ރައީސްގެ ވިސްނުމަކީ އެހެން ގައުމުތަކުގެ ފައިސާ ރާއްޖޭގައި ބޭނުންކުރެވޭގޮތް ހެދުން: ޒަމީރު

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ޒަމީރު ވިދާޅުވީ ރައީސްގެ ވިސްނުމަކީ އެހެން ގައުމުތަކުގެ ފައިސާ ރާއްޖޭގައި ބޭނުންކުރެވޭގޮތް ހެދުން ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްޙޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ، ހަމައެކަނި ޑޮލަރަށް ބަރޯސާވުމުގެ ބަދަލުގައި އެހެނިހެން ގައުމުތަކުގައި ބޭނުންކުރާ ފައިސާ ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހެދުން ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މިދިޔަ އާދިއްތަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އެމަނިކުފާނު އަވައްޓެރި އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ތެރެއިން ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ ރައީސް މުއިއްޒުގެ ވިސްނުންފުޅަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރާ އަދި ރާއްޖެއިން މުދާ އެކްސްޕޯޓުކުރާ ގައުމުތަކުގެ ފައިސާ ރާއްޖޭގައި ބޭނުންކުރާ ގޮތަށް ހެދުމެވެ.

ރައީސްގެ ވިސްނުން މިހުރީ އެއް ސިންގަލް ކަރެންސީގެ ބަދަލުގައި ރާއްޖެއަށް ޓޫރިސްޓުން އަންނަ ގައުމުތަކާއި، ރާއްޖޭގެ މުދާ އެކްސްޕޯޓުކުރެވޭ ގައުމުތަކުގަ ބޭނުންކުރާ ފައިސާ ރާއްޖޭގަ ބޭނުންކުރެވޭނެ ގޮތަކަށް ބައްޓަންކުރުން، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

އެގޮތުން "ލޯކަލް ކަރަންސީ ސެޓްލްމަންޓު އެގްރީމަންޓް"އެއް ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމް ކުރުމަށް ޓަކައި މަޝްވަރާތައް ކުރާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އަދި އެ ކަމަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާ ކަމަށް ވެސް ޒަމީރު ވިދާޅުވިއެވެ.

އޭގެ މިސާލެއްގެ ގޮތުގައި ޒަމީރު ނެންގެވީ ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތަށް ތައާރަފުކުރުމެވެ.

އެ ޚިދުމަތް ރާއްޖޭގައި ތައާރަފުކޮށްފައި ވަނީ ރައީސްގެ އިންޑިއާގެ ދަތުރުފުޅުގެ ތެރެއިންނެވެ. އެހެންނަމަވެސް އަދި އެ ކާޑުގެ ޚިދުމަތް ބޭނުންކުރެވޭނީ އިންޑިއާ މީހުންނަށް އެކަންޏެވެ.

މިސާލަކަށް ރާއްޖެ އަންނަ ޓޫރިސްޓުން ރާއްޖޭގައި އިންޑިއާގެ ފައިސާ އިން މުއާމަލާތްކޮށް އަދި އަޅުގަނޑުމެންގެ އެކައުންޓަށް ވެސް އިންޑިއާގެ ފައިސާ ޖަމާކުރެވޭނެ. އެނގިވަޑައިގަންނަވާނެ އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން އެއްޗެހި އިމްޕޯޓްކުރާ އެއް ގައުމު. އެހެންވީމާ އަޅުގަނޑުމެންނަށް އެ ފައިސާ ބޭނުން ކުރެވޭނެ، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު

ޒަމީރު ވިދާޅުވީ އިންޑިއާއަކީ ސިއްހީ ބޭނުންތަކަށާއި ކިޔެވުމަށް ގިނަ ދިވެހިންތަކެއް ދާ ގައުމެއް ކަމަށެވެ. އެގޮތުން ދެ ގައުމުގެ ފައިސާ ބޭނުންކުރުމުގެ ކަންކަން ފުރިހަމަވުމުން ރާއްޖޭގައި ޑޮލަރަށް ޖެހިފައިވާ މައްސަލައަށް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަށް ޓަކައި ގެންނަންޖެހޭ ބަދަލުތައް މަރުކަޒީ ބޭންކު، އެމްއެމްއޭއާއި ޓެކްސް އިދާރާ، މީރާއިން ގެނައުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށް ޒަމީރު ވިދާޅުވިއެވެ. އޭގެ ތެރޭގައި އިންޑިއާ ފައިސާ ޖަމާކުރާނެ އެކައުންޓު ހުޅުވުން ފަދަ އިންތިޒާމުތައް ހަމަޖެއްސުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖެ އަށް ޑިޖިޓަލް ބޭންކިން ތައާރަފު ކުރުމާއި، އޮންލައިން ގޭޓްވޭގެ ޚިދުމަތްތައް ޒަމާނަށް ފެއްތުމަކީ ވެސް ރައީސް މުއިއްޒުގެ ވިސްނުންފުޅެއް ކަމަށް ޒަމީރު ވިދާޅުވިއެވެ.

https://sun.mv/197738

ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ. މިހާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިންވަނީ ރުޕޭ ކާޑަކީ ވެސް ބަލައިގަންނަ ކާޑެއްގެ ގޮތުގައި ހަދައިފައެވެ.

ރައީސް މުއިއްޒު، އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގެންފައި ވަނީ މިއަދުއެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އާގްރާ އަށާއި، މުމްބާއީ އަށާއި، ބެންގަލޫރަށް ވެސް ޒިޔާރަތްކުރައްވާފައެވެ. މި ސިޓީތަކުގައި ވެސް މުހިންމު ގިނަ ހަރަކާތްތަކާއި ބައްދަލުވުންތައް ކުރިއަށްގެންދެވިއެވެ.

ނިއުދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވެވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ދެ ޤައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުން، މުމްބާއީގައި ބޭއްވި "މޯލްޑިވްސް އިންޑިއާ ނެޓްވޯކިން އީވްނިން" ގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތެވެ.

comment ކޮމެންޓް