ސަރުކާރުން އިންޑިއާއާ ގާތްވުން: ފާޑުވިދާޅުވުމާއެކު ޞާލިހުގެ އެތައް ސުވާލެއް!

ހދ. ކުޅުދުއްފުށީގައި އެމްޑީޕީން ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވާހަކަދައްކަވަނީ -- ފޮޓޯ/ އެމްޑީޕީ

އިންޑިއާއާއެކު މިދިޔަ އެމްޑީޕީ ސަރުކާރުން އޮތް ގުޅުން ނުރައްކަލެއްގެ ގޮތުގައި ރައްޔިތުންނަށް ދައްކައިގެން ވެރިކަމަށް އައި ޕީއެންސީ ސަރުކާރުން މިއަދު އިންޑިއާއާއެކު ގާތްގުޅުމެއް އުފައްދައި، ދެކޮޅު ހެދި ހުރިހާ އެއްބަސްވުމެއް ކުރިއަށްގެންދަން ނިންމުމުން، ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ ރައީސް ދްރޫޕަތީ މުރްމޫގެ ދައުވަތަކަށް އެ ގައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާފައެވެ. އެ ދަތުރުފުޅުގައި މި ސަރުކާރުން ރިޔާސީ އިންތިޚާބުތެރޭ ދެކޮޅު ހެދި ބައެއް އެއްބަސްވުންތައް ވަނީ އިންޑިއާގެ އެހީގައި ކުރިއަށް ގެންދަން ނިންމާފައެވެ.

އޭގެ ތެރޭގައި:

  • އިންޑިއާގެ އެހީގައި އުތުރުތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ސިފައިންގެ ބަނދަރާއި ޑޮކްޔާޑުގެ މަސައްކަތް ތާވަލާ އެއްގޮތަށް ނިންމަން އެއްބަސްވުން.
  • ހަނިމާދޫ އެއާޕޯޓުގެ ރަންވޭ އިފްތިތާހުކުރުން.
  • އައްޑޫ ސިޓީގައި ހުޅުވަން މަޝްވަރާކުރަމުން އަންނަ އިންޑިއާގެ ކޮންސިއުލޭޓްގެ އެއްބަސްވުން.

މިއަދު ހދ. ކުޅުދުއްފުށީގައި އެމްޑީޕީން ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގައި ވާހަކަދައްކަވަމުން ޞާލިޙު ވަނީ އެކަމާ ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.

އެގޮތުން ރައީސް މުއިއްޒު، ވެރިކަމަށް ވަޑައިގަތުމަށްޓަކައި ވީ ވައުދުތަކަކީ އެއްވެސް ހިސާބެއް ކިތާބެއް އަދި އެދުމެއް ނެތި، ހަގީގަތުގެ މައްޗަށް ނުބަލާ ވީ ވައުދުތަކެއްކަން މިއަދު ހާމަވަމުންދާ ކަމަށް ޞާލިޙު ވިދާޅުވިއެވެ.

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ -- ފޮޓޯ/ ރައީސް އޮފީސް

"އަވައްޓެރި ގައުމުތަކާ ދޭތެރޭގަ، އެތަންތަނުގެ ވެރިންނާ ދޭތެރޭގަ ނުދައްކަނީ ކޮން ވާހަކައެއްތޯ؟ ހަޑިހުތުރުވެގެން ނުގޮވަނީ ކޯންޗެއްތޯ؟ އޭގެ ސަބަބުން މުޅި ގައުމަށާ، އަޅުގަނޑުމެންގެ ރައްޔިތުންނަށް ވީ ގެއްލުންތައް ގުނާ އަދަދު ނުކުރެވޭ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީ ސަރުކާރުން ހދ. ހަނިމާދޫ ތަރައްގީކުރާތީ، އެތަނަށް މި ސަރުކާރުގެ ބޭފުޅުން ވަޑައިގެން އެތަނުގައި ސިފައިން ހަތިޔާރާއެކު ތިބިކަމަށާއި އެތަނުގައި އޮތީ ބިރުވެރިކަމާއި ނާމާންކަމޭ ވިދާޅުވި ކަމަށް ޞާލިޙު ވިދާޅުވިއެވެ.

"އެހެންނަމަވެސް އިހަށްދުވަހު އެ ވަޑައިގަތީ އެތާ އަޅާފަ އޮތް ރަންވޭއާ ހަވާލުވެފަ. ވިދާޅުވަމުން ގެންދިޔައީ ކީކޭތޯ؟ އިންޑިއާގެ ރައްޔިތުން އާބާދުކުރަންށޭ މިތާ އުޅެނީ. މިއަދަކު އެ ދެއްކި އެއްވެސް ވާހަކައެއް ނެތް. މިއަދަކު އެތާކު ނެތް ހަތިޔާރު އެޅި ސިފައިންނެއް،" ޞާލިޙު ވިދާޅުވިއެވެ.

ޞާލިޙު ވިދާޅުވީ އެ އެއްބަސްވުމުގެ މަސައްކަތް ވެސް އޭރު [މިދިޔަ ސަރުކާރުގައި] އޮތް ގޮތަށް އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެނެސް ކުރިއަށްދާ ކަމަށެވެ. އޭރު އެމްޑީޕީ ސަރުކާރުން ހަނިމާދޫ ތަރައްގީކުރަމުން ދިޔައީ އުތުރުގެ އަތޮޅުތަކަށް ޓޫރިޒަމް ގެނެސްދިނުމަށްޓަކައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހދ. ކުޅުދުއްފުށީގައި އެމްޑީޕީން ކުރިއަށްގެންދާ "ލާމަރުކަޒީ ގުޅުން" ކޮންފަރެންސްގެ ތެރެއިން -- ފޮޓޯ/ އެމްޑީޕީ

ދެން ފާހަގަކުރެއްވީ އިންޑިއާގެ އެހީގައި އުތުރުތިލަފަޅުގައި ތަރައްގީކުރަމުން އަންނަ ސިފައިންގެ ބަނދަރާއި ޑޮކްޔާޑުގެ މަސައްކަތުގެ އެއްބަސްވުމުގެ ވާހަކައެވެ. އެއީ މިދިޔަ ސަރުކާރުން ސިފައިންނަށް ކޮންމެހެން ބޭނުންވެގެން އިންޑިއާގެ އެހީގައި ހަދަމުން ގެންދިޔަ މަރުކަޒެއް ކަމަށް ޞާލިޙު ވިދާޅުވިއެވެ. ހަމައެއާއެކު އައްޑޫ ސިޓީގައި ހުޅުވާ އިންޑިއާގެ ކޮންސިއުލޭޓާ މެދު ވެސް އޭރު އިދިކޮޅުގައި ތިއްބަވާ މި ސަރުކާރުން ދެކޮޅު ހެއްދެވިކަން ފާހަގަކުރެއްވިއެވެ.

"ދެއްކީ ކޮން ވާހަކައެއްތޯ؟ އިންޑިއާގެ އަސްކަރީ މަރުކަޒެއް އެތާ ހަދާ ވާހަކަ. މިއަދު އެ އެގްރީމަންޓް ހަމަ އޮތް ގޮތަށް އަކުރަކަށް ފިއްޔަކަށް ބަދަލެއް ނުގެނެސް އެ ގެންދަނީ ކުރިއަށް. ކޮބައިތޯ އެ ދެއްކި އޮޅުވައިލުންތައް؟،" ޞާލިޙު ވިދާޅުވިއެވެ.

"އައްޑޫ ސިޓީގަ އިންޑިއާގެ ކޮންސިއުލޭޓެއް އުފައްދަން އުޅުނީމަ ދެއްކި ވާހަކައަކީ ކޮބައިތޯ؟ އެއީކީ ވެސް އިންޑިއާގެ އިންޓެލިޖެންސް ސެންޓަރެއް ހަދާ، އެތަނުގައި އިންޑިއާގެ ރައްޔިތުން ވަޒަންވެރިކުރުމަށްޓަކައި ކުރާ ކަމެކޭ. މިއަދު ކޮބައިތޯ؟ އެ އެގްރީމަންޓް އެ އޮތް ގޮތަށް އެކަން އެ ކުރިއަށްދަނީ،" ޞާލިޙު އިތުރަށް ވިދާޅުވިއެވެ.

މީގެ ކުރިން 2023 ވަނަ އަހަރު ނިމުނުއިރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައި މާކެޓުގެ ގޮތުގައި އިންޑިއާގެ މާކެޓު އޮތްއޮތުމަށް އައި ބަދަލު، މި ސަރުކާރުން ޒިންމާ ނަގަންޖެހޭނެ ކަމަށް ޞާލިޙު ވިދާޅުވިއެވެ. އެގޮތުން އެ ގައުމުން 40 ޕަސެންޓް މީހުން އައުން މަދުވެއްޖެ ކަމަށް ވިދާޅުވިއެވެ.

"ދައުލަތަށް ލިބެން އޮތް އާމްދަނީގެ ތެރެއިން 3.2 ބިލިއަން ރުފިޔާ ނުލިބި ހިނގައްޖެ. ކާކުތީ މީގަ ޒިންމާ ނަގަނީ؟ ފައިސާ ނެތް ވާހަކަ މިދައްކަނީ. މިއީ އަޅުގަނޑުމެންނަށް މި ވޭތުވެދިޔަ ނުވަ މަސް ދުވަހުގެ ތެރޭގައި ވެފަ ހުރި ގެއްލުންތައް،" ޞާލިޙު ވިދާޅުވިއެވެ.

https://sun.mv/197700

އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަމާ އިސްތިގުލާލު ގެއްލޭ ވާހަކައާއި ދީން މި ގައުމުން ނެތިގެންދާ ވާހަކައޭ ކިޔައި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލާފައިވާ ކަމަށެވެ. އަދި އެކަންކަން ބަދަލުވެ މިއަދު ރައްޔިތުންނަށް ވެސް އެއީ ދޮގު ވާހަކަތަކެއްކަން އެނގޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އިދިކޮޅު އެމްޑީޕީގެ ފާޑުކިޔުންތައް މި ސަރުކާރަށް އެންމެ ބޮޑަށް އަމާޒުވަމުން ދަނީ، ވެރިކަމަށް އައުމަށް ޓަކައި ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި ތިބެ "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ކުރިޔަށް ގެންދިއުމުންނެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާވާ ފަދަ އެއްބަސްވުންތަކެއް އެމްޑީޕީގެ ސަރުކާރުން ހަދާފައިވާ ކަމަށް ތުހުމަތުކޮށް ފެށި ހަރަކާތެކެވެ.

މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ވެސް ރާއްޖެ-އިންޑިއާ ގުޅުން ގޯސްވިއެވެ. އެއީ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. ސީދާ ރައީސް ވެސް އިންޑިއާއަށް ރައްދުވާހެން ނުސީދާ މޭރުމަކުން ވަނީ ފާޑުކިއުންތަކެއް ރައްދުކުރައްވައިފައެވެ. އެހެން ނަމަވެސް އެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.

ނަމަވެސް ބައިނަލްއަގްވާމީ މީޑިއާތަކުގެ ފާޑުކިޔުންތައް ވެސް ވަރަށް ބޮޑަށް އަމާޒުވެފަވެއެވެ. މި ސަރުކާރުން ނެގީ ބޮޑު ޔޫ-ޓާންއެއްގެ ގޮތުގައި ސިފަކުރެއެވެ.

comment ކޮމެންޓް