ޓެކްސް ބޮޑުކުރުމަށް ފަހު އެ ލިބޭ އާމްދަނީއިން ސަރުކާރުތަކުން ހިންގަނީ ކޮރަޕްޝަނާއި ވައްކަންތައްކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މިއަދު ތުހުމަތުކުރައްވައިފިއެވެ.
ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ، ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިދިޔަ އާދިއްތަ ދުވަހު ވަނީ ހުށަހަޅައިފައެވެ.
ފަތުރުވެރިކަމާ ގުޅޭ ޓެކްސް އެންމެ ފަހުން ބޮޑުކުރީ އެމްޑީޕީ ސަރުކާރުގައެވެ. އެއީ 14 ޕަސަންޓުން 16 ޕަސަންޓަށެވެ. އެއަށްފަހު މި ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލުގައި އޮތީ 17 ޕަސެންޓަށް އިތުރުކުރުމަށް ހުށަހަޅާފައެވެ.
މިއަދުގެ ޖަލްސާގައި އެ ބިލަށް ބަހުސްކުރައްވާ ޕީއެންސީގެ މެންބަރުން ވަނީ އެމްޑީޕީ ސަރުކާރަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
ޕީއެންސީ ޕީޖީގެ ޑެޕިއުޓީ ލީޑަރު އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ވިދާޅުވި ގޮތުގައި އެމްޑީޕީ ސަރުކާރުން ޓެކްސް ބޮޑުކޮށް، ލިބުނު އާމްދަނީއިން ޚަރަދުކުރީ ބޭކާރު ކަންކަމަށެވެ.
އެގޮތުން ބޭކާރު ވަޒީފާތައް ކުންފުނިތަކުގައި އުފައްދައި، ކޮވިޑަށް ދޭދޭ ގައުމުތަކުން ދިން އެހީ ބޭކާރުކޮށް ޚަރަދުކުރިކަމަށް ތުހުމަތުތަކެއް ކުރެއްވިއެވެ.
"ރައްޔިތުންގެ ޖީބަށް ބާރުބޮޑުނުކޮށް މިހިނދުން މިހިނދަށް ކޮންމެހެން ކުރަންޖެހޭ ކަމެއް މި ބަދަލުތައް ގެނައުމަކީ،" ޝުޖާއު ވިދާޅުވިއެވެ.
އެ ބަހުސްގައި ވާހަކަދައްކަވަމުން ޣަފޫރު ވިދާޅުވީ ވިސްނަންޖެހޭ ކަމަކީ މިފަދަ ނާޒުކު ދަނޑިވަޅެއްގައި މިއަދު ޓެކްސް ބޮޑުކުރުމުން ރާއްޖޭގެ އިގްތިޞާދަށް ވާނެ ގޮތް ކަމަށެވެ.
ރާއްޖެއަށް ލިބޭ އާމްދަނީ އޮތީ ކުރިއަށްވުރެ 15 ޕަސެންޓް މަތީގައި ކަމަށާއި ޚާއްސަކޮށް ޓޫރިޒަމުން ލިބޭ އާމްދަނީ ހުރީ ބޮޑުތަނުން އިތުރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ ކުރީ ސަރުކާރޭ ފަހުގެ ސަރުކާރޭ ކިޔުމުގެ އެއްވެސް ބޭނުމެއް ނެތް އިއްޒަތްތެރި ރައީސް. މި ގައުމުގެ އިގްތިސޯދުގައި އެއްވެސް މައްސަލައެއް ނެތް. ދައުލަތަށް ވަންނަ ލާރީގަ އެއްވެސް މައްސަލައެއްް ނެތް. އެހެންނަމަވެސް ދައުލަތުގެ ޚަރަދުތައް ހަމަނުޖެހޭތަން އަޅުގަނޑުމެންނަށް ފެންނަނީ،" ޣަފޫރު ވިދާޅުވިއެވެ.
