ވެރިކަން ހޯދުމަށް ޓަކައި މި ސަރުކާރުގެ އިސް ވެރީން ހެދި ދޮގުތަކުގެ ސަބަބުން ގައުމަށްވީ ގެއްލުމުގެ ޒިންމާ އެ ބޭފުޅުން ނަންގަވަންޖެހޭނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުން އިންޑިއާއާ އެކު ބޭއްވި ގާތް ގުޅުމަށް ނޭދެވޭ އަސަރުކުރާ ގޮތަށް، ޕީޕީއެމް/ޕީއެންސީން އިދިކޮޅުގައި ތިބެ "އިންޑިއާ އައުޓް"ގެ ނަމުގައި ވަނީ ހަރަކާތެއް ކުރިޔަށް ގެންގޮސްފައެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި ސަލާމަތަށް ނުރައްކާވާ ފަދަ އެއްބަސްވުންތަކެއް އެމްޑީޕީގެ ސަރުކާރުން ހަދާފައިވާ ކަމަށް ތުހުމަތުކޮށް ފެށި ހަރަކާތެކެވެ.
މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ވެސް ރާއްޖެ-އިންޑިއާ ގުޅުން ގޯސްވެގެން ދިޔައެވެ. އެހެން ނަމަވެސް އެ ގުޅުން މިހާރު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ އަވައްޓެރި ގައުމުތަކާއެކު އޮންނަ ގާތް ގުޅުންތަކަކީ ގައުމުތަކުން ހިއްސާކުރާ މަސްލަހަތުތައް ހިމާޔަތް ކުރުމުގައި ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މި ސަރުކާރުން އިންޑިއާއާ އެކު އެއްބާރުލުން ދީގެން މަސައްކަތް ކުރުމަކީ އެކަމުގެ ހެއްކެއް ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޕީޕީއެމް ޕީއެންސީން ދެއްކި ވާހަކަތަކަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކުރި ކަމެއްކަން ހާމަވެއެވެ.
މިދިޔަ ސަރުކާރުން އިންޑިއާއާ އެކު ހެދި ހައިޑްރޮގްރަފީ އެއްބަސްވުމާއި އުތުރު ތިލަފަޅު (ޔޫޓީއެފް) އެއްބަސްވުމާއި، އައްޑޫ އިންފްރާސްޓްރަކްޗާ މަސައްކަތްތަކާއި، އައްޑޫގައި ކޮންސިއުލޭޓެއް ގާއިމް ކުރުމާއި ގުޅޭ މަޝްރޫއާ ގުޅިގެން ވެސް، އޭރު އިދިކޮޅުގައި ތިބި މި ސަރުކާރުގެ ވެރިން އެ ކަން ސިފަކުރީ އިސްތިއުމާރީ ޕްލޭނެއްގެ ގޮތުގައެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި އިންޑިއާއާއި ރާއްޖޭގެ ގުޅުން އެފަދަ ގޮތަކަށް ސިފަކޮށްދިނުމަކީ ޣައިރު ޒިންމާދާރު ކަމެކެވެ.
އޭނާ ވިދާޅުވީ ރައީސް މުއިއްޒު އަވައްޓެރި އިންޑިއާ ބާކީކުރުމުގެ ސަބަބުން ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ގެއްލުންތައް ކުރިމަތިވި ކަމަށެވެ.
އެ ކަމުގެ ސަބަބުން ރާއްޖެއަށް އެހީތެރިކަން ބޭނުންވި ދުވަސްވަރުގައި މާލީ ދަތިތަކުން އަރައިގަތުމަށް ދަތިވެ، މާލީ ބާޒާރުގައި ރާއްޖޭގެ ގާބިލްކަން ގެއްލި، މާލީ ހާލަތު ރަނގަޅު ކުރުމަށް ދަތިވެގެންދިޔަ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒަށް ދުރުރާސްތާ ފެނިވަޑައިނުގަތުމުގެ ސަބަބުން ބައިނަލްއަގުވާމީ ދުނިޔޭގައި ރާއްޖޭގެ ނަމަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ކަމަށާއި، އެ ކަމުގެ ހިތި ރައްޔިތުން ތަޖުރިބާ ކުރަން ޖެހުނު ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
އޭނާ ވިދާޅުވި ގޮތުގައި ވެރިކަމަށް އައުމަށް މި ސަރުކާރުގެ އިސް ބޭފުޅުން ހެދި ދޮގުތަކުންވީ ގެއްލުމުގެ ޒިންމާ އެ ބޭފުޅުން ނަންގަވަން ޖެހޭނެއެވެ.