އިންޑިއާއަށް ގެއްލުންވާ އެއްވެސް ކަމެއް ލަންކާއިން ނުކުރާނެ: ޑިސަނަޔަކަ

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ (ކ) އާއި ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔެކަ (ވ): ޑިސަނަޔެކަ މިހާރު ގެންދަވަނީ ތިން ދުވަހުގެ ދަތުރުފުޅެއް އިންޑިއާއަށް ކުރައްވަމުން -- ފޮޓޯ/ޕީޓީއައި

އިންޑިއާއަށް ގެއްލުންވާ ގޮތަށް އެއްވެސް ކަމެއް ކުރުމަށް ސްރީ ލަންކާގެ ބިން ބޭނުން ނުކުރެވޭނެ ކަމުގެ ޔަގީންކަން، އެ ގައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ދެއްވައިފިއެވެ.

ޑިސަނަޔަކަ އެގޮތަށް ވިދާޅުވީ އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ވެރިރަށް ނިއު ދިއްލީގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކައިގައެވެ.

މިއީ މިދިޔަ ސެޕްޓެމްބަރު މަހު ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ޑިސަނަޔަކަ ބޭރުގެ ގައުމަކަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އެ ބައްދަލުކުރެއްވުމުގައި ޑިސަނަޔަކަ ވަނީ މީގެ ދެ އަހަރު ކުރިން ލަންކާއަށް ކުރިމަތިވި ބޮޑު އިގްތިސާދީ ގޮންޖެހުންތަކުގައި އިންޑިއާއިން ދިން އެހީތެރިކަމުގެ އަގުވަޒަންކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އެ ބައްދަލުވުމުގައި ދެ ގައުމުން ވަނީ ޑަބަލް ޓެކްސް ނެގުން ހުއްޓުވުމަށާއި ދެ ގައުމުގެ މެދުގައި ގާބިލްކަން އިތުރުކުރުމަށް ކުރާ މަސައްކަތްތައް އިތުރުކުރަން އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.

މޯދީ ވިދާޅުވި ގޮތުގައި އެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ ގުޅުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

މީގެ އިތުރުން، ދެ ގައުމުގެ މެދުގައި ހަކަތައާއި ޑިޖިޓަލް އަދި ފިޒިކަލް ކަނެކްޓިވިޓީގެ އިތުރުން އިންވެސްޓްމަންޓުތައް ކުރިއެރުވުމަށް މަސައްކަތްކުރައްވާނެ ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

ދެ ގައުމުގެ ދިފާއީ އެއްބަސްވުންތަކުގެ އިތުރުން ހައިޑްރޮގްރަފީގެ މަސައްކަތްތަކާ މެދު މަޝްވަރާ ކުރުމާއި ސަމްޕޫރު ސޯލާ ޕަވާ ޕްރޮޖެކްޓާއި، ލަންކާގެ އެތެރޭގެ ރޭލު ޚިދުމަތް، އަދި ދެ ގައުމުގެ ފެރީއާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފަދަ މައުޟޫއުތަކަށްވެސް ވެސް ބައްދަލުވުމުގައި އަލިއަޅުވާލެއްވިއެވެ.

މޯދީ ވަނީ ކަނޑުގެ ސަލާމަތާއި ސައިބާ ސެކިއުރިޓީއާއި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރުމުގެ މުހިންމުކަންވެސް ފާހަގަކުރައްވާފައެވެ.

ޑިސަނަޔަކަ އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖަޔަޝަންކަރު ދެއްވި ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ޑިސަނަޔަކަ ވެރިކަމަށް ވަޑައިގަތީ ލަންކާ ބަނގުރޫޓުވެ އިގްތިސާދީ ކާރިސާއެއް ކުރިމަތިވުމުން އުފެދުނު ހަމަނުޖެހުންތަކުގައި އޭރުގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވިތާ ދެ އަހަރު ފަހުން ބޭއްވި އިންތިޚާބުގައެވެ.

comment ކޮމެންޓް