އެގޮތުން ދެހާހަށް ވުރެ މަތީގައި ސިޔާސީ ވަޒީފާތައް އެބަހުރި ކަމަށާއި، ދައުލަތުގެ ކުންފުނިތަކުގެ އާމްދަނީ މިއަދު 15 ޕަސެންޓަށް ދަށްވެފައިވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"ރައްޔިތުން ކައިރީގައި ބުނީ މަތިބަރު ނޫން ހެޔޮލަފާ ސަރުކާރެކޭ ތިމަންނާމެން ގެންނާނީ،" ޣަފޫރު ވިދާޅުވިއެވެ.
ކޮންމެ ސަރުކާރަކުން ވެސް ގޯސްކޮށް ކަމެއް ކޮށްފިއްޔާ ވާނީ ގޯސްކަމަކަށްކަން ފާހަގަކުރައްވާ ޣަފޫރު ވިދާޅުވީ ރައްޔިތުންގެ އުންމީދުތައް ވަރަށް ބޮޑު ކަމަށެވެ. މި ސަރުކާރުގެ ފަރާތުން ރައްޔިތުން ދެކެން ބޭނުންނުވާ ކަންކަން ގިނަ ނަމަވެސް މިހާރު ކަންތައްތައް ދަނީ ބުނި ގޮތާ މުޅިން އިދިކޮޅަށް ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"ވައްކަމާއި ކޮރަޕްޝަން ސަރުކާރު ތެރޭ އޮތީ އިންތިހާއަށް. ރޯމާ ދުވާލު ވައްކަންކުރަމުން އެދަނީ. އަޅުގަނޑު ނުދަންނަވަން އެމްޑީޕީ ސަރުކާރުން ނުކުރެއެކޭ. ކުރި. ސަރުކާރެއް އޮތުމުގެ ބޭނުމަކީ މިކަންކަން ހުއްޓުވުން އިއްޒަތްތެރި ރައީސް،" ޣަފޫރު ވިދާޅުވިއެވެ.
"އެހެންނަމަވެސް އަޅުގަނޑުމެންނަށް މިފެންނަނީ އެއް ސަރުކާރުން އަނެއް ސަރުކާރު ބަދަލުވެގެން ގޮސް އަނެއްކާވެސް އަންނަ ސަރުކާރުން ކޮރަޕްޝަނާ ފަސާދަ އިތުރުވެގެން ގޮސް ދައުލަތުން ނުކަތާ ވަރުގެ ޚަރަދުތައް ހިނގާތަން. ރައްޔިތުންނަށް މި ހުރިހާ ތަކުލީފެއް އަންނަމުން މިދަނީ،" ޣަފޫރު ވިދާޅުވިއެވެ.
ޣަފޫރު ވިދާޅުވީ މިއަދު ރާއްޖޭގެ ދިރިއުޅުމުގެ ހާލަތަކީ ދަށް ހާލަތެއް ކަމަށާއި ޓެކްސްގެ ނިޒާމު ބޮޑުކުރަން ކިޔައި، ޓެކްސް ނުނަގާ ކަންކަމުން ޓެކްސް ނެގުމާއި އިތުރަށް ޓެކްސް ބޮޑުކުރަން ޖެހުމަކީ އެއީ މިއަދު ހިތާމަކުރަންޖެހޭ ކަމެއް ކަމަށް ޣަފޫރު ވިދާޅުވިއެވެ.
"ވަކި އަދަދަކަށް އަޅުގަނޑުމެންނަށް ޓޫރިސްޓުން އަތުން ވެސް އެހެންމީހުން އަތުން ވެސް ޓެކްސް ނެގޭނީ،" ޣަފޫރު ވިދާޅުވިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.
ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހުގައި ހުށަހަޅާފައިވަނީ މިހާރު ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށެވެ. އަދި، މިހާރު ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނެގުމަށެވެ.
މި ބަދަލާ އެކު އަންނަ އަހަރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.
ދެން އިސްލާހު ހުށަހަޅާފައިވަނީ ދިވެހި ރާއްޖޭގެ އެއާޕޯޓްތަކުން ދިވެހި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށެވެ. އެ އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑުކުރަން ހުށަހަޅައިފައެވެ.
މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.