ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބިފައި ނުވާ ބަޔަކަށް ހުޅުމާލެއިން ބިންދީ, އުސޫލާ ޚިލާފަށް, ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭއިރު, އެ މައްސަލާގައި ޒިންމާ ނަގަންޖެހޭ ފަރާތަކީ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ކަމަށާއި އޭނާ މަގާމުން އެކަހެރިކުރަންޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފިއެވެ.
ބިންވެރިޔާ ސްކީމުން ބިން ލިބިފައި ނުވަނީސް, އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ, އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު, މުޙައްމަދު ފަޒީލް ރަޝީދަށް ހުޅުމާލެއިން ބިން ދީފައިވާ ކަމަށް ބުނާ މައްސަލައެއް އިއްޔެ ވަނީ ފެންމަތި ވެފައެވެ. މި ބޮޑު ތުހުމަތު ފަޒުލް ވަނީ ރޭ ދޮގު ވެސް ކުރައްވާފައެވެ.
ނަމަވެސް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ން އިން މިއަދު ވަނީ ފަޒުލް ހިމެނޭހެން އެޗްޑީސީގެ ޗެއާމަން އަޙްމަދު ނާސިފް, ފިޔަވާ އެ ބޯޑުގައި ހިމެނޭ އެހެން ހުރިހާ ބޭފުޅުން މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑް ކޮށްފައެވެ. އަދި އެޗްޑީސީން ވަނީ ފަޒީލް ވެސް ސަސްޕެންޑް ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ، ގޯތީގެ ވައްކަމަކީ މި ސަރުކާރުގެ ވައްކަމުގެ ސިލްސިލާ ޕްރޮގްރާމެއް ކަމަށެވެ. ހައުސިން މިނިސްޓްރީއަށް އެ މައްސަލަ މިއަހަރުގެ ޖުލައި މަހު އެނގިއްޖެ ކަމަށާއި އެހެންނަމަވެސް ހައުސިން މިނިސްޓްރަށް އެނގިވަޑައިގެންނެވި ހިސާބުން އެކަމަށް ފިޔަވަޅު ނޭޅުއްވިކަން އެއީ ސުވާލު އުފެދޭ ކަމެއް ކަމަށް އަކުރަމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ މައްސަލައިގައި ޒިންމާ ނަގަންޖެހޭނީ ފަޒުލް އެކަނި ނޫން ކަމަށާއި ފަޒުލް އެކަނި ސަސްޕެންޑްކޮށްގެން އެކަން ނިންމާލެވެން ނެތްކަމަށެވެ.
ފަޒުލް މަގާމުން ސަސްޕެންޑުކުރުން އަކުރަމް ސިފަކުރެއްވީ "އެއީ އަޅުވަލި އަނދުނެއް"ގެ ގޮތުގައެވެ.
"ހައުސިން މިނިސްޓްރީން މިކަން ހިންގެވިއިރު އެނގިވަޑައިގަންނަވާނެ މި ހުރިހާ ތަފްސީލެއް. އެ ނޭނގޭނެ އެޗްޑީސީއަކަށް ހުސްކޮށް ހުރި ޕްލޮޓްތަކާ އެއްޗިއްސެއް. އެހެންވީމަ އެ މައުލޫމާތު ހައުސިން މިނިސްޓްރީން ޝެއާނުކުރާނަމަ އެޗްޑީސީއަކަށް ނޭނގޭނެ،" މިދިޔަ ސަރުކާރުގައި މި ސްކީމް ހިންގަން އިސްކޮށް އުޅުއްވި އަކުރަމް ވިދާޅުވިއެވެ.
"..ހައިދަރުގެ އިސްއިތުފާއަށް އަޅުގަނޑު ގޮވާލަން. ރައީސް ޖެހޭނެ ވަގުތުން ވަގުތަށް އޭނާ ސަސްޕެންޑުކުރަން މައްސަލަ ބަލާ ނިމެންދެން،" އަކުރަމް ވިދާޅުވިއެވެ.
އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ އެ މައްސަލައަކީ އާއިލީ މަސްލަހަތު ހިމެނޭ ވައްކަމެއް ކަމަށެވެ. މީކާއިލް ވިދާޅުވީ ސޯޝަލް ހައުސިންގެ ކަންކަން ބަލާ ކޮމިޓީގައި ފަޒުލްއާއި އޭނާގެ ބޭބެގެ އެއްބަނޑު އެއްބަފާ ބޭފުޅެއް ކަމަށްވާ ފިޒާނާ ރަޝީދު އިންނަވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ރައްޔިތުންގެ އިތުބާރު ހޯދައި، މިނިވަން ތަހުގީގެއް ހިންގުމަށްޓަކައި އެ ބޭފުޅުން މަގާމުން އެކަހެރިކުރަންޖެހޭ ކަމަށް މީކާއިލް ވިދާޅުވިއެވެ.
މީކާއިލް ވިދާޅުވީ އެ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ބެލުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށެވެ. އެގޮތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުކޮށް، ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް އެޗްޑީސީ ހާޒިރުކުރާނެ ކަމަށް ވެސް މީކާއިލް ވިދާޅުވިއެވެ.
"އެހެންވީމަ މި ޚިޔާނާތް ނުހިންގިގެން މިއޮތް ހުރިހާ ދުވަހު ބިންވެރިޔާ ސްކީމުން މާލޭގެ ނިކަމެތި ރައްޔިތުންނަށް ޒަމާނުއްސުރެ ނުލިބި އޮތް ބޯހިޔާވަހިކަން [އެމްޑީޕީ ސަރުކާރުން] ކަށަވަރުކޮށްދިނުމުން، މިއޮތް ހުރިހާ ދުވަހު މި ޖަރީމާ ނުހިންގިގެން ބިންވެރިޔާ ސްކީމް ގޯސްވެގެން މިއުޅުނީ،" މީކާއިލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަކަށް އުނިކަމެއް ލިބިފައިނުވާނެ ކަމަށާއި އަދި ނުވެސް ލިބޭނެކަމަށެވެ.
މި މައްސަލަ ވަރަށް ބޮޑުވެފައިވާއިރު މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން އިއްޔެ ވަނީ އެޗްޑީސީއަށް ވަދެފައެވެ. އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވެސް އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މި މައްސަލަ ފެންމަތި ވެފައި މިވަނީ ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކުރި ބިމާއި ފްލެޓްތައް އޭގެ ހައްގުވެރިންނަށް މި ސަރުކާރުން ހަވާލު ނުކުރާ ކަމަށް ބުނެ އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ.