ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި، ކުޑަކުއްޖަކު ހިމެނޭހެން 4 މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގެ މަގެއް: ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި، ކުޑަކުއްޖަކު ހިމެނޭހެން 4 މީހަކަށް އަނިޔާވެއްޖެ -- ފޮޓޯ/ އެޗްޑީސީ

މިއަދު ހެނދުނު ހުޅުމާލެ ފޭސް އެކެއްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގައި، ކުޑަކުއްޖަކު ހިމެނޭހެން ހަތަރު މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ މިއަދު ހެނދުނު ހުޅުމާލެ ފޭސް އެކެއްގައި ދެ ސައިކަލު ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ. އަދި ދެ ސައިކަލުގައި ތިބި ހަތަރު މީހުންނަށް އެކިވަރުގެ އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި މި އެކްސިޑެންޓުގައި ކުޑަކުއްޖަކަށް ވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގުކުރަމުންގެންދާ ކަމަށް ވެސް ފުލުހުން މައުލޫމާތުދިނެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ވެސް މާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކަށް އަނިޔާތަކެއް ލިބިފައިވެއެވެ. އެގޮތުން ކަފިހި ހުރަހުން މަގު ހުރަސްކުރަން އުޅުނު ތިން އަހަރުގެ އަންހެން ކުއްޖެއްގެ ގައިގައި ސައިކަލަކުން ޖެހި، އެ ކުއްޖާ ވެއްޓި، ނިތްކުރިމަތި ދުޅަވެފައިވާކަމަށް ފުލުހުން އެ ދުވަހު މައުލޫމާތު ދިނެވެ.

ހަމައެއާއެކު އިއްޔެ، ސިނަމާލެ ބްރިޖު ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް ދީގެން މީހަކު ދުއްވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެފައިވެއެވެ.

ސްކޫލު ޔުނީފޯމުގައި ކުއްޖާ އިންއިރު ސައިކަލުގައި އިން ފިރިހެން މީހާ އެ ކުއްޖާއަށް ސައިކަލުގެ ކޮންޓްރޯލް ހަވާލުކޮށް، އޭނާގެ ކަނާއަތް ފަލަމަސްގަނޑު މަތީ ބާންދައިގެން، ވާއަތުން ކުޑަކޮށް ހުންގާނުގައި އަތް ޖައްސާލައިގެން އިން މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

https://sun.mv/197775

މިއީ އެކްސިޑެންޓުތައް ހިނގުމަށް މަގުފަހިވެދާނެ ފަދަ ނުރައްކާތެރިކަމެކެވެ.

މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރަން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ސައިކަލުގައި ބުރިޖު ޕެޓްރޯލްކުރަން ވެސް ފުލުހުން ވަނީ ފަށާފައެވެ.

މި އަހަރުގެ މިހާތަނަށް ފުލުހަށް 1،933 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު، ކޮންމެ މަހަކު ވެސް 200އަށް ވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.

މި ފަހުން އެކްސިޑެންޓްތައް ގިނަވެފައިވާއިރު، މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުން ގިނަކުރުމުން އެކްސިޑެންޓުތައް މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

comment ކޮމެންޓް