ނުރައްކާތެރި ކަމެއް؛ ހައިވޭގައި ކުޑަކުޑަ ކުއްޖަކަށް ސައިކަލު ދުއްވަން ދީގެން!

ބްރިޖު ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް ދީގެންދާ މަންޒަރު --- ފޮޓޯ/ ފޭސްބުކް: މިރާއްޖެ

ސިނަމާލެ ބްރިޖު ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލެއްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް ދީގެން މީހަކު ދުއްވަމުންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި މިއަދު އާންމު ވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ ބްރިޖު ހައިވޭއިން މާލެއިން ހުޅުމާލެއަށް ދުއްވާފައި ދިޔަ ސައިކަލެއްގެ ކޮންޓްރޯލް ކުޑަ ކުއްޖަކަށް ދީފައިފައިވާ މަންޒަރެވެ.

ސްކޫލު ޔުނީފޯމުގައި ކުއްޖާ އިންއިރު ސައިކަލުގައި އިން ފިރިހެން މީހާ އެ ކުއްޖާއަށް ސައިކަލުގެ ކޮންޓްރޯލް ހަވާލުކޮށް، އޭނާގެ ކަނާއަތް ފަލަމަސްގަނޑު މަތީ ބާންދައިގެން، ވާއަތުން ކުޑަކޮށް ހުންގާނުގައި އަތް ޖައްސާލައިގެން އިން މަންޒަރު ފެނެއެވެ.

މި ކަމާ ގުޅިގެން ސުވާލުކުރުމުން ފުލުހުން ބުނީ، ހައިވޭގައި ސައިކަލުގެ ކޮންޓްރޯލް ކުޑަ ކުއްޖެއްގެ އަތަށް ދީގެން ދުއްވާ ވީޑިއޯއެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އެ މައްސަލަ ފުލުހުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ.

މި ގޮތަށް ނުރައްކާތެރިކޮށް ދުއްވާ މީހުންގެ ވީޑިއޯ އާންމުވުމަށް އެ މައްސަލަތައް ބެލުމަށް ފަހު ފުލުހުން ފިޔަވަޅު އަޅައެވެ. އެ ގޮތުން، ބުރިޖު މަތިން ހެލްމެޓް ނާޅައި ދުއްވާ ވީޑިއޯއެއް އާންމުވުމުންނާއި ބުރިޖުމަތިން ސައިކަލުގައި ބައިވަރު ގަސްތަކެއް އުފުލާ ވީޑިއޯއެއް އާންމުވުމުން މީގެ ކުރިން ފުލުހުން ފިޔަވަޅު އަޅާފައިވެއެވެ.

https://sun.mv/197305

މަގުމަތީގެ އެކްސިޑެންޓުތައް މަދުކުރަން ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ ގޮތުން، ސައިކަލުގައި ބުރިޖު ޕެޓްރޯލްކުރަން ވެސް ފުލުހުން ވަނީ ފަށާފައެވެ.

މި އަހަރުގެ މިހާތަނަށް ފުލުހަށް 1،933 އެކްސިޑެންޓު ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުން ދައްކާއިރު، ކޮންމެ މަހަކު ވެސް 200އަށް ވުރެ ގިނަ އެކްސިޑެންޓު ރިޕޯޓުކޮށްފައިވެއެވެ.

މި ފަހުން އެކްސިޑެންޓްތައް ގިނަވެފައިވާއިރު، މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުން ގިނަކުރުމުން އެކްސިޑެންޓުތައް މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް