އިންޑިއާގެ ރުޕޭ ކާޑު ރާއްޖޭގައި އިފްތިތާހުކޮށްފި

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތަށް، މިއަދު އިފްތިތާހުކޮށްފިއެވެ.

ރުޕޭ ކާޑު ރާއްޖެއަށް ތައާރަފްކޮށްފައިވަނީ މިހާރު ރައީސް ޑރ. މުޙައްމަދު މުއިއްޒު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވެވި މަޝްވަރާ ބައްދަލުވުންތަކަށްފަހުގައެވެ.

އެންމެ ފުރަތަމަ ޓްރާންސެކްޝަން ކާޑު ބޭނުންކޮށްގެން ކޮށްފައިވަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއްގައެެވެ.

ރުޕޭ ކާޑު މަސައްކަތްކުރަނީ ބޭނުންކުރާ ވިސާ، މާސްޓާކާޑް ފަދައިންނެވެ. މިހާރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިންވަނީ ރުޕޭ ކާޑަކީ ވެސް ބަލައިގަންނަ ކާޑެއްގެ ގޮތުގައި ހަދައިފައެވެ.

މަޝްވަރާ ބައްދަލުވުމަށްފަހު ދެ ގައުމުގެ ވެރިން ދެއްކެވި ވާހަކަފުޅުގެ ތެރެއިން މޯދީވަނީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި އިންޑިއާގެ އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ޚިދުމަތް ވެސް ފަށާނެ ކަމަށް ވިދާޅުވެފައެވެ.

https://sun.mv/195288

އެ ކަމަށް ޓަކައި މިހާރު ވަނީ އެމްއޯޔޫއެއްގައި ސޮއި ވެސް ކޮށްފައެވެ.

އެ އެމްއޯޔޫގައި ސޮއިކުރީ އިންޑިއާގެ އެކްްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެެރެއިންނެވެ.

އެމްއޯޔޫގައި ސޮއިކުރެވުމަކީ ރާއްޖެއަށް އެ ނިޒާމު ތައާރަފްކުރުމުގެ ފުރަތަމަ ހަރުފަތް ކަމަށާއި އުންމީދަކީ މިކަން ކާމިޔާބުވުންކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ. މީގެ ފައިދާ ދިވެހި ފަތުރުވެރިކަމަށާއި، ރާއްޖޭގެ އިގްތިޞާދަށް ކުރާނެކަން ޖައިޝަންކަރު ވަނީ ފާހަގަކުރައްވާފައެވެ.

comment ކޮމެންޓް