ގްރީން ޓެކްސް ދެ ގުނަކޮށް، ޓީޖީއެސްޓީ އާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ހުށަހަޅައިފި

މާޗް 1، 2021: ފަތުރުވެރިން ރާއްޖެއައިސް ވެލާނާ އެއާރ ޕޯޓްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓޫރިސްޓުން އަތުން ނަގާ ގްރީން ޓެކްސް ދެ ގުނަކޮށް، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ، ޓީޖީއެސްޓީއާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ބަންދަށް ފަހު މާދަމާ މަޖިލިސް ހުޅުވާއިރު ސަރުކާރުގެ ފަރާތުން މުހިންމު ތިން ބިލެއް ވަނީ ހުށަހަޅައި މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.

މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުން މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާ އިބްރާހީމް ހުށަހެޅި އިސްލާހުގައި ބުނެފައިވަނީ ޓީޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ 16 ޕަސެންޓް، އަންނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 17 ޕަސެންޓަށް ބޮޑު ކުރުމަށެވެ.

މި ބިލް ހުށަހެޅި މަގުސަދެއް ކަމަށް ބުނެފައިވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަ ކުރުމަށާއި ބޭރުގެ ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުމެވެ. މި ބަދަލާ އެކު އަންނަ އަހަރު މި ޓެކްސްއިން ލިބޭ އާމްދަނީ 201.9 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާ ކުރެއެވެ.

ދިވެހި ރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން ހުށަހެޅި އިސްލާހުގައި ހުށަހަޅާފައިވަނީ މިހާރު ޓޫރިސްޓެއްގެ ބޮލަކަށް ދުވާލަކަށް ހަ ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން 12 ޑޮލަރު ނެގުމަށެވެ. އަދި، މިހާރު ތިން ޑޮލަރު ނަގަމުން އަންނަ ތަންތަނުން އަންނަ އަހަރުން ފެށިގެން ހަ ޑޮލަރު ނެގުމަށެވެ.

މި ބަދަލާ އެކު އަންނަ އަހަރު އެ ޓެކްސްގެ ގޮތުގައި ދައުލަތަށް 963.6 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ދެން އިސްލާހު ހުށަހަޅާފައިވަނީ ދިވެހި ރާއްޖޭގެ އެއާޕޯޓްތަކުން ދިވެހި ރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކްސް އާއި ފީ ނެގުމާ ބެހޭ ގާނޫނަށެވެ. ސަރުކާރުގެ ފަރާތުން ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބު ހުށަހެޅި އެ އިސްލާހުގައިވަނީ އަންނަ ޑިސެމްބަރު މަހުން ފެށިގެން ޑިޕާޗާ ޓެކްސް ބޮޑުކުރަން ހުށަހަޅައިފައެވެ.

މިހާރު އިކޮނޮމީ ކުލާހުން ފުރާ ދިވެހިން އަތުން ޓެކްސްގެ ގޮތުގައި 12 ޑޮލަރު ނަގާއިރު އާ އިސްލާހުގައި އެ އަދަދު ބޮޑު ކުރަން ހުށަހަޅާފައެއް ނުވެއެވެ. ނަމަވެސް، އިކޮނޮމީ ކުލާހުން ފުރާ ބިދޭސީންގެ އަތުން މިހާރު ނަގާ 30 ޑޮލަރުގެ ބަދަލުގައި ދެން 50 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން މިހާރު ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 60 ޑޮލަރުގެ ޓެކްސްއެއް ނަގާއިރު އެ މުއްދަތުން ފެށިގެން ބިޒްނަސް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.

ފަސްޓް ކުލާހުން ފުރާ ދިވެހިންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު މިހާރު ނަގާއިރު އާ ބަދަލާ އެކު 240 ޑޮލަރު ނަގަން ވަނީ ހުށަހަޅައިފައެވެ. އަދި، ޕްރައިވެޓް ޖެޓްގައި ފުރާ މީހުންގެ އަތުން މިހާރު 120 ޑޮލަރު މިހާރު ނަގާއިރު އެ މުއްދަތުން ފެށިގެން 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން، އެއާޕޯޓް ޑިވެލޮޕްމެންޓް ފީ ވެސް ބޮޑުކުރަން ވަނީ ހުށަހަޅައިފައެވެ. އެ ފީ ވެސް ބޮޑުކުރަން ނިންމާފައިވަނީ ޑިޕާޗާ ޓެކްސް ބޮޑުކުރި ރޭޓުންނެވެ.

މި ބަދަލާ އެކު އަންނަ އަހަރު ޑިޕާޗާ ޓެކްސްގެ ގޮތުގައި 796.5 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާއިރު އެއާޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 809.8 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ އަންދާޒާ ކޮށްފައެވެ.

ޓެކްސްތަކަކަށް ސަރުކާރުން ބަދަލު މި ގެންނަނީ ދަރަނި މެނޭޖުކުރަން ރާއްޖެއަށް ދަތިތަކާ ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. ވޯލްޑް ބޭންކުން މިދިޔަ ހަފުތާގެ ތެރޭގައި ވެސް ވަނީ ރާއްޖޭން އިސްލާހީ ފިޔަވަޅުތައް ނާޅާކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ޓޫރިޒަމް ދާއިރާގެ މުހިންމު ޓެކްސްތަކެއް ބޮޑުކުރާއިރު ރާއްޖެއަށް ޓޫރިޒަމް ދާއިރާއިން ލިބޭ އާމްދަނީ ދިވެހި ބޭންކުތަކަށް ވައްދަން ލާޒިމުކުރުމާ އެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ ބޮލަކަށް ވަކި އަދަދަކަށް ޑޮލަރު ދިވެހި ބޭންކުގައި މާރު ކުރަން ވެސް މި ފަހުން ވަނީ ލާޒިމުކޮށްފައެވެ. އެއާ އެކު ޓޫރިޒަމް ދާއިރާގެ އިސް ބޭފުޅުން ވަނީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

comment ކޮމެންޓް