އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާ ރައީސް ރާއްޖެ ވަޑައިގެންފި

އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާ ރައީސް ރާއްޖެ ވަޑައިގަތުން -- ފޮޓޯ/ ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވާ ރާއްޖެ ވަޑައިގެންފިއެވެ.

މިދިޔަ އާދިއްތަ ދުވަހު އެމަނިކުފާނު އިންޑިއާއަށް ވަޑައިގެންނެވީ އެގައުމުގެ ރައީސް ދްރުޕަތީ މުރުމޫގެ ދައުވަތަކަށެވެ.

މި ދަތުރުފުޅުގައި ރައީސް ވަނީ އިންޑިއާގެ ރައީސާއި ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އަދި އެ ގައުމުގެ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވާފައެވެ. ދެ ބޭފުޅުންގެ މަޝްވަރާތައް ބިނާކުރައްވާފައިވަނީ، ދޭދޭ ގުޅުންތައް ހަރުދަނާކުރުމާއި، ދެ ގައުމުގެ ދެމެދުގައި އޮންނަ ބަދަހިގުޅުން އިތުރުކުރުމުގެ މައްޗަށެވެ.

https://sun.mv/197615

މި ދަތުރުފުޅުގައި ރައީސް ވަނީ އާގްރާ އަށާއި، މުމްބާއީ އަށާއި، ބެންގަލޫރަށް ވެސް ޒިޔާރަތްކުރައްވާފައެވެ. މި ސިޓީތަކުގައި ވެސް މުހިންމު ގިނަ ހަރަކާތްތަކާއި ބައްދަލުވުންތައް ކުރިއަށްގެންދެވިއެވެ. ނިއުދިއްލީ އާއި މުމްބާއީ އަދި ބެންގަލޫރުގައި ބޭއްވެވި އިންޑިއާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ރައީސް ވަނީ، ކުރިއަށްއޮތް ދުވަސްތަކުގައި ދެ ޤައުމުން އެކުގައި ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރައްވައި، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ފަތުރުވެރިކަމުގެ ދާއިރާއިން އިންވެސްޓްކުރުމަށް ހުރި ފުރުޞަތުތައް އަންގައިދިނުމުގެ ގޮތުން، މުމްބާއީގައި ބޭއްވި "މޯލްޑިވްސް އިންޑިއާ ނެޓްވޯކިން އީވްނިން" ގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަތެވެ.

މިއީ މިދިޔަ ނޮވެމްބަރު މަހު ރައީސް މުޢިއްޒު، މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅެވެ.

އާއްމުގޮތެއްގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ކުރީގެ ރައީސުން އެންމެ ފުރަތަމަ ވެސް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައި ވަނީ އަވައްޓެރި އިންޑިއާއަށެވެ.

އެއާ ޚިލާފަށް ރައީސް މުއިއްޒު އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީއަށެވެ. ފުރަމާނަ ދަތުރުފުޅެއް ފުރަތަމަ ކުރެއްވީ ޗައިނާއަށެވެ.

އޭގެ ފަހުން ސަރުކާރުގެ ބައެއް ވަޒީރުން ވަނީ އެކި ފަހަރުމަތިން އިންޑިއާއަށް ރަސްމީ ދަތުރުތަކުގައި ވަޑައިގެންފައެވެ. އަދި މި ފަހުން އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖައިޝަންކަރު ވަނީ ރާއްޖެ ވަޑައިގެންފައެވެ.

comment ކޮމެންޓް