 2018ގެ އިންތިޚާބަށް ފަހު ފަލާހް ވަނީ ޖުމްހޫރީ ޕާޓީއަށް ބަދަލުވެފައެވެ. އެއަށް ފަހު އެނބުރި ޕީޕީއެމް/ޕީއެންސީއަށް ސޮއިކުރެއްވީ ނިމިދިޔަ ރިޔާސީ އިންތިޚާބު ތެރޭގައެވެ